10 އަހަރަށްފަހު ފޯކައިދޫއިން ގޯތި ދޫކުރަން އިއުލާންކޮށްފި


ރަށުން ގޯތި ދޫނުކުރާތާ ގާތްގަނޑަކަށް 10 އަހަރަށްފަހު، ޗަސްބިން ގިނަ، ށ. ފޯކައިދޫއިން 2000 އަކަފޫޓުގެ 120 ގޯތި ދޫކުރުމަށް ރަށު ކައުންސިލުން ނިންމައި ރޭ އެކަން އިއުލާންކޮށްފި އެވެ.
އާބާދީގައި 1718 މީހުން ހިމެނޭ ފޯކައިދޫއިން ވެއެތުވެދިޔަ 10 އަހަރު ގޯތި ދޫނުކުރީ، ހިއްކައިގެން ނޫން ގޮތަކަށް ޗަސްބިމުގައި ދިރިނުއުޅެވޭނެތީ އާއި ހިއްކުމުގެ ގާބިލްކަން ކައުންސިލަށް ނެތުމުންނެވެ. ނަމަވެސް ގާތްގަނޑަކަށް 69 ހެކްޓަރުގެ ބިން އޮންނަ އެރަށުގެ ޗަސްބިން ހިއްކައި ގޯތި ދޫކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އޮތީ މިދިޔަ ސެޕްޓެމްބަރު މަހު ވައުދުވެވަޑައިގެންގަ އެވެ.
“ވަރަށް ގިނަ ރައްޔިތުން އަޅުގަނޑުމެން ކައިރިއަށް އަބަދުވެސް އާދޭ ގޯތި ދޫނުކުރާނެ އިރެއް އޮޅުން ފިލުވަން. މިހާތަނަށް އަޅުގަނޑުމެންނަށް ބިން ނުހިއްކިގެން އެކަން ނުވެ އޮތީ. އެކަމަކު މިހާރު ބިން ހިއްކޭނެކަމުގެ ޔަގީންކަން އެބަ އޮތް،” ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް އަހުމަދު އާސިފް ވިދާޅުވި އެވެ.
އާސިފް ވިދާޅުވީ ގޯތި ދޫކުރާނީ ރަށުގެ އުތުރާއި ދެކުނާއި އިރުމަތިން ކަމަށެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ހިއްކުމުގެ މަޝްވަރާތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު ކުރަމުންދާ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.
“ވަރަށް އަވަހަށް ބިން ހިއްކަން ފަށާނެ. މިހާރު ބިން ހިއްކުމަށްވާންޖެހޭ ތައްޔާރީތައްވަމުން މިދަނީ،” އާސިފް ވިދާޅުވި އެވެ.
ގޯތި ދޫކުރުމަށް ފޯކައިދޫ ކައުންސިލުން ގެޒެޓު ކުރި އިއުލާނުގައި ބުނެފައި އޮތީ ގޯއްޗަށް އެދޭ ފޯމު ބަލައިގަންނާނީ މިހިނގާ ޖެނުއަރީ 25، އިން ފެށިގެން ފެބްރުއަރީ 15، ގެ ނިޔަލަށް ކަމަށެވެ. މިހާރު ކައުންސިލުން ނެރެފައިވާ އިއުލާނުގައިވާ ޝަރުތުތަކުގެ އިތުރުން ގޯއްޗަށް ކުރިމަތިލާ މީހުންނަށް ޕޮައިންޓު ދޭ އުސޫލެއް ވެސް ފަހުން އާންމު ކުރާނެ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.
Content retrieved from: https://adhadhu.com/article/20577.
