ޑިފެންސް މިނިސްޓަރުގެ އާއިލާ އާ ގުޅޭ ފިއްކަނޑައިގެން ދާ ވަރުގެ ކޮރަޕްޝަން ގެ ރިޕޯޓެއް ދިޔަރެސް އިން އާއްމު ކޮށްފި


ޑިފެންސް މިނިސްޓަރުގެ އާއިލާ އާ ގުޅޭ ފިއްކަނޑައިގެން ދާ ވަރުގެ ކޮރަޕްޝަން ގެ ރިޕޯޓެއް ދިޔަރެސް އިން އާއްމު ކޮށްފިއެވެ. އިތުރަށް ވިދާޅުވޭ!
ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ދަރިކަލުން އައްފާން އަބްދުއްސައްތާރުގެ ނަމުގައި އިނގިރޭސިވިލާތުގެ ލަންޑަނުގެ އެންމެ އަގު ބޮޑު އެއް ސަރަހައްދުގައި 1,530،000 ޕައުންޑުގެ ގެއެއް ހުރިކަން ހާމަވެއްޖެއެވެ.
އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 31 މިލިއަން ރުފިޔާއެވެ. މި މައުލޫމާތު “ދިޔަރެސް” އަށް ލިބިފައިވަނީ އިނގިރޭސިވިލާތުގެ ޕްރައިވެޓް އިންވެސްޓިގޭޓިވް އޭޖެންސީ އަކުން ކަމަށް އެނޫހުން ބުނެއެވެ. އެ އޭޖެންސީ އިން ވަނީ މާރިޔާގެ ދަރިކަލުން އައްފާން އާއި ގުޅޭ ގިނަގުނަ މައުލޫމާތު “ދިޔަރެސް” އަށް ފޯރުކޮށްދީފައެވެ.
އައްފާން އަކީ ކާކު؟
އައްފާން އަބްދުއް ސައްތާރަކީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އެންމެ ދޮށީ ދަރިކަލުންނެވެ. އައްފާނުގެ ބައްޕައަކީ އަބްދުއްސައްތާރު އަލީ (ސަޓޯ) އެވެ. ސަޓޯ އަކީ ދިވެހިރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެފްޕީއައިޑީ ހިޔާނާތުގެ އެއް މޭސްތިރިޔާއެވެ. އަދި އޭނާ އަކީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުގެ ބޭބެއެވެ. ސަޓޯއަކީ ވެރިކަން ކުރާ އެމްޑީޕީއަށްވެސް ހަރަދުކުރާ މީހެކެވެ.
1990 ވަނަ އަހަރު ހިނގި އެ ހިޔާނާތުގެ އަމަލުގައި 380 މިލިއަން ޑޮލަރު ވަނީ ދައުލަތަށް ގެއްލިފައެވެ. އެ ޒަމާނުގައި 380 މިލިއަން ޑޮލަރަކީ މިހާރުގެ އަގުތަކުން އަގުކުރާނަމަ ގާތް ގަނޑަކަށް 1 ބިލިއަން ޑޮލަރެވެ.
އެފްޕީއައިޑީ މައްސަލައަށްފަހު ސަޓޯ ގިނައިން އުޅެނީ އިނގިރޭސިވިލާތުގައެވެ. އަދި އައްފާނުވެސް އުޅެނީ އިނގިރޭސިވިލާތުގައެވެ. އައްފާނު އަތުގައި އިނގިރޭސި ރައްޔިތުކަންވެސް އޮވެއެވެ.
އިނގިރޭސިވިލާތުގައި ދެ ގެ އަދި ބޮޑެތި ވިޔަފާރިތައް
ދިޔަރެސް އިން ކުރި ތަހުގީގީ ރިޕޯޓަކަށް ލިބިފައިވާ ލިޔުންތަކާ ހަވާލާދީ އެނޫހުން ހާމަ ކުރަނީ އައްފާނުގެ ނަމުގައި އިނގިރޭސިވިލާތުގައި ދެ ގެ އެބަހުއްޓެވެ. މިގޮތުން އެއް ގެއަކީ ލަންޑަނުގެ ލެމްބެތު ސަރަހައްދުގައި ހުންނަ 700 އަކަފޫޓުގެ ގެއެކެވެ. 5 ކޮޓަރީގެ މިގެ އައްފާނު ގަނެފައިވަނީ 735،000 ޕައުންޑަށް 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަދި އެއީ އެ ސަރަހައްދުގައި ހުރި އެންމެ އަގުބޮޑު ގެއެވެ. އެ ފަހުން އެގޭގެ އަގު ވަނީ ދެގުނަ އިތުރުވެފައެވެ.
މާރިޔާ ދީދީ އާއި އާއިލާ ލަންޑަަނަށް ވަޑައިގަންނަވާއިރުވެސް އާންމުކޮށް ތިއްބަވަނީ މިގޭގައެވެ.
އައްފާނުގެ ނަމުގައި ހުންނަ އަނެއްގެ ހުންނަނީ ލަންޑަނާއި 158 މޭލު ދުރުގައި އޮންނަ ސްޓޯކް އޮން ޓްރެންޓް ނަމަކަށް ކިޔާ ސިޓީއެއްގައި ހުންނަ ގެއެކެވެ. އައްފާނުގެ ވިޔަފާރިތަށް ރެޖިސްޓްރީ ކޮށްފައި ހުންނަނީ އެ ގޭގެ ނަމުގައެވެ. 29،000 ޕައުންޑަށް ގަތް މިގޭގެ އަގަކީ މިހާރު 103،000 ޕައުންޑެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 2 މިލިއަން ރުފިޔާއެވެ.
މިގޭގައި އައްފާނުގެ ނަމުގައި ދެ ވިޔަފާރިއެއް ރެޖިސްޓްރީކޮށްފައިވެއެވެ. އެއީ
- 1. 15 ޓެމްޕްލް ރޯޑް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް
- 2. އައްފާން ސައްތާރު ލިމިޓެޑް
މި ދެ ކުންފުންޏަކީވެސް ލަންޑަނުގައި ރިއަލްއެސްޓޭޓް ވިޔަފާރި ކުރާ ދެ ކުންފުންޏެވެ. ރޯޑް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް ރެޖިސްޓްރީ ކޮށްފައިވަނީ 15 ނޮވެމްބަރު 2013 ގައެވެ. އެހެން ނަމަވެސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްފާނު ލާފައިވަނީ 5 އޮކްޓޯބަރު 2015 ގައެވެ. އަދި ހަމަ އެ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި އެ ކުންފުނި ރެޖިސްޓްރީ ކޮށްފައިވާ އެޑްރެސް ވަނީ ސްޓޯކް އޮން ޓްރެންޓްގައި ހުންނަ އައްފާނުގެ އެޑްރެހަށް ބަދަލުކޮށްފައެވެ. އެހެން ކަމުން ބެލެވޭ ގޮތުގައި އައްފާނު ވަނީ އެ ކުންފުނި ގަނެފައެވެ.
އިނގިރޭސިވިލާތުގައި ރެޖިސްޓްރީކޮށްފައި ހުންނަ ކުންފުނިތަކާއި ގުޅޭ ވެބްސައިޓެއްގައި ވާގޮތުން އެ ކުންފުނީގެ ރައުސުލްމާލަކީ 521،000 ޕައުންޑެވެ. އަދި އެ ކުންފުންޏަށް ސޭލްސްގެ ގޮތުގައި އަހަރަކު 221 މިލިއަން ޕައުންޑު ލިބޭކަމަށްވެސް އެ ވެބްސައިޓުގައި ބުނެފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާއެވެ.
އައްފާނުގެ ނަމުގައި ދެން ރަޖިސްޓްރީ ކޮށްފައިވާ އައްފާން ސައްތާރު ލިމިޓެޑަކީވެސް ހަމަ ރިއަލްއެސްޓޭޓް ކުންފުންޏެކެވެ. އެ ކުންފުނި ރެޖިސްޓަރކޮށްފައިވަނީ 10 ފެބްރުއަރީ 2021 ގައެވެ. އެ ކުންފުނީގެ މައި ހިއްސާދާރަކީވެސް އައްފާނެވެ. މިއީ ވަރަށް ފަހުން ރަޖިސްޓްރީ ކުރި ކުންފުންޏަކަށް ވާތީ މި ކުންފުނިން ހިންގާ ވިޔަފާރީގެ މައުލޫމާތެއް އެނގޭކަށް ނެތެެވެ.
ގިނަ އަދަދަކަށް ގެ ގަނެ ވިއްކާ އަދި ކުއްޔަށް ދޭ
މާރިޔާ އާއި އާއިލާގެ އެސެޓްތައް ޓްރޭސްކުރުމަށް “ދިޔަރެސް” އިން ހަވާލުކުރި ކުންފުނިން ބުނެފައިވާ ގޮތުގައި މިހާތަނަށް ބެލިބެލުމުން އައްފާނުގެ ނަމުގައި މީގެ ކުރިންވެސް އިނގިރޭސިވިލާތުން ގެދޮރު ގަނެފައި ވިއްކާފައި ހުރިކަން ފެންނަން ހުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ގެތައް ގަނެފައިވަނީ އޭނާގެ އުމުރުން ވަރަށް ހަގު އިރުގައި ކަމަށާއި އެހެން ކަމުން އެއީ އައްފާނު އަމިއްލަ މަަސައްކަތެއްކޮށްގެން ހޯދި ފައިސާއިން ގަނެފައިވާ ގެތައް ކަމަށް ނުބެލެވޭ ކަމަށެވެ. މީގެ ތެރެއިން ބައެއް މުއާމަލާތްތައް ހިންގާފައިވަނީ ބްރިޓިޝް ވާޖިން އައިލޭންޑްސް އާއި ބަހާމާސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ނަމުގައެވެ.
އައްފާނުގެ ނަމުގައި އިނގިރޭސިވިލާތުގައި އެތައް ގެ އެއް ހުންނަ ކަމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑއަޅާފައި ހުންނަ ނައިބު ހައިކޮމިޝަނަރު ނައުޝާދު ވަހީދުވެސް ވަނީ ވިދާޅުވެފައެވެ.
“ދިޔަރެސް” އަށް މައުލޫމާތު ދެއްވި އިނގިރޭސިވިލާތުގެ އިންވެސްޓިގޭޓިވް އޭޖެންސީ އިން ބުނެފައިވާ ގޮތުގައި، ރިއަލް އެސްޓޭޓް ވިޔަފާރީގެ ނަމުގައި ލަންޑަނުގައި މާރިޔާގެ ދަރިކަލުން އައްފާނު ހަގީގަތުގައި ކުރައްވާ ކަމަކީ ކަޅު ފައިސާ ދޮވުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
“ކަޅު ފައިސާ ބޭނުންކޮށް އިނގިރޭސިވިލާތުން ލަގްޒަރީގެތައް ގަތުމަކީ އެ ފައިސާ ދޮންނަން އާންމުކޮށް ބޭނުން ކުރާ އުކުޅެއް. 2020 ވަނަ އަހަރު އިނގިރޭސިވިލާތުގެ ނޭޝަނަލް ކްރައިމް އޭޖެންސީ އިން ނެރުނު ނޭޝަނަލް ރިސްކް އެސެސްމެންޓް އޮފް މަނީ ލޯންޑަރިން އެންޑް ޓެރަރިސްޓް ފައިނޭންސިން ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ އިނގިރޭސި ޕްރޮޕަޓީ މާކެޓަކީ ކަޅު ފައިސާ ދޮންނަ ފަރާތްތަކުގެ ޝައުގު ބޮޑު މާކެޓެއްކަން” ދިޔަރެސް އާއި ވާހަކަ ދައްކަމުން މި ތަހުގީގުގައި ހަރަކާތްތެރިވާ ބޭފުޅަކު ވިދާޅުވިއެވެ.
އަދި އެގޮތަށް ގެދޮރަށް ފައިސާ އިންވެސްޓު ކުރަނީ، ގެތައް ގަންނަން ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ބޭނުން ކުރެވޭނެތީ އާއި، ދުވަސް ވާވަރަކަށް ގެތަކުގެ އަގު އުފުލުމުން ވިޔަފާރީގެ ގޮތުންވެސް ބޮޑު ފައިދާއެއް ވާނެތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި، ފުޅާދާއިރާއެއްގައި މަނީ ލޯންޑަރ ކުރާ ފަރާތްތަކުން، ރިއަލްއެސްޓޭޓް ކުންފުނިތައް އުފައްދާ، އެ ކުންފުނިތައް މެދުވެރިކޮށް އެހެން ފަރާތްތަކަށްވެސް ގެދޮރާއި ބިން ދޫކުރުން ފަދަ ކަންކަން ކުރާކަަން އޭނާ ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އައްފާނުގެ ނަމުގައި ލަންޑަނުން ގެ ގަތް އަހަރަކީ މާލެ އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުން ސޮއި ކުރިއަހަރެވެ. އޭރު މާރިޔާ އަކީ ވެރިކަން ކުރާ އެމްޑީޕީގެ ޗެއަރޕާސަންއެވެ. ޖީއެމްއާރުން އެމްޑީޕީގެ އިސްވެރިންނަށް އެތައް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ބެހިކަމަށް އޭރު ވަރަށް ބޮޑަށް ތުހުމަތު ކުރެވުނެވެ. އަދި މިފަހުން އައްފާނު ސައްތާރު ރިއަލްއެސްޓޭޓް ގެ ވިޔަފާރި ކުރާ އިތުރު ކުންފުންޏެއް ހެދީ އުތުރުތިލަފަޅު އެއްބަސްވުމުގެ ސޮއި ކުރުމުގެ 10 ދުވަސް ކުރިންނެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމުގެ ތުހުމަތުވެސް ވަނީ އޭރު ކުރެވިފައެވެ.
އައްފާން އާއި މާރިޔާ އަދި އާމިރުގެ ވިޔަފާރި
އައްފާނުގެ އިނގިރޭސިވިލާތުގެ ވިޔަފާރީގެ އިތުރުން، ރާއްޖޭގައިވެސް ވިޔަފާރި ކުރެއެވެ. ދޮންހިޔަލަ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ މި ވިޔަފާރިގެ ހިއްސާ ދާރުންނަކީ މާރިޔާ ދީދީ އާއި އައްފާން ސައްތާރު އަދި މާރިޔާގެ މިހާރުގެ ފިރިކަލުން މުހައްމަދު އާމިރެވެ.
މި ވިޔަފާރީގެ 57 އިންސައްތަ ހިއްސާދާރަކީ މާރިޔާއެވެ. ބާކީ ހިއްސާ އޮންނަނީ އައްފާނާއި އާމިރުގެ ނަންމަތީގައެވެ.
ދޮންހިޔަލަ ޕްރައިވެޓް ލިމިޓެޑުން ތަފާތު ގިނަ ވައްތަރުގެ ވިޔަފާރި ކުރެއެވެ. މިގޮތުން އިންޓީރިއަ ޑިޒައިނިންއަށް ބޭނުންވާ ތަކެތި ރާއްޖެ އެތެރެ ކުރުމާއި ސްޕޯޓްސް ފިޝިން އާއި ގުޅޭ ސާމާންވެސް އެތެރެކުރެއެވެ.
މާރިޔާގެ ރައްދު
އައްފާން ގެ ގަނެފައިވަނީ ކަޅު ފައިސާ އިން ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އާއި “ދިޔަރެސް” އިން ސުވާލު ކުރުމުން މާރިޔާ ވަނީ އެ ބޭފުޅާގެ ކޮރަޕްޝަންގެ މައްސަލައެއް އުޅޭކަމަށް ޝައްކު ކުރެވޭނަމަ އެކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިގެން ބެލުމަށް އެދޭކަމަށް ވިދާޅުވެފައެވެ.
އަދި އައްފާނަކީ 40 އަހަރު ފުރިފައިވާ އިނގިރޭސިވިލާތުގެ ލޯޔަރެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އެހެން ވިދާޅުވި ނަމަވެސް، އައްފާނު އިނގިރޭސިވިލާތުގައި ޤާނޫނީ އެއްވެސް މަސައްކަތެއް ކުރާކަން އެނގިފައިނުވެއެވެ. އިނގިރޭސިވިލާތުގެ އެންމެ މަތީ ފަންތީގެ ވަކީލުންނަށް އަހަރެއްގެ މައްޗަށް އާންމު ގޮތެއްގައި ލިބެނީ 122،000 ޕައުންޑެވެ. އައްފާނު އެ ގެ ގަނެފައިވަނީ އޭނާގެ އުމުރުން 30 އަހަރުގައި 7 ލައްކަ ޕައުންޑަށެވެ. އެއީ އެންމެ މަތީ ފަންތީގެ ވަކީލެއްގެ 5 އަހަރު ދުވަހުގެ މުސާރައެވެ. އެހެން ކަމުން ގެ ގަނެފައިވަނީ ވަކީލުކަންކޮށްގެން ލިބުނު ފައިސާއިން ކަމަށް މާރިޔާ ދެއްކެވި ވާހަކަ ދެކޮޅު ނުޖެހެއެވެ.
އަދި އައްފާނުގެ ނަމުގައި ހުރި ކުންފުނިތަކުގައި އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތުގެ ގޮތުގައި ޖަހާފައިވަނީ “ޕްރޮފެޝަނަލް ލޭންޑްލޯޑް” އެވެ. ދިވެހި ބަހުން ނަމަ އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ބިމާއި އިމާރާތް ކުއްޔަށް ދިނުމެވެ. އެއްގޮތަކަށްވެސް ވަކީލުކަން ކުރާ ކަމަކަށް ރަސްމީ އެއްވެސް ލިޔެކިޔުމެއްގައި ފެންނާކަށް ނެތެވެ. އަދި އިނގިރޭސިވިލާތުގެ އެއްވެސް ޤާނޫނީ ފާމެއްގައިވެސް އައްފާނު މަސައްކަތް ކުރާކަން އެނގޭކަށް ނެތެވެ.
މި ރިޕޯޓު ލިޔުމުގެ ކުރިން މާރިޔާގެ ކޮމެންޓު ހޯދަން ކުރި މެސެޖު މާރިޔާ ވަނީ މިހާރު ޓުވިޓަރގައި އާންމު ކުރައްވާފައެވެ. އަދި މި ރިޕޯޓަކީ ކުރިއަށް އޮތް އިންތިހާބާއި ދިމާކޮށް ކުރާކަމެއްގެ ގޮތުގައި މާރިޔާ ސިފަކުރައްވާފައިވެއެވެ.
Content retrieved from: https://dhiyares.com/33831.
