ރަސްފަންނު ގިރާތީ މޫދަށް އެރޭ މީހުންގެ ކަންބޮޑުވުން!

Spread the love

ރަސްފަންނަށް އުދައަރާތީ މި ދުވަސްކޮޅު އެތަނުގެ ވެލިގަނޑު ވަނީ ވަރަށް ބޮޑަށް ގިރާލާފައެވެ. އެތަން ފެންނަން އޮތީ މޫދަށް އެރެން ގޮނޑުދޮށަށް ފައިބާ އުޅުމުގެ ތެރޭގައި އަނިޔާއެއް ވެދާނެފަދަ ގޮތަކަށެވެ. ވެލިގަނޑު ގިރާލާފައި އޮންނާތީ ރަސްފަންނަށް މޫދަށް އެރޭ ބައެއް މީހުން އަންނަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސަރުކާރުން ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުކޮށްގެން މީގެ 6 އަހަރު ކުރިން ހެދި ރަސްފަންނު ބީޗަކީ ކުރިންވެސް އުދައަރާ މޫސުމުގައި ގިރަމުން އަންނަ ތަނެކެވެ. އަދި މޫދުތެރޭގައި ކިސަނޑު އުފެދުން ފަދަ މައްސަލަތައް އެތަނަށް ކުރިމަތިވެއެވެ.

ރަސްފަންނު ގިރަމުންދާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްވެސް މޫދަށް އެރޭ ފަރާތްތަކުން އެދެއެވެ. މާލޭ ސިޓީ ކައުންސިލުންވަނީ ގިރާލާފައިވާ ސަރަހައްދުގެ ފަސްގަނޑު ލެވެލް ކުރުމަށް ރަސްފަންނަށް ވެލިއަޅަން ފަށައިފައެވެ.

ހެނދުނު ކަސްރަތަށް މޫދަށް އެރިއުޅޭ ގްރޫޕެއްގެ މެންބަރުން ބުނީ އާޓިފިޝަލް ބީޗް ހަދާފައި އޮންނަ ގޮތަށް އެއްގަމާވީ ފަޅީގައި ގާ ނުވަތަ ހިލަޖެހުން ނުވަތަ ވެލި ބަސްތާފަދަ ތަކެތި އަތުރައިގެން ކަހަލަ ގޮތަކަށް ނަމަވެސް ރަސްފަންނު ގިރުމުގެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މި ކަންތައް ނާންނާތީ ކަންބޮޑުވާ ކަމަށެވެ. ރަސްފަންނުގެ މެދެއްހާ ހިސާބުގައި ހުންނަ ފެންވަރާ މާގަނޑުތައް ހަރުކޮށްފައި ހުންނަ ހިސާބާ ދާދި ކައިރިއަށް ބޮޑު ދިޔައިގައި ރާޅުޖަހައެވެ. އަދި އެ ސަރަހައްދުގެ ވެލިގަނޑު އޮންނަނީ ވަރަށް ބޮޑަށް ގިރާލާފައެވެ. ރަސްފަންނު ހުޅުވިތާ ފަސްމަސް ދުވަސް ފަހުންވެސް ވެލިގަނޑު ވަރަށް ބޮޑަށް ގިރާލައިގެން އަލުން އެތަނަށް ވެލި އަޅަން ޖެހުނެވެ.

ރަސްފަންނު ގިރުމުގެ އިތުރުން އެކި ދުވަސްވަރު އެކިވަރުގެ ގެއްލުންތައް ރަސްފަންނަށް ލިބެއެވެ. އަދި ރަސްފަންނާއި ގުޅޭ ޝަކުވާތައް ގިނައެވެ. އެއްދުވަސްވަރެއްގައި އާންމުން ކަންބޮޑުވެގެން  އުޅުނީ އެސަރަހައްދުން ކަނޑަށް ނަޖިސް ބޭރުކުރަން އަޅާފައިވާ ހޮޅިތައް ފަޅައިގެން ގޮސް މޫދުގައި ނަޖިސް ދައުރުވަމުން ދިއުމުންނެވެ. އަދި އައިޖީއެމްއެޗްގެ ވޭސްޓް ހޮޅިތަކުން ކަނޑަށް ބޭރުކުރާ ވޭސްޓްގެ ސަބަބުންވެސް އާންމުން ކަންބޮޑުވުން ފާޅުކުރިއެވެ. މީގެ އިތުރުން އެ ސަރަހައްދުން މޫދަށް އެޅިފައި ހުރި ކަޅުތެޔޮތަކެއްގެ ސަބަބުން ރަސްފަންނު މޫދު ތަޣައްޔަރުވުމުގެ މައްސަލައެއްވެސް ދާދިފަހުން ދިމާވިއެވެ.

ރަސްފަންނަށް ދިމާވާ މިފަދަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދީ އެތަން ވީރާނާވިޔަ ނުދީ ބެލެހެއްޓުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރެއެވެ. މީގެ ދެއަހަރު ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ އެތަނުގައި ހުންނަ ޖޯލިފަތިތައް އާކޮށް ރަސްފަންނުގައި ގަސްއިންދާ އެތަން ފެހިކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަބަދުވެސް އެއިރެއްގައި ބޭނުންވާ މަރާމާތެއް ކުރުމާއި އާންމުންނަށް އުނދަގޫ ނުވާގޮތަށް ރަސްފަންނުގެ ކަންކަން އިންތިޒާމުވެފައި އޮތުމަށް ކުރަންޖެހޭ ކަންކަން ކައުންސިލުން ކުރެއެވެ.

ރަސްފަންނަކީ ހުރިހާ އުމުރެއްގެ މީހުންވެސް މޫދަށް އެރި އުޅޭ ސަރަހައްދެކެވެ. އަދި ކުޑަކުދިން ވެލި ކުޅުމަށާއި ހިތްހަމަ ޖައްސާލުމަށް ގޮސްއުޅޭ ތަނެކެވެ. މީގެ އިތުރުން ރަސްފަންނު ވެފައިވަނީ މާލޭ ހުޅަނގުފަރާތުގެ މަލަމަތި ރީތިކޮށްދޭ ޖަޒީރާވަންތަ ސިފަތައް މާލެއަށް ގެނެސްދޭ ތަނެއްގެ ގޮތުގައެވެ.

Content retrieved from: https://www.xeetimes.com/13601/.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com