އައްޑޫގައި ކުކުޅު އާލާކޮށް، އޭގެ ވިޔަފާރި ކުރުމަށް ގާއިމްކުރި ‘ޕޯލްޓްރީ ފާމް’ އިން ބޮޑުކުރި ކުކުޅުތައް ވިއްކަން އިއްޔެ ފަށައިފި އެވެ. މިއީ ކުކުޅުގެ ބިސް ވިއްސައިގެން މިހާ ފުޅާ ދާއިރާއެއްގައި މިކަން އައްޑޫގައި ފެށި ފުރަތަމަ ފަހަރެވެ.
އައްޑޫ ސިޓީ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ކުކުޅު ގެންގުޅުމަށް ހުޅުވާލި ފުރުސަތު ހޯދީ ހިތަދޫގެ ބީޓެކް ކުންފުނިންނެވެ. ވޭތުވެދިޔަ މަސް ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ 5،000 ކުކުޅު ވިއްސާފަ އެވެ.
ބީޓެކްގެ މެނޭޖިން ޑިރެކްޓަރު ހުސެން މުހައްމަދު މިއަދު ވިދާޅުވީ ކައުންސިލުން ދިން ބިމުގައި އެ ކުންފުނިން ފުރަތަމަ ވެސް ބޭނުންވީ ވަރަށް ފުޅާކޮށް އެ މަސައްކަތް ފަށަން ކަމަށެވެ.
ގާތްގަނޑަކަށް 500 ކުކުޅު ގެންގުޅެގެން އެ މަޝްރޫއު ކާމިޔާބު ނުވާނެކަން އޭނާއަށް އެނގިވަޑައިގެންނެވި އެވެ. އެހެންވެ، ވަރަށް ބޮޑު ޖާގައެއްގައި، ޒަމާނީ ވަސީލަތްތަކާ އެކު 30،000 ކުކުޅު ގެންގުޅެވޭ ވަރަށް އެ ތަން ތަނަވަސްކުރި އެވެ.
ބީޓެކުގެ ފުރަތަމަ ޕްލޭނަކީ ރާއްޖޭން ބޭރުން ފިޔޮއް ގެނެސްގެން އެކަން ކުރުމެވެ. އެކަމަކު ފިޔޮއް މަރުވާ ރޭޓު މަތިވުމާއި ދަތުރުފަތުރުގެ ދަތިކަމާ ހެދި އެއީ އުނދަގޫ ކަމެއްކަން ވިސްނުނެވެ. އެހެންވެ، ދެ ވަނަ ޕްލޭނެއްގެ ގޮތުން އެ ކުންފުނިން ބޭނުންވީ ބިސް ވިއްސައިގެން އެކަން ކުރުމެވެ.
ބީޓެކް ފާމުގެ ކުކުޅުތަކެއް: މިއީ އައްޑޫގައި ފެށި މި ފަދަ އެންމެ ބޮޑު މަޝްރޫއު.
ހުސެން ވިދާޅުވި ގޮތުގައި:
ފުރަތަމަ ބުރުގައި %94 ބިސް ވިއްސުނު؛ އެއީ 5،000 ކުކުޅު
މަޝްރޫއު ކާމިޔާބުކުރެވި، އެންމެ 28 ދުވަހުގެ ތެރޭގައި 1 ކިލޯގެ ކުކުޅު ބޮޑު ކުރެވުނު؛ އިއްޔެ ވިއްކަން ފެށީ އެ ކުކުޅު
ކުކުޅުގެ އަގު އުޅެނީ، ފިނިކުރި ކުކުޅު ވެސް ވިއްކާ އަގަށް، 65ރ.އަށް
“އެކަމަކު މީގެ ރަހަ ވަރަށް ތަފާތު ވާނެ. ދިވެހި ކުކުޅަށް ވުރެ ވެސް މާ މީރު ވާނެ،” އިއްޔެ ވެސް 100 ކުކުޅު ވިއްކާފައި ވާކަން ފާހަގަކުރެއްވި ހުސެން ވިދާޅުވި އެވެ.
ބީޓެކް ކުންފުނިން ވިއްކާ ކުކުޅުތަކަކާ އެކު، އައްޑޫގެ މޭޔަރު އަލީ ނިޒާރު (ކ) އަދި ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގު (ވ). (ފޮޓޯ/ކައުންސިލް)
އޭގެ ސަބަބު ކިޔައިދެއްވަމުން އޭނާ ވިދާޅުވީ ކުކުޅުތައް ގެންގުޅެނީ ހިޔަލުގައި ބޭރަށް ނުނެރެ ކަމަށެވެ. އަދި ރަނގަޅަށް ކާންދީ، ސަމާލުކަން ދީގެން ބަލަހައްޓާތީ މަހުގެ ރަހައަށް ތަފާތުކަން އަންނާނެ ކަމަށް ވިދާޅުވި އެވެ.
ތަންކޮޅެއް ގިނައިން ކާންދެވުނީމައި ކުކުޅުތައް ފުރަތަމަ ބަލިވި ނަމަވެސް، ޑޮކްޓަރުގެ ލަފާ ހޯދައިގެން އެއަށް ކާންދޭނެ މިންވަރު ހުސެންގެ ޓީމުން ވަނީ ދެނެގަނެފަ އެވެ. އަދި އޭގެ ފަހުން ކުކުޅުތަކަށް އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބީޓެކްގެ ކުކުޅު ފާމުގައި ހުރި ކުކުޅުތަކެއް: 28 ދުވަހުގެ ތެރޭގައި 1 ކިލޯގެ ބަރުދަނަށް ކުކުޅު ވަނީ ބޮޑުވެފައި. (ފޮޓޯ/އައްޑޫލައިވް)
ބީޓެކް ޕޯލްޓްރީ ފާމުން މި ވަގުތު ކުކުޅު ވިއްކަނީ އައްޑުއަށް އެކަންޏެވެ. އެއީ އެހެން ތަނަކަށް ވިއްކާ ވަރަށް ކުކުޅު ގެންގުޅެވޭނެހާ ޖާގަ އެ ފާމުގައި ނެތުމެވެ. އެކަމަކު، ކުކުޅު ގެންގުޅުމުގެ މި ވިޔަފާރި ފުޅާކުރުމުގެ ވިސްނުން އެ ކުންފުނީގެ އެބަހުއްޓެވެ.
Content retrieved from: https://dhauru.com/0DQ0M.