ގާޑުން ބައިތިއްބައިގެން ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި



ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަން ފަށައިފިއެވެ.
ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާގެ 16 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާއި އެފަދަ ކަންކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެ ފްލެޓުތަކުގެ ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާކަމަށެވެ. އެ ކުންފުނިން ބުނީ މިއަދުން ފެށިގެން 24 ގަޑިއިރު އެ ފްލެޓުތަކުގައި ސެކިއުރިޓީ ގާޑުން ތިބޭނެއެވެ.
ޖުމްލަ 25 ބުރީގެ ހިޔާ ފްލެޓްތަކުގައި މީހުން އާބާދުވާން ފަށާފައިވާތާ އަދި ކުޑަ ދުވަސްކޮޅެއްވީނަމަވެސް އެ ސަރަހައްދުން ވައްކަމާއި ފޭރުން އަދި ބިރު ދެއްކުމުގެ އެތައް ހާދިސާއެއް ވަނީ ހިންގައިފައެވެ. އަދި އެ ފްލެޓުތަކުގެ ސިޑިގޮޅިތައްވެސް ވަނީ މަސްތުވާތަކެތީގެ ހާލިތަކަށް ވެފައެވެ.
އެ މައްސަލަތައް ފެންމަތިވާތީ ފުލުހުންވެސް އަންނަނީ އެ ސަރަހައްދުގައި ޕެޓްރޯލްކުރަމުންނެވެ. ނަމަވެސް އާންމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް އަދިވެސް ލިބިފައެއް ނުވެއެވެ.
ހިޔާގެ ސަލާމަތީ ކަންކަން ބަލަން ފެށުމާއި ގުޅިގެން އެޗްޑީސީން ބުނީ ސެކިއުރިޓީ ގާޑުން ހަރަކާތްތެރިވާނީ ހިޔާގެ ބޭސްމަންޓާއި ޕާކިން އަދި ގްރައުންޑް ފްލޯތަކުގައި ކަމަށެވެ. އަދި ސީސީޓީވީ މެދުވެރިކޮށް ފްލެޓުތަކުގެ އެހެން ތަންތަންވެސް ގަވާއިދުން ބަލަމުންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ދެވަނަ ފިޔަވަހީގައި މައިގަނޑު ގޮތެއްގައި މީހުން އާބާދުވާން ފަށާފައިވާ ސަރަހައްދަކީ އެއީއެވެ. ނަމަވެސް އެ ސަރަހައްދުގެ މަގުތައް އަދި އެއްކޮށް ނިމިފައި ނުވުމާއި ވަށައިގެންވާ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާއިރު އެ ސަރަހައްދު ނުތާހިރުވެ އާންމުންނަށް އެކަމުގެ ސަބަބުންވެސް އުނދަގޫތަކެއް ވަނީ ކުރިމަތިވެފައެވެ. އެކަމަށް ހައްލެއް ހޯދުމަށް އެޗްޑީސީން ވަނީ އެ މަސައްކަތްވެސް ހަތަރު ކުންފުންޏަކާ ހަވާލުކޮށްފައެވެ.
އެޗްޑީސީން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 އިން 12:00 އާ ހަމަޔަށް ޓަވަރުތައް ސާފުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ކޮންމެ ހަފްތާ އަކު އަދި މަހުން މަހަށް މުޅި ސަރަހައްދުގެ ފުރިހަމަ ސާފުކުރުމެއްވެސް އޮންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ވީ އިރު ފްލެޓުތަކާއި މުޅި އެ ސަރަހައްދުގައި ވެސް ޒަރޫރީ ޚިދުމަތްތައް ލިބުމުގައި އަދިވެސް ގިނަ ދަތިތަކެއް އެބަހުއްޓެވެ. ނަމަވެސް އެޗްޑީސީން ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމާއި ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދަން ފެށުމާއެކު އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.
Content retrieved from: https://jazeera.mv/126266/.
