ށ. ފޭދޫގައި އަލަޒަށް އިމާރާތްކުރާ ޕްރީ ސްކޫލްގެ ފާރުގައި ލިޔުންތައް ލިޔެގެން ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލަން ޕީޕީއެމް އިން ގޮވާލައިފިއެވެ.
ފޭދޫގައި އަލަށް އިމާރާތްކުރާ ޕްރީ ސްކޫލްގެ ފާރުގައި ޒުވާނުންތަކެއް ނުކުމެ ލިޔުންތައް ލިޔުނީ އެ ފާރުގައި ރީނދޫ ކުލަ ލާފައިހުރުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ވަނީ ދެ ޒުވާނަކު ހައްޔަރުކޮށްފައެވެ. އެ ދެ މީހުންގެ ބަންދަށް މިއަދު ކޯޓުން ވަނީ ހަތް ދުވަސް ޖަހާފައެވެ.
ފާރުތަކުގަޔާ މަގުގަ ކުރެހުމަކީ ރާއްޖޭގައި އާއްމު ކަމެއް ނަމަވެސް7 ދުވަހުގެ މުއްދަތަށް މިހާ އާދައިގެ ކަމެއްގައި ރާއްޖޭގައި ކުރިން މީހުން ބަންދު ކޮށްފައި ނުވެއެވެ.
އެ ދެ ޒުވާނުން ހައްޔަރުކުރިކުރުން ކުށްވެރިކޮށް ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އިސްލާމް ދީނާއި ގާނޫނު އަސާސީއާ ޚިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުޢޫރެއް ފާޅުކުރުމަކީ ގާނޫނު އަސާސީން ހުއްދަކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމެއް މަނާކުރާ އެއްވެސް ޤާނޫނެއް ނެތް އިރު، އެފަދަ ޝުޢޫރެއް އާންމު ތަނެއްގައި ބަޔަކު ލިޔުން އެއީ މުޖުތަމަޢުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި ހައްޔަރުކުކުމަކީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ޕްރީ ސްކޫލްގެ ފާރުގައި ލިޔެފައި ވަނީ ސޭވް މޯލްޑިވްސް، އިންޑިއާ އައުޓް، އިންޑިއާ މިލިޓަރީ އައުޓް، ޑިފެންޑް އިސްލާމް ފަދަ ލިޔުންތަކެވެ.
“…ރޭ ހަތަރުދަމު ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގައި ރަހީނުކޮށްފައި ބޭތިއްބުމަށްފަހު، މިއަދު ކޯޓަށް ގެންގޮސް އެކުދިންގެ ބަންދަށް ހަތްދުވަސް ޖަހާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.”
ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖެ އިންޑިއާއަށް ބަރޯސާވެފައިވާ މިންވަރު ހާމަވާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
“އިންޑިއާ ސަރުކާރުން ބޭނުންހާ ގޮތެއްހަދާ، އިންޑިއާގެ އަސްކަރިއްޔާއަށް މިފަސްގަނޑުން ޖާގަ ދީ، ޤައުމުގެ އަގު ބޮޑެތި ޚަޒާނާ އިންޑިއާއަށް ވިއްކާލައިގެން ތިބެ، އެ ފަރާތްތަކާ އިދިކޮޅަށް ބަސް ބުނާ ކޮންމެ މީހަކު ރަހީނުކޮށް ހިލހިލާ ޖަހައިގެން އަނިޔާ ކުރެވިދާނެ ކަމަށް އެމްޑިޕީއަށާއި އެމްޑީޕީގެ ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެކެވެ.” އެ ބަޔާނުގައި ވެއެވެ.
އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއިން އިސްވެ ހިންގާ ހަރަކާތެކެވެ.