މެންބަރުން އެއާޕޯޓުގެ ވީއައިޕީ ބޭނުންކުރުމަށް ފަސް އަހަރުން ފަސް މިލިއަން ރުފިޔާ ހަރަދުވި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން 2012 އިން 2017އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖު ބޭނުންކުރެއްވުމަށް ދައުލަތުން 327،650 ޑޮލަރު (5.05 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
ރައްޔިތުން މަޖިލީހުން އެ މައުލޫމާތު ހިއްސާކޮށްފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން އެ މަޖިލީހަށް ހުށަހެޅުމުންނެވެ. އެގޮތުން އެ ފަރާތުން ވަނީ އެ މައުލޫމާތު އާއްމުންނަށް ފެންނަހެން ހިއްސާކޮށްފައެވެ.
އޭނާ އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ހަ އަހަރުގެ ތެރޭގައި މެންބަރުންނާއި މެންބަރުންގެ އާއިލާ އަދި ރައްޓެހިންނަށް ޖުމްލަ 327،650 ޑޮލަރު (5.05 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެއެވެ.
2012 ވަނަ އަހަރު މަޖިލިސް މެންބަރުން ވީއައިޕީ ލައުންޖްގެ ހަރަދަށް 1،450 ޑޮލަރު (22،359ރ.) އަރާފައިވެއެވެ. އެގޮތުން އެ އަހަރު މެންބަރުންގެ ފިރިކަލުން ނުވަތަ އަނބިކަނބަލުން އަދި ދަރިން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދަށް 450 ޑޮލަރު (6،939ރ.) އަރާފައިވާއިރު އެހެން އާއިލާ މެންބަރުންނާއި އެކުވެރިންގެ ހަރަދުތަކުގެ ގޮތުގައި ވަނީ 500 ޑޮލަރު (7،710ރ.) ހޭދަކޮށްފައިވެއެވެ. އެ އަހަރު ވީއައިޕީ ލައުންޖްގެ ހަރަދުތަކުގެ ގޮތުގައިޖުމުލަ ހޭދަކޮށްފައިވަނީ 2،400 ޑޮލަރު (37،008ރ.)އެވެ.
އަދި 2013 ވަނަ އަހަރު މަޖިލިސް މެންބަރުން ވީއައިޕީ ލައުންޖްގެ ހަރަދަށް 10،350 ޑޮލަރު (159،597ރ.) އަރާފައިވެއެވެ. އެގޮތުން އެ އަހަރު މެންބަރުންގެ ފިރިކަލުން ނުވަތަ އަނބިކަނބަލުން އަދި ދަރިން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދަށް 7،100 ޑޮލަރު (115،875ރ.) އަރާފައިވާއިރު އެހެން އާއިލާ މެންބަރުންނާއި އެކުވެރިންގެ ހަރަދުތަކުގެ ގޮތުގައި ވަނީ 5،250 ޑޮލަރު (141،831ރ.) ހޭދަކޮށްފައިވެއެވެ. އެ އަހަރު ވީއައިޕީ ލައުންޖްގެ ހަރަދުތަކުގެ ގޮތުގައިޖުމުލަ ހޭދަކޮށްފައިވަނީ 22،700 ޑޮލަރު (350،034ރ.)އެވެ.
މީގެއިތުރުން 2014 ވަނަ އަހަރު މަޖިލިސް މެންބަރުން ވީއައިޕީ ލައުންޖްގެ ހަރަދަށް 16،850 ޑޮލަރު (259،827ރ.) އަރާފައިވެއެވެ. އެގޮތުން އެ އަހަރު މެންބަރުންގެ ފިރިކަލުން ނުވަތަ އަނބިކަނބަލުން އަދި ދަރިން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދަށް 11،210 ޑޮލަރު (172،858ރ.) އަރާފައިވާއިރު އެހެން އާއިލާ މެންބަރުންނާއި އެކުވެރިންގެ ހަރަދުތަކުގެ ގޮތުގައި ވަނީ 7،610 ޑޮލަރު (117،346ރ.) ހޭދަކޮށްފައިވެއެވެ. އެ އަހަރު ވީއައިޕީ ލައުންޖްގެ ހަރަދުތަކުގެ ގޮތުގައިޖުމުލަ ހޭދަކޮށްފައިވަނީ 35،670 ޑޮލަރު (550،031ރ.)އެވެ.
2015 ވަނަ އަހަރު މަޖިލިސް މެންބަރުން ވީއައިޕީ ލައުންޖްގެ ހަރަދަށް 21،900 ޑޮލަރު (337،698ރ.) އަރާފައިވެއެވެ. އެގޮތުން އެ އަހަރު މެންބަރުންގެ ފިރިކަލުން ނުވަތަ އަނބިކަނބަލުން އަދި ދަރިން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދަށް 24،000 ޑޮލަރު (370،080ރ.) އަރާފައިވާއިރު އެހެން އާއިލާ މެންބަރުންނާއި އެކުވެރިންގެ ހަރަދުތަކުގެ ގޮތުގައި ވަނީ 11،040 ޑޮލަރު (170،236ރ.) ހޭދަކޮށްފައިވެއެވެ. އެ އަހަރު ވީއައިޕީ ލައުންޖްގެ ހަރަދުތަކުގެ ގޮތުގައިޖުމުލަ ހޭދަކޮށްފައިވަނީ 56،940 ޑޮލަރު (878،014ރ.)އެވެ.
ފާހަގަކުރެވޭގޮތުގައި އެ ފަސް އަހަރަށް ބަލާއިރު މެންބަރުންގެ ވީއަިޕީ ލޯންޖަށް އެންމެ ގިނައިން ހަރަދުކޮށްފައިވަނީ 18 ވަނަ މަޖިލީހުގައި، 2016ގައެވެ. އެ އަހަރު ޖުމްލަ 107،940 ޑޮލަރު (1.66 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެއެވެ.
އެގޮތުން ހަރަދުތަކުގެ ތަފުސީލަށް ބަލާއިރު މެންބަރުންގެ ފިރިކަލުން ނުވަތަ އަނބިކަނބަލުންނާއި ދަރިން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދުގެ ގޮތުގައި 32،940 ޑޮލަރު (507،934ރ.) ހޭދަކޮށްފައިވާއިރު އާއިލާ މެންބަރުންނާއި އެކުވެރިންގެ ހަރަދުތަކުގެ ގޮތުގައި 31،320 ޑޮލަރު (482،954ރ.) ހޭދަކޮށްފައިވެއެވެ.
އެންމެ ގިނަ އަދަދަކަށް މެންބަރުންގެ ރައްޓެހިންނާއި އާއިލާގެ މީހުންނަށް ހަރަދުކޮށްފައި ވަނީ 18 ވަނަ މަޖިލީހުގައި، 2017ގައެވެ. އެގޮތުން، އެ އަހަރު ވީއައިޕީ ހިދުމަތަށް ހަރަދުކުރި ޖުމްލަ 102،000 ޑޮލަރު (1.57 މިލިއަން ރުފިޔާ)އަށް އަރާއިރު މެންބަރުންގެ ފިރިކަލުން ނުވަތަ އަނބިކަނބަލުންނާއި ދަރިން ވީއައިޕީ ލައުންޖް ބޭނުންކުރި ހަރަދުގެ ގޮތުގައި 29،940 ޑޮލަރު (461،674ރ) ހޭދަކޮށްފައިވާއިރު އެންމެ ބޮޑު ހަރަދެއް ހޭދަވި އާއިލާ މެންބަރުންނާއި އެކުވެރިންގެ ހަރަދުތަކުގެ ގޮތުގައި ހޭދަކޮށްފައިވަނީ 40،860 ޑޮލަރު (630،061ރ.) އެވެ.
ފާހަގަކުރެވޭގޮތުގައި ދައުލަތުގެ ވަޒީރުންނެކޭ އެއްފަދައިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް ދައުލަތުގެ ހަރަދުގައި ވީއައިޕީ ލައުންޖް ބޭނުންކުރެވޭއިރު މި އުސޫލު ބަދަލުކުރަން މަޖިލީހުގެ އާންމު ކޮމިޓީން މަސައްކަތް ކުރިއެވެ. ކޮމެޓީން އެ އުސޫޅް ބަދަލުކުރަން މަސައްކަތްކުރީ އެއްވެސް ހަމައެއް ލަމެއް ނެތި މެންބަރުންގެ ރައްޓެހިންނަށް ވީއައިޕީން ހަރަދުކުރަން ޖެހުމާ ގުޅިގެން ކަމަށް ބުނެއެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެ ކޮމިޓީން ނިންމީ މެންބަރުން އިހްތިޔާރު ކުރާ ދެ މީހަކަށް މަޖިލީހުން ހަރަދުކުރާ ގޮތަށެވެ. ނަމަވެސް، ފާޑުކިޔުންތަކާ އެކު އަނެއްކާ ވެސް އުސޫލު ބަދަލުކުރަން ކޮމިޓީން މަސައްކަތް ފެށި ނަމަވެސް އޭގެ ފަހުން އަދި އެކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.
Content retrieved from: https://dhiyares.com/32631.
