އައްޑޫގެ އަސްތައް ކިހާ މޯލްޑިވްސް ރިސޯޓަށް ގެންގޮސްފި



މިދިޔަ އަހަރު އައްޑުއަށް ގެންދިޔަ އަސްތައް ކިހާ މޯލްޑިވްސް އަށް ގެންގޮސްފި އެވެ.
އައްޑޫގެ ސަދަން ސްޓޭލިއަންސް އިން ބުނީ ބ. އަތޮޅުގައި ހިންގާ ރިސޯޓަށް ތިން އަސް ގެންދިޔައީ އެތަނުން ލިބުނު ހުށަހެޅުމަކާ ގުޅިގެން ދެ ފަރާތުގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ސަދަން ސްޓޭލިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަދުލީލު މިއަދު ވިދާޅުވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އައްޑު އަށް ގެންދިޔަ އަސްތައް ކިހާ މޯލްޑިވްސް އަށް ގެންދިޔަ ނަމަވެސް މި އަހަރުގެ އޮގަސްޓް ހިސާބުގައި އަނެއްކާ ވެސް އަސްތައް އައްޑު ގެންނަން ނިންމާފައިވާ ކަމަށެވެ.
“އަހަރެމެން އަސްލު އަސްތައް ގެންނަން ނިންމީ އައްޑޫގެ ޓޫރިޒަމާ ވެސް ވަރަށް ބޮޑަށް ގުޅުވާފައި އޭގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ވެސް ވަރަށް ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމަށް ބަލާފައި،” އޭނާ ވިދާޅުވި އެވެ.
“ނަމަވެސް އަސް ގެނެވުނު ދަނޑިވަޅަކީ ކޮވިޑްގެ ސަބަބުން އައްޑޫގެ ޓޫރިޒަމް ވެސް ވަރަށް ބޮޑަށް ހުއްޓިފައި އޮތް ވަގުތަކަށްވުމާ އެކީ އެކަމުން ނެރެން އުޅުނު ނަތީޖާ އެހާ ރަނގަޅެއް ނޫން.”
އަދުލީލު ވިދާޅުވި ގޮތުގައި އޮގަސްޓް ހިސާބުގައި އަސްތައް އައްޑު ގެނެސް އޭގެ ބޭނުން ވަރަށް ރަނގަޅަށް ހިފޭތޯ މަސައްކަތްކުރާނެ އެވެ.
އައްޑު އަށް އަސްތައް ގެންދިޔަ ފަހުން އާންމުންގެ ފަރާތުން އެކަމަށް ފުދޭ ވަރެއްގެ ތަރުހީބެއް ލިބުނެވެ. ހަވީރު ގަޑީގައި އަސް ދުއްވައިލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ހަމަޖައްސައިދީފައިވެ އެވެ.
ދާދި ފަހުން ޝިޔާމް މޯލްޑިވްސް އަށް އަސްތަކެއް ގެނެސްދިނީ ވެސް ސަދަން ސްޓޭލިއަންސްގެ ފަރާތުންނެވެ. އެ ރިސޯޓަށް ގެނައީ ހަތަރު އަހެވެ.
Content retrieved from: https://mihaaru.com/news/103763.
