ގަން އިންޓަނޭޝަނަލް އެއާޕޯޓު ގްރައުންޑް ޚިދުމަތްތައް ރަނގަޅުކުރުމަށް އިތުރު އުޅަނދުތަކެއް

Spread the love

ގަން އިންޓަނޭޝަނަލް އެއާޕޯޓު ގްރައުންޑް ޚިދުމަތްތައް ރަނގަޅުކުރުމަށް އިތުރު އުޅަނދުތަކެއް ގެނެސްފައިވާ ކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓު ހާމަކުރައްވައިފިއެވެ.

އަލަށް ގަން އެއާޕޯޓަށް ގެނެސްފައިވަނީ ހިޔާކޮށްފައިވާ ސިޑިއަކާއި، ޖީޕީޔޫ އަކާއި، 2 ޓޯ ޓަގެވެ. މީގެ ކުރީންވެސް ގަން އެއާޕޯޓަށް ވެހިކަލްތަކެއް ގެނެސްފައިވެއެވެ. މިފަހަރު ގެނައި ވެހިކަލްތަކުގެ ސަބަބުން ގަމުން ފްލައިޓުތަކަށް ދެވޭ ޚިދުމަތް ފުޅާކުރާނެކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވިދާޅުވެއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނީގެ ދަށުން ހިނގަމުންދާ ގަން އެއާޕޯޓުން ހާމަކުރި ގޮތުގައި އަލަށް ލިބުނު ސިޑިއާއެކު، އެއާބަސްގެ ދެ މަތިންދާބޯދަށް އެއް ވަގުތެއްގައި ޚިދުމަތް ދިނުމުގެ ޤާބިލުކަން ލިބިފައިވާ ކަމަށެވެ. މީގެއިތުރުން އަލަށް ލިބުނު ވެހިކަލްތަކުގެ ތެރެއިން މުޅިން އަލަށް ދެ ޓޯވް ޓަގް ލިބިފައިވާކަން ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރީން ރަންވޭ މަތިން ފްލައިޓަށް މައްސަލައެއް ދިމާވެގެން ނުވަތަ އެއްވެސް ސަބަބަކާހެދި ފްލައިޓު ޓޯ ކުރަން ޖެހިއްޖެ ނަމަ އެކަން ކުރެވޭނެ ގޮތެއް ނެތްކަމަށާ، ނަމަވެސް މިހާރުލިބުނު ދެ ޓޯވް ޓަގުގެ ސަބަބުން އެކަންވެސް ފުރިހަމަ ވެގެން ގޮސްފައިވާކަމަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވިދާޅުވިއެވެ.

ގަން އެއާޕޯޓުގެ ގްރައުންޑް ޚިދުމަތްތައް ފުޅާކުރުމަށް އެއާޕޯޓުން މަސައްކަތް ކުރަމުންދަނީ، ސްރީލަންކަން އެއާލައިންސްއިން މި އެއާޕޯޓަށް އަލުން ބައިނަލްއަޤްވާމީ ދަތުރުތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިއީ މި އެއާޕޯޓަށް ކުރިއަށް އޮތްތަނުގައި ޑިމާންޑް އިތުރުވާނެކަމަށް ބަލައި މަޑުމަޑުން ވަސީލަތް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވޭ ކަމެއްކަމަށް ދެކުނުގެ ބައިނަލްއަޤްވާމީ އެއާޕޯޓުން ވިދާޅުވެއެވެ.

ގަން އެއާޕޯޓަށް ސްރީލަންކަން އެއާލައިންސް އިން މިހާރު ހަފްތާއަކު އެއް ދަތުރު ކުރެއެވެ. އަދި މާރިޗު 30އިން ފެށިގެން މި ޢަދަދު 2އަށް ބަދަލުކޮށް ކުރީގައި ކުރަމުން އައި ގޮތަށް 3 ދަތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސްރީލަންކަން އެއާލައިންސްއިން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com