ފުވައްމުލައް ސިޓީ ގައި ޓޫރިޒަމް ޔުނިޓެއް އުފައްދަނީ



ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ޓޫރިޒަމް ޔުނިޓެއް އުފައްދައި، މި ޔުނިޓުގައި މަސައްކަތްކުރުމަށް 3 ޓޫރިސްޓް އޮފިސަރުން ނެގުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ނިންމަފިއެވެ.
ފުވައްމުލައް ސިޓީގެ ޓޫރިޒަމް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށްޓަކައި ޓުރިޒަމް ޔުނިޓެއް އުފައްދަން ސިޓީ ކައުންސިލަށް ހުށަހަޅާފައިވަނީ ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގުއެވެ. މި މަހުގެ 12 ވަނަ ދުވެހި ބޭއްވި ސިޓީ ކައުންސިލުގެ ޖަލްސާގައި މޭޔަރު އިސްމާއިލް ރަފީގު ހުށަހެޅުއްވީކައުންސިލުގައި ޓޫރިޒަމް ޔުނިޓެއް އުފައްދައި އަދި މި ޔުނިޓު ހިންގުމަށް އައިލެންޑް ޖެނެރަލް މެނޭޖަރަކާއި ޓޫރިސްޓް އޮފިސަރެއް ނެގުމަށެވެ.
މި މައްސަލައިގައި ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރެވި ފާސްވެގެން ދިަޔއީ ޓޫރިޒަމް ޔުނިޓެއް އުފައްދާ އެ ޔުނިޓުގެ މަސައްކަތްތަކަށް 3 ޓޫރިސްޓް އޮފިސަރުން ނެގުމަށެވެ. ޓޫރިސްޓް އޮފިސަރުންގެ މުސާރައަށް ކައުންސިލުން ކަނޑައަޅާފައި ވަނީ 12000 އާއި 15000 ރުފިޔާ އާއި ދެމެދުގެ މުސާރައެކެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން އުޅޭ ނޫޅޭ ގޮތް ބައެއް ކައުންސިލްތަކަށް ރަނގަޅަށް މޮނިޓަރ ނުކުރެވޭ މައްސަލަ ފެންމަތިވެފައިވާއިރު ފުވައްމުލައް ސިޓީގައިވެސް ވަނީ މިފަދަ މައްސަލަތަކެއް ފެންމަތިވެފައެވެ. މި ގޮތުން ފުވައްމުލައް ތުނޑީގައި ފަތުރުވެރިން ގަވައިދުތަކާއި ހިލާފަށް އުޅެމުންދާކަމުގެ ޝަކުވާތައް އިތުރުވެފައިވާއިރު މި ޓޫރިޒަމް ޔުނިޓްގެ ސަބަބުން މިފަދަ މައްސަލަތަކައް ހައްލެއް ލިބިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
Content retrieved from: https://aonews.mv/97788.
