Maldives-Taxi

ޓެކްސީގެ އަގުތަކަށް ބަދަލު ގެނައި ސަބަބާ މެދު ސުވާލު ކުރުމުން އެއް ޑްރައިވަރަކު ފެށީ، ކޮންމެހެން ޓެކްސީގައި ދަތުރު ކުރަން ނުޖެހޭކަން ސާބިތު ކޮށްދޭށެވެ. އޭނާ ބުނީ، ޓެކްސީތަކަކީ އާންމު ހިދުމަތެއް ނޫން ކަމަށާއި ރަޖިސްޓާ ކޮށްގެން ހިންގާ އަމިއްލަ ވިޔަފާރިއެއް ކަމަށެވެ. އެހެން ކަމުން އަގު ކަނޑައެޅުމާއި، ދަތުރު ކުރުމާއި ނުކުރުން އެއީ އެމީހުންގެ އަމިއްލަ އިހުތިޔާރެއް ކަމަށެވެ.

އިތުރަށް ތަފްސީލު ކުރަމުން އޭނާ ބުނީ، ޓެކްސީތަކުން ނަގަމުން ދިޔަ އަގަކީ، ތެލުގެ އަގާއި ބާޒާރުގައި ތަކެތީގެ އަގަށް އައި ބަދަލާ އަޅާ ބަލާއިރު ބޮޑު އަދަދެއް ނޫނެވެ. އޭނާ ބުނާ ގޮތުން، އެމްބިއުލާންސެއް ދަތުރު ކޮށްދެނީ، 30ރ. އަށެވެ. އެމްޓީސީސީގެ ބަސްދަތުރުގެ ހިދުމަތް ލިބެނީ ކޮޅަކަށް 10ރ. ރޭޓުންނެވެ. މާލެ/ހުޅުމާލެ ފެރީ ދަތުރެއްގެ އަގަކީ ކޮޅަކަށް 10ރ. އެވެ. އެހެން ކަމަށް ވާއިރު، ޓެކްސީގައި ސީދާ ހުޅުލެއަށް ދާން 60ރ. ނެގުމަކީ ބޮޑު އަދަދެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރެެއެވެ.

ބާޒާރުގައި ތަކެތީގެ އަގަށް އައި ބަދަލު:

ވޭތުވެ ދިޔަ 30 އަހަރު ރާއްޖޭގެ އިންފްލޭޝަން (ތަކެތީގެ އަގު) އަށް އައި ބަދަލަށް ބަލާއިރު، އެންމެ ބޮޑަށް އުފުލިފައި ވަނީ 1994 ވަނަ އަހަރުއެވެ. އެ އަހަރު އިންފްލޭޝަން 20 ޕަސެންޓަށް އުފުލިގެން ދިޔަ ނަމަވެސް ވޭރުގެ ދިޔަ 5 އަހަރު އިންފްލޭޝަން ހުރީ 2 ޕަސެންޓްގައި ހިފެހެއްޓިފައެވެ. 2020 ވަނަ އަހަރު އިންފްލޭޝަން ވަނީ މައިނަސް ވެފައެވެ. އެއަހަރު 1.59- ޕަސެންޓަށް ވެއްޓިފައި ވާކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑާއެކު ވެސް މުދަލާއި، ހިދުމަތާއި ތަކެތީގެ އަގުތަކަށް އައި ބަދަލަށް ބަލާއިރު، ނިމިދިޔަ އަހަރު ދުވަހުގެ އެވްރެޖް އުފުލިފައި ވަނީ 0.02+ ޕަސެންޓަށެވެ. އެއީ އަތްމައްޗަށް (ލިބޭ އާމްދަނީއާއި ހަރަދަށް ބަލާއިރު) ބޮޑު އެނގުމެއް ވާ ވަރުގެ ބަދަލެއް ނޫނެވެ. އެހެން ނަމަވެސް، ރުފިޔާއެއް ބޮޑުވިޔަސް ބޮޑުވާ އުސޫލުން އިންފްލޭޝަން ނުހިފެހެއްޓި މައްޗަށް ދިޔުމަކީ ދެވަނަ ވިސްނުމަކަށް ދާން ޖެހޭނެ ކަމެކެވެ.

ވޭތުގެ ދިޔަ އަހރު ދުވަހުގެ ތެރޭގައި އިންފެލޭޝަން ހުރި ގޮތް ފެންނަ ޗާޓެއް / އިންފޯ ގްރެފިކްސް: ދަ ޕްރެސް

މިނިސްޓްރީގެ ބަސް:

ދިވެހި ބިމާއި ވައިގެ އިހުތިސޯސް ހިނގާ ސަރަހައްދުގައި ދަތުރުފަތުރުގެ ކަންކަން ރެގިއުލޭޓް ކުރަން އޮންނަ މިނިސްޓްރީ، ޓްރާންސްޕޯޓުން ބުނަނީ، ބްރިޖާއެކު އެއްގަމު ދަތުރުފަތުރުގެ އަގުތަކަށް ބަދަލު ގެނެސްދިން ކަމަށެވެ. އެގޮތުން، މާލެ/ހުޅުލެ/މާލެ އަށް 60ރ.، ހުޅުމާލެ/ހުޅުލެ/ހުޅުމާލެ އަށް 60ރ.، ހުޅުމާލެ/މާލެ/ހުޅުމާލެ އަށް 75ރ. އަށް ހަދައިދިން ކަމަށެވެ. އެއާއެކު އެތެރޭގެ (ރަށުތެރޭގެ) ދަތުރުފަތުރުގެ އަގު 25ރ. އަށް އޮތީ ހަދާފައެވެ. އެތެރޭގެ ދަތުރުފަތުރުގައި، ކާރަކަށް އަރާ ފޭބިޔަސް، ދިހަ ފޫޓަށް ދުއްވިޔަސް، މުޅި މާލެ ވަށާ ދުއްވިޔަސް ނެގެނީ 25ރ. އެވެ.

މިނިސްޓްރީން އަގުތަށް އެގޮތަށް ކަނޑައެޅީ، ޓެކްސީގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަމަށާއި، އަގު ކަނޑައެޅުމުގެ ބާރު މިނިސްޓްރީއަށް އޮތުމުން ކަމަށްބުނެއެވެ. 2013 ވަނަ އަހަރު ގެޒެޓް ކުރި “ޓެކްސީ ގަވައިދު” ބުނާ ގޮތުން، އަގަކީ މިނިސްޓްރީން ކަނޑައަޅާ އެއްޗެކެވެ. އެ ގަވައިދުގެ ޖަދުވަލު 6 ގައި އެއަގުތަކުގެ ތަފްސީލު ބަޔާންކޮށްފައި އެބައޮތެވެ.

ޓެކްސީ ގަވައިދުގެ ޖަދުވަލު 6 ގައި އޮތް އަގުތައް

ޑްރައިވަރުންގެ ބަސް:

ބައެއް ޑްރައިވަރުންނާއި ސެންޓަރުތަކުން ބުނީ، މިނިސްޓްރީން ކަނޑައެޅި އެ އަގަކީ، މީގެ 10 އަހަރު ކުރިން ކަނޑައެޅި އަގެއް ކަމަށާއި، މުދަލާއި ތަކެތީގެ އަގަށް އަންނަ ބަދަލާއި، ހިދުމަތްތަކުގެ އަގާއެކު ޓެކްސީތަކުގެ އަގުވެސް މުރާޖައާ ކުރަން ޖެހޭނެ ކަމަށެވެ. އެކަން ކުރަން މިނިސްޓްރީގައި އެތައް ފަހަރަކު އެދުނު ކަމަށާއި އެތައް ވާހަކައެއް ދައްކާ، އަގުތަކަށް ބަދަލުގެންނަން ޖެހޭ ސަބަބު ސާފުކޮށްދީފައި ވާކަމަށެވެ.

އެވާހަކަތަކުގައި ދަތުރުފަތުރުގެ ހިދުމަތް ފަސޭހަކޮށް، ހެޔޮކޮށް އާންމުރައްޔިތުންނަށް ދެވޭނެ ގޮތްތައްވެސް ހުށަހެޅި ކަމަށް ބައެއް ޑްރައިވަރުން ވަނީ “ދަ ޕްރެސް” އަށް ކިޔައިދީފައެވެ.

“ހުށަހެޅިން މީޓަރު ހަރުކުރަން ވެސް، އެއީ އެންމެ ފަސޭހަ ހައްލު، އެކަމެއް މިނިސްޓްރީއަކަށް ނުވި، ހުށަހެޅިން މަގުމަތީގައި ދުއްވޭގޮތް ހަދައިދޭންވެސް، އެކަމެއްވެސް ނުވި”
ޑްރައިވަރެއް

އެ ޑްރައިވަރުން ބުނީ، އެމީހުން އަގު ބޮޑު ކުރަން ހުށަހެޅީ އާންމު ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖައްސަން ނޫން ކަމަށާއި، އެމީހުންވެސް ކައިގެން ބޮއެގެން އުޅެނީ ޓެކްސީ ކޮށްގެން ކަމަށް ވާއިރު، އަގުތަކަށް އައި ބަދަލާއެކު ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭތީ ކަމަށެވެ. އެމީހުން އިތުރަށް ބުނީ، މިހާރުވެސް އެވްރެޖްކޮށް ދުވާލަކު 200ރ. ގެ ޕެޓްރޯލް އަޅައިގެން ހައެއްކަ ދަތުރުވެސް ނުކުރެވޭ ކަމަށާއި، މަގުތަކާއި ޓްރެފިކް ހުންނަ ގޮތުން، އެތައް ވަގުތެއް އެކަމުގައި ހޭދަވެގެން ދާ ކަމަށެވެ.

“ޑްރައިވަރުންނަކީ ވެސް އިންސާނުން ދޯ، ރޮބޮޓް ތަކެއް ނޫން 24 ގަޑި އިރު ކާރުތެރޭގައި އިންނާކަށް، އެމީހުން ފައިބަންވެސް ޖެހޭނެ، ހެނދުނު އަރާ ގޮތަށް އިރު އޮއްސެންދެން ދުއްވައިގެން ވެސް ދެކޮޅު ނުޖެއްސިފައި އޮންނަނީ، އެހާ އުނދަގޫ، ޓްރެފިކް، ބަލާ މަގުތައް އޮންނަ ގޮތް، ދެން މި އެއްޗެހީގެ މެއިންޓަނެންސްވެސް އެހާ ބޮޑު، ސްޕެއާ އެހާ އަގުބޮޑު”
ޑްރައިވަރެއް

އޭނާ ބުނީ، ސެންޓަރަށް މަހުފީގެ ގޮތުގައި 350ރ. ދައްކާފައި ކޮންމެ ދުވަހަކު ހުންނަ މަރާމާތަށް ކަނޑާ ހެދީމައި ދެން އެއްޗެއް ނޯންނަ ކަމަށެވެ.

މާލެއިން ހުޅުމާލެއަށް ކުރާ ކާރު ދަތުރުގެ ހަރަދާއި އާންމުދަނީގެ އެވްރެޖެއް / އިންފޯ ގްރެފިކްސް: ދަ ޕްރެސް

ބޭނުންވަނީ ޖުމްލަ ހައްލެއް:

އެއްގަމު ދަތުރުފަތުރުގެ މައްސަލައަކީ، އެހެން ބައެއް ދާއިރާތަކުގައި ހުރި މައްސަލަތައް ފަދައިން އެއްވެސް ސަރުކާރަކަށް އަދި ހައްލުކޮށް ނުލެވުނު މައްސަލައެކެވެ. ކުރިން ރައީސް ޔާމީން ސަރުކާރުގައި ބޮޑު ހަރަދު ކޮށްގެން ޕާކު ކުރާނެ، މަތިމައްޗަށް ހުންނަ ސިސްޓަމްތަކެއް ބެހެއްޓިއެވެ. އެ ބޭނުން ކުރާނެ ބަޔަކު ނުވެ ދަނީ ވީރާނާ ވަމުންނެވެ. ދެން އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް މަގުމައްޗަށް ހައްލެއް ނުގެނުވުނެވެ. ދުވަހެއް ދުވަހަކަށް ތޮއްޖެހުން ބޮޑުވެ، މަގުތައް ހަލާކުވެ، ބަރުގޮނުގެ އަޑު ގަދަވުން ނޫން އަޑެއް ނީވެއެވެ.

މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލައިގައި މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ޝިމާޒު އަލީ ވިދާޅުވީ، މިހާރު މަސައްކަތް ކުރަނީ މިނީ ބަސް ތައާރަފު ކުރަން ކަމަށެވެ. ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި މިނީ ބަހުގެ ހިދުމަތް ދޭން މިހާރު ވަނީ އެމްޓީސީސީއާ ހަވާލު ކޮށްފައެވެ. އެ މަސައްކަތަށް ބޭނުންވާ 18 ބަސް މިއަހަރުގެ ނިޔަލަށް ގެންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޕަބްލިކް ޓްރާންސްޕޯޓުގެ އިތުރުން، މީޓަރު ޓެކްސީ ތައާރަފު ނުކުރާ މައްސަލައިގައި އޭނާ ވިދާޅުވީ، އެއީ ހައްލެއް ނޫން ކަމަށާއި، މީޓަރު ޓެކްސީގައި ފެށޭ އަގެއް (ބޭސް ޕްރައިޒް) އެއް އޮންނަން ޖެހޭ އިރު ޓެކްސީ ޑްރައިވަރުން އެކަމަށް އެއްބަސް ނުވާނެ ކަމަށެވެ.

ޝިމާޒު އެވާހަކަ ވިދާޅުވި އިރު، މީޓަރު ޓެކްސީ ބޭނުން ކުރަން 2019 ޖުލައިގައި ވާހަކަ ދައްކާ ތައްޔާރީތައް ވިޔެވެ. އެކަމަށް ބީލަން ހުޅުވާލުމުން ރާއްޖޭގެ ދެ ފަރާތަކާއި ލަންކާގެ 3 ފަރާތަކުން ކުރިމަތިވެސް ލިޔެވެ. ނަމަވެސް އެކަން ވީ ހިސާބެއް ނޭނގެއެވެ.

“މީޓަރު ޓެކްސީ އަކީ ހައްލު، އަހަރެމެން ހުށަހެޅިން އެކަން، މިނިސްޓްރީން މާ ގަޔާވާކަމެއް ނޫން އެއީ، މިހާރު އަހަރެމެން މި ދަނީ ދިރާސާއެއް ކުރަމުން، އަގުތަކާ ގުޅޭ، ޕަބްލިކް ޓްރާންސްޕޯޓަކީ ހައްލެއް ނޫން، އެއީ އިތުރު ތަކުލީފެއް، އެ ގެނެސް މުވައްޒަފުންނަށް މުސާރަދީގެން ދުއްވަންވީ، ކޮންތާކު ބާއްވަނީ، މިހާރުވެސް މިއުޅެނީ ޓެކްސީގަނޑު ބާއްވާނެ ތަންކޮޅެއްވެސް ނެތިގެން، މުއިއްޒު ހުރިހާ މަގެއް ވިއްކާލައިފި، އޭރުވެސް ބުނިން ތިހެން ނުހަދާށޭ، ބުނެބުނެ އޮއްވާ މަގުތައް ވިއްކާލީ، އެއީ ވަރަށް ދެރަ ކަމެއް”
ސެންޓަރެއް ހިންގާ ފަރާތެއް

ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން ބުނާ ބުނުމުގެ އިތުރުން، މީޓަރު ޓެކްސީ އަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ހިންގާ ކާމިޔާބު މޮޑެލް އެކެވެ. ރާއްޖޭގައި “ޓެކްސީ ގަވައިދު” ގެ ދަށުން އަގު ކަނޑައެޅުމުގެ ބާރު މިނިސްޓްރީއަށް އޮތް އިރު، މީޓަރު ޓެކްސީގެ ބޭސް ރޭޓެއް (ފެށޭ އަގެއް) ކަނޑައަޅާ، މޮނިޓާ ކުރެވޭނެ ގޮތަށް ހުރިހާ ޓެކްސީއެއްގައި މިޓަރު ހަރުކޮށް ހިދުމަތް ޒަމާނީ ކޮށްލުމަކީ އެއްގަމު ދަތުރުފަތުރަށް އޮތް ޖުމްލަ ހައްލެވެ.

ރިޕޯޓް ޓެކްސީ ޓްރާންސްޕޯޓް ޕަބްލިކް ޓްރާންސްޕޯޓް

 

Content retrieved from: https://thepress.mv/134338.

Related Post

Leave a Reply

Your email address will not be published. Required fields are marked *