ހަނިމާދޫ މަގުތައް ޒަމާނީކޮށް ނިމެނީ، 20 މަގުގައި ތާރައަޅާ ނިމިއްޖެ



ހދ. ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތްތަކުގެ 93 އިންސައްތަ ނިމިއްޖެއެވެ.
އެމްޓީސީސީ އިން މި މަޝްރޫއާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކޮށް ހާމަކޮށްފައިވާ ގޮތުގައި ސަބްބޭސް މަސައްކަތްތަކާއި، ސަބްގްރޭޑް މަސައްކަތްތައް އަދި ތާރައެޅުމާއި، ހިނގާ ސަރަޙައްދު ނުވަތަ ޕޭވްމަންޓްގެ މަސައްކަތްތައް ވަނީ އެއްކޮށް ފުރިހަމަވެފައެވެ.
އެމްޓީސީސީއިން ބުނީ މިހާރު ކުރިއަށް ދަނީ މަގުބައްތިއާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތްތައް ކަމަށެވެ.
2019 ވަނަ އަހަރު އެމްޓީސީސީއާއި ހަވާލުކުރި ހަނިމާދޫ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫއު އެއްކޮށް ނިމުމަކާ ގާތްވެފައިވާއިރު، މިރަށުގެ މަގުތައް ތަރައްޤީކުރަން 3 ކުންފުންޏަކާއި މީގެކުރިން ހަވާލުކޮށްފައިވެއެވެ. އެގޮތުން، އެންމެ ފުރަތަމަ މި މަސައްކަތް ފަށާފައިވަނީ މީގެ 8 އަހަރު ކުރިން 2013 ވަނަ އަހަރުއެވެ.
އެމްޓީސީސީއިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުއެވެ. ދެ ފިިޔަވައްސަކަށް ބަހާލައިގެން އެމްޓީސީސީއިން މި މަޝްރޫއުގެ މަސައްކަތްތައް ކޮށްފައިވާއިރު، ތާރަ އަޅައި މަގުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރަށް މަގުތަކުގެ ހިތްގައިމުކަން އިތުރުކުރުމަށްޓަކައި ލޭންޑްސްކޭޕިންގ މަސައްކަތްތައް ކުރުމަށް ރާވާފައިވާ ކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްޤީކުރަނީ ހަނިމާދޫގެ މުހިއްމު އިދާރާތައް ހުންނަ މަގުތަކާއި، ރަށުގެ ރައްޔިތުން ޢާންމު ގޮތެއްގައި ބޭނުންކުރާ މަގުތަކެވެ. އެގޮތުން ޖުމްލަ 20 މަގު ހިމެނޭހެން 44،000 އަކަމީޓަރުގެ ސަރަޙައްދުގައި ތާރައަޅައި، ހިނގާ މީހުންނަށް ޚާއްސަކޮށްގެން 16،518 އަކަމީޓަރުގެ ސަރަޙައްދުގައި ޕޭވްމަންޓް ވަނީ ހަދާފައެވެ. އަދި މަގުތަކުގައި ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމް ޤާއިމްކޮށް، ފެނާއި ނަރުދަމާއާއި، މުވާސަލާތީ ޚިދުމަތްތަކަށް ބޭނުންވާ ކޭބަލް ޖަންކްޝަންތައް ވަނީ ހަދާފައެވެ. އަދި މި މަޝްރޫއުގެ ދަށުން މި މަގުތަކުގައި ޓްރެފިކް ނިޝާން ހަރުކުރުމަަށް ހިމަނާފައިވާއިރު، މިއީ 71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Content retrieved from: https://kaafu.mv/.
