އިންޑިއާ އައުޓް ކެމްޕެއިނަކީ ބޮޑު ޖަރީމާއެއް، އޭގައި ބައިވެރި ނުވާން އިލްތިމާސްކުރަން: ނާޒިމް


އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ކުރިއަށް ގެންދާ “އިންޑިއާ މިލިޓަރީ އައުޓް” ކެމްޕޭންގައި އެއްވެސް ދިވެހި ރައްޔިތަކު ބައިވެރިނުވާން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ގޮވާލައިފިއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތިދ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ ބޭރުގެ ސިފައިން ރާއްޖޭގައި ތިބެން އެންއެމްޕީން ވެސް ތާއީދު ނުކުރާ ކަމަށެވެ.
ނަމަވެސް ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭނަކީ ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގާފައިވާ ގޯސްތައް ފޮރުވަން ވެގެން އެމަނިކުފާނު ހިންގަވާ “ޖަރީމާއެއް” ގޮތުގައި ނާޒިމް އެ ކަން ސިފަ ކުރެއްވިއެވެ.
“އެއީ ގައުމީ ކެމްޕޭނެއް ގޮތަކު އަޅުގަނޑުމެން ނުދެކެން، އެއީ ދިވެހި އިގްތިސާދަށް ވެސް ގެއްލުން ލިބޭ ގޮތަށް، އެއްވެސް ވިސްނުމެއް ނެތި ކުރާ ކަމެއް، އޭގައި އެއްވެސް ރައްޔިތަކު ބައިވެރިނުވާން އަޅުގަނޑުމެން އިލްތިމާސް ކުރަން،” ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތު ގޯސްވެގެން ވަކި ގައުމަކަށް ބަރޯސާވެގެން އުޅުމަކީ އެ ގައުމަކާ ދެކޮޅަށް ނުކުންނަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
“ޕީޕީއެމް ސަރުކާރުގައި ޗައިނާއަށް ބަރޯސާވި، މި ސަރުކާރުގައި އިންޑިއާ، އެއީ ސިޔާސީ ލީޑަރުންގެ ވީކް ކަމުން ދިމާވާ ގޮތެއް، އެއީ އަދި އެ ގައުމަކާ ދެކޮޅަށް ނުކުންނަން ޖެހޭ ސަބަބެއް ނޫން،” ރިޔާޒް ވިދާޅުވިއެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވެސް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިންޑިއާ ސިފައިން ތިބިއިރު އެ ކަން ބޭންފުޅުވި ނަމަ އެ ކަން އޭރު ވެސް ކުރައްވާނެ ކަމަށެވެ.
“އަޅުގަނޑު ދެކެނީ ރައީސް ޔާމީން ވެސް އިންޑިއާ ސިފައިން ބާލަން ޖެހޭ ވާހަކަ މިއަދު މި ދައްކަނީ އެއްވެސް ހެޔޮ ނިޔަތެއް އޮވެގެންނެއް ނޫން،” އުޝާމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބާއްވައި، އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ ލޯނު އަދި އެހީ މެދުވެރިކޮށް އިންޑިއާގެ ކުންފުނިތަކުންނެވެ.
އިންޑިއާގެ އަސްކަރީ އެހީ ވަރަށް ބޮޑަށް ހޯދަން ނިންމައި، އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބަލަހައްޓަން އިންޑިއާގެ ސިފައިން ތިބެއެވެ. ކޮންމެ އުޅަނދަކަށް 25 ސިފައިންގެ މަގުން ޖުމުލަ 75 ސިފައިން ތިބެއެވެ.
މީގެ ބޭނުމަކީ އިންޑިއާ އަސްކަރިއްޔާގެ ބެކްޔާޑެއްގެ ގޮތުގައި ރާއްޖޭގެ ސަރަހައްދުތައް ބޭނުންކޮށްގެން، އިންޑިއާގެ ޖާސޫސީ މީހުނާއި، އަސްކަރީ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ބޭއްތިބޭނެ ގޮތް ހެދުމަށެވެ. އެކަމަކު ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.
އިންޑިއާގެ އަސްކަރީ އެހީ ހޯދަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށާއި، ނިރުބަވެރި ހަރަކާތެއް ރާއްޖޭގައި ހިނގިޔަ ނުދީ ހުއްޓުވަން ބޭނުންވާ ވަރަށް އަސްކަރީ ގާބިލްކަން އިތުރު ކުރުން ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވެއެވެ.
