
“މާލޭގެ” މީހުންނަށް ހުޅުމާލެއިން 1،250 އަކަފޫޓުގެ 1،000 ގޯތި ދޫކޮށްދޭން ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. މިކަމާ ބެހޭގޮތުން ރައްޔިތުންގެ ތެރޭގައި ޙިޔާލު ވަނީ ވަރަށް ބޮޑަށް ތަފާތުވެފައެވެ. ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ކުރިޔަށް އޮތް2023 ގެ އިންތިޙާބަށް އަސަރު ފޯރު ކުރުވަން ސަރުކާރުން ކުރަން އުޅޭ ނަސްލީ ތަފާތު ކުރުން އެކުލެވޭ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ބޮޑެތި މައްސަލަތައް ކުރިމަތި ވާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މާލޭގައި ދިރިއުޅޭ މީހުންގެ ގޯތި ގެދޮރުގެ މައްސަލައާ މާލޭގެ ބިމުގެ އަގުގެ ފަރަގު ވަޒަން ނުކޮށް ވަކި’1000′ މީހުންނަކަށް ބިން ހިލޭ ދިނުމަކީ އެއްވެސް އިންސާފެއް އަދި އަދުލެއް އެކުލެވިގެން ނުވާ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
މާލޭގެ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ ހުޅުމާލެއިން 1،000 ގޯތި ދޭން ސަރުކާރުން ނިންމާފައިވާއިރު ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު، ވިދާޅުވީ، ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އެދިފައި ވަނީ ވެށިފަހި ޕްރޮގްރާމްގައި ދޫކުރި ބޮޑު މިނަށް ކަމަށެވެ. ވެށިފަހި ޕްރޮގްރާމްގެ ދަށުން 2008 ގައި ދޫކުރީ 1،250 އަކަފޫޓެވެ.
ސުހައިލް ވިދާޅުވި ގޮތުގައި ހުޅުމާލެއިން 1،000 ގޯތި ސަރުކާރާ ހަވާލުކުރާނެ އެވެ. ގޯތި ދޭނެ ގޮތުގެ އުސޫލު ކަނޑައަޅާނީ ހައުސިން މިނިސްޓްރީންނެވެ.
“1،000 ގޯތި އަޅުގަނޑުމެން ސަރުކާރާ ހަވާލުކުރާނަން. އެ ތަންތަން ދޭނެ ގޮތް ކަނޑައަޅާނީ މިނިސްޓްރީން،” ސުހައިލް ވިދާޅުވި އެވެ.
މާލޭ މީހުންނަށް ހާއްސަކޮށް ހުޅުމާލެއިން 1،000 ގޯތި ދޭން ސަރުކާރުން ނިންމާފައިވާއިރު ގުޅީފަޅުން މަދުވެގެން 2،000 ގޯއްޗާއި ގިރާވަޅު ފަޅު ހިއްކައިގެން މަދުވެގެން 2،000 ގޯތި މާލޭ މީހުންނަށް ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެ އެވެ. އެކަމަކު އެ ގޯތިތަކުގެ ބޮޑު މިން އަދި އާންމެއް ނުކުރެ އެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި ބިމަކީ އެބިމުގައި އުޅެން އެދޭ ފަރާތަކަށް، އެކަށީގެން ވާ އަގަކަށް ވިއްކާ ނުވަތަ ކުއްޔަށް ދޭތަނެކެވެ. ބިން ބަހާފައި ހިލޭ ދިނުމުގެ ސަބަބުން ބިން ބޭނުން ނުކޮށް ބޭއްވުމާ ވާރުތަ ވުމުގެ މައްސަލަ ތަކާ އެފަދަ އެތައް މައްސަލަތަކެއް ދިމާވެއެވެ.

ގޯތީގެ އިތުރުން “މާލޭ މީހުންނަށް” ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅަމުން އެބަދެ އެވެ. އަދި އިތުރު 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ހުޅުމާލޭގައި ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވެ އެވެ. މާލެ ހިމެނޭ ގޮތަށް ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް މި ވެރިކަމުގައި އެކަން ފަހިކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް ރޯނުދަމާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.
“މާލޭ މީހުންގެ” އިތުރުން ރާއްޖެތެރޭގައި ވެސް އާއްމު ކޮށް ދިރިއުޅެން ގޯތި ނުދޭތާ މިހާރު 50 އަހަރަށް ވުރެ ގިނަވެފައި ވާނެ ކަމަށް ތާރީޙް ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.