ކޮވިޑް-19 ވެކްސިން ޖެހުމަށް ދިވެހިރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަގުތީ “ރެސްޓްރިކްޓަޑް ޔޫސް” ހުއްދަ ދެއްވާފައިވަނީ ވެކްސިން ޖެހުމުން ލިބިދާނެ އެންމެހައި އަނިޔާތައް ބަޔާންކުރުމަށް ފަހު މީހާގެ ފުރިހަމަ ރުހުމާއެކު ވެކްސިން ޖެހުމަށެވެ.

އުފެދޭ ސުވާލަކީ، ދިވެހިރާއްޖޭގައި ކޮވިޑް-19 އަށް ވެކްސިން ދެވިފައިވަނީ ހުއްދަ ދެވިފައިވާ މިންގަނޑާ އެއްގޮތަށްތޯ އެވެ. މިއީ ތަހުލީލީ މަރުހަލާގައިވާ އަދި ދިގު މުއްދަތުގައި ކުރިމަތިވެދާނެ އެންމެހައި އަނިޔާގެ މަޢުލޫމާތު ދެވުމަށް ފަހު ފުރިހަމަ ރުހުމާއެކުގައި ޖަހާފައިވާ ވެކްސިން އެއްތޯ އެވެ. 

ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ނެރެފައިވާ ސަރކިއުލަރ އާ ގުޅިގެން ބެލެނިވެރިން ދަރިވަރުން ބަލާ ދިއުމަށް ދަތިތައް ކުރިމަތިވެގެން ވެކްސިން ޖަހަން މަޖުބޫރުވާ ފަދަ ހާލަތް ކުރިމަތިކުރުވިފައިވެއެވެ. މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ދަރިވަރުން ވެކްސިން ނުޖަހާ ނަމަ އިމްތިހާނުގައި ބައިވެރިވުމަށް ހުރަސްތައް ކުރިމަތިކުރުވާފައިވެ އެވެ. ޢާއްމު ފަރުދުން ދަތުރުފަތުރުކޮށް އުޅުމަށާއި ޢާއްމު ދިރިއުޅުމުގެ ކަންކަން ކުރުމަށް ދަތިތައް ކުރިމަތިކުރުވާފައިވެއެވެ. ވެކްސިން ނުޖަހާ މުވައްޒަފުން އަމިއްލަ ޚަރަދުގައި ކޮންމެ ދެ ހަފްތާއަކުން ޕީ.ސީ.އާރ ޓެސްޓު ހެދުމަށް މަޖުބޫރު ކުރެވިފައިވެއެވެ. އަދި ނަތީޖާ ނުލިބޭ ނަމަ ފުރިހަމައަށް ވަޒީފާ އަދާކުރުމަށް ހުރަސްތައް ކުރިމަތިކުރުވާފައިވެ އެވެ.

ވެކްސިން ދިވެހިރާއްޖޭގައި ދިނުމުގައި މަޖުބޫރުކަން ކުރިމަތި ކުރުވައިގެން ވެކްސިން ދެމުންގެންދާ މައްސަލަ އަމިއްލަ ފަރާތަކުން ކޯޓަށް ހުށަހަޅާފައި މިވަނީ އަދި އަލަށެވެ. 

މިގޮތުން ހުށަހަޅާފައިވާ މައްސަލަ އަކީ 7 އޮގަސްޓު 2021 ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ނެރުއްވާފައިވާ ނަންބަރު 23-L/CIR/2021/26 ސަރކިއުލަރ އާއި 12 އޮގަސްޓު 2021 ވަނަ ދުވަހު، ސިވިލް ސަރވިސް ކޮމިޝަނުން ނެރުއްވާފައިވާ ނަންބަރު 32/2021 ސަރކިއުލަރ އަކީ ޤާނޫނާ ޚިލާފަށް ނެރުއްވާފައިވާ ސަރކިއުލަރ ތަކެއްކަމަށް ބުނެއެވެ.

މި ދެ އިދާރާއިން ސަރކިއުލަރތައް ނެރުމުގެ މަޤުޞަދަކީ ކޮވިޑް-19 ވެކްސިން ޖެހުމަށް ނުސީދާކޮށް މަޖުބޫރުކުރުވުމެވެ. އަދި މިކަމާ ގުޅިގެން އެތައް ރައްޔިތުންނަށް ކުރިމަތިވި މަޖުބޫރީ ހާލަތާ ގުޅިގެން ވެކްސިން ޖަހާފައިވެ އެވެ. އަދި ކުރިމަތިވި ނޭދެވޭ އަނިޔާތަކާ ކުރިމަތިލާން ޖެހިފައިވަނީ އަމިއްލައަށެވެ. މި ވެކްސިން ޖެހުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ފުރާނަ ގެއްލިފައިވާ ކަން ވެސް ފާހަގަ ކޮށްލުން މުހިންމެވެ. 

މިއީ، ޤާނޫނުއަސާސީގެ 21 ވަނަ މާއްދާގައި ކަށަވަރުކޮށްދީފައިވާ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤަށް ހުރަސްއަޅައި، އެ ޙައްޤު ނިގުޅައިގަތުމަށްޓަކައި ނެރެފައިވާ ޤާނޫނާ ޚިލާފު ސަރކިއުލަރ ތަކެއްކަން މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެ އެވެ.

މިގޮތުން ސަރުކާރުގެ ބައެއް ވުޒާރާތަކުން ނެރެފައިވާ ސަރކިއުލަރތަކުގެ ސަބަބުން، ކޮވިޑް-19 ވެކްސިން ޖެހުމަށް މަޖުބޫރުވާފަދަ ޙާލަތެއް ވުޖޫދުކޮށްގެން ޢާންމު ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް ހުރަސްއެޅިގެން ދިޔުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކޮށްގެން ޙައްލުހޯދުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާކަމާއި، އެ މަސައްކަތްތައް އެންމެ ފުރަތަމަ ފެށިފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް، ސަރުކާރުގެ އެއްވެސް އިދާރާއަކުން، އެދެވިގެންވާ ގޮތަކަށް އެއްބާރުލުން ދެއްވާފައިނުވާތީވެ، އަދި މިކަމުގައި ހުރި ކަންބޮޑުވުންތައް ރަސްމީގޮތުންނާއި ނުރަސްމީގޮތުން ރައްޔިތުންގެ މަޖިލީހާވެސް ޙިއްޞާކުރެވިފައިވާކަމާއި، އެހެންނަމަވެސް މަޖިލީހުންވެސް މިކަމަށް އެއްވެސް ސަމާލުކަމެއް ދެއްވާފައިނުވާތީ، މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ އެވެ. އަދި ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން އަށް ވެސް މައްސަލަ ހުށަހަޅާ މިއަދާ ހަމައަށް ވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.

މައްސަލައިގައި ޕީ.ސީ.އާރު ޓެސްޓުތަކުގެ ނަތީޖާގެ ޞައްޙަކަން ކަށަވަރުނުވާކަމާ ގުޅޭ ހެކިތައްވެސް ޝަރީޢަތަށް ހުށަހަޅާފައިވެ އެވެ. މިއީ މިހާރު ވެކްސިން ނުޖަހާ ތިބި ފަރާތްތަކާއި، އެތެރޭގެ ދަތުރުފަތުރުތައް ކުރުމަށް މިތަކުލީފު ރައްޔިތުންނަށް ކުރިމަތިކުރުވަމުން ދާތީ ވަކި ގޮތެއް ނިންމުން މުހިންމު މައްސަލައެކެވެ.  

މައްސަލަ ހުށަހަޅާފައިވާ ފަރާތުން އެދެނީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ނެރެފައިވާ ސަރކިއުލަރ ބާޠިލުކުރުމަށާއި، ވެކްސިން ޖެހުމަށް ރައްޔިތުންނަށް މަޖުބޫރުކުރެއްވުން ހުއްޓާލެއްވުމަށެވެ. އަދި ރައްޔިތުންގެ ޙައްޤުތަކަށް އިޙްތިރާމްކުރެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައިވެ އެވެ.   

ތަހުލީލީ މަރުހަލާއެއްގައިވާ މިފަދަ ގޮތް ނޭނގޭ ވެކްސިން އެއް އެކި ގޮތްގޮތުން މަޖުބޫރުކޮށްގެން ޖަހަމުންދާ ކަމާ ދެކޮޅަށް ދުނިޔޭގެ ކަންކޮޅުތަކުގައި ސައިންޓިސްޓުންނާއި ޑޮކްޓަރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ މަޖުބޫރުކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް ކެނެޑާގައި ފަށާފައިވާ “ޓްރަކް ކޮންވޯއީ” ގެ ބޮޑު މުޒާހަރާއާ ވިދިގެން މިފަދަ މުޒާހަރާތައް އޮސްޓްރޭލިޔާ، ފްރާންސް، ބެލްޖިއަމް، އެމެރިކާ އަދި އިންޑިއާ ފަދަ ގައުމުތަކުގައި ދަނީ ގިނަވަމުން އަދި އަޑުގަދަވަމުންނެވެ. ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އިހުތިރާމު ކުރުމަށް އެކި ގައުމުތަކުގެ އެތައް ހާސް ރައްޔިތުންނެއް ދަނީ ގޮވާލާ އަޑުގަދަ ކުރަމުންނެވެ. ސްވިޑްން، ނޯވޭ، ޑެންމާކް، އައިސްލަންޑް ފަދަ ޔޫރަޕުގެ ގައުމުތަކުން ވަނީ ރައްޔިތުންގެ އަޑު އަހައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އެއްކޮށް އުވާލާފައެވެ.

އަދި އެތައް ޤައުމެއްގައި މައްސަލަތައް ކޯޓަށް ހުށަހަޅާފައިވާ ކަން ވެސް ފާހަގަކޮށްލެވެ އެވެ. ދާއިމީ އަނިޔާއެއް ނުވަތަ ފުރާނަ ގެއްލުން އެކަށީގެންވާ ފަދަ އެއްޗެއް އަމިއްލަ ހަށިގަނޑަށް ޖެހުމަށް ނުސީދާ ގޮތުން މަޖުބޫރުކުރުމުގެ ހާލަތް ކުރިމަތިކުރުވުމަކީ އިންސާނިއްޔަތާ ވެސް ޚިލާފު އަމަލެކެވެ.

 

Related Post

One thought on “ކޮވިޑް-19 ވެކްސިން ޖެހުމާ ގުޅޭ މައްސަލަ ކޯޓަށް ހުށަހަޅައިފި.”

Leave a Reply

Your email address will not be published. Required fields are marked *