އަރަބިއްޔާގެ އާ އިމާރާތް އަޅަން މާލޭގެ އެންމެ ހަނި މަގުތައް ހުރި ސަރަހައްދުން ބާޖަމާލުއްދީން ހުސްކުރަނީ

Spread the love

އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން އިމާރާތް ހުސްކުރަން ފަށައިފި އެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުން މިދިޔަ ޖެނުއަރީ 16 ގައި ސްކޫލްތައް ފެށުމާ އެކު އެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.

ސްކޫލްގެ ޕީޓީއޭއާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ކުރިން ވިދާޅުވީ އަރަބިއްޔާގެ ދަރިވަރުންނަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

އެ ހައްލަކީ، ބާޖަމާލުއްދީން އިމާރާތުގައި އަރަބިއްޔާގެ އާ އިމާރާތް އަޅައިދިނުމެވެ. ނަމަވެސް އެ އިމާރާތުގެ މަސައްކަތް ފަށާނެ އިރެއް އެޑިއުކޭޝަން މިނިސްޓްރީން އަދި ނުބުނެ އެވެ.

ބާޖަމާލުއްދީންގެ ނަމުން މަޝްހޫރު އިމާރާތުގައި އެންމެ ފުރަތަމަ ހިންގީ ޖަމާލުއްދީން ސްކޫލެވެ. އެ ތަން ވަރަށް ބޮޑަށް ބާވެ، ހަލާކުވުމުން ޖަމާލުއްދީން ސްކޫލްގެ ދަރިވަރުންނަށް އެ އިމާރާތާ ޖެހިގެން އާ ސްކޫލެއް ހަދައިދީ ދަރިވަރުން ބަދަލުކުރި އެވެ.

އެއަށްފަހު، ބާ ޖަމާލުއްދީން އިމާރާތް ބޭނުންކުރީ ގައުމީ ޔުނިވާސިޓީގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް އެތަން ބޭނުންކުރުމަށް ނުރައްކާވެފައިވާ ކަމަށް ބުނެ ކުރީގެެ ސަރުކާރުން އެމްއެންޔޫ އެތަނުން ބޭރުކުރީ އެވެ. އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބީ މަރުކަޒުގެ ގޮތުގައި އެ ތަން ބޭނުންކުރަން ފެށި އެވެ.

ބާ ޖަމާލުއްދީން ހުންނަ ސަރަހައްދަކީ މާލޭގެ އެންމެ ހަނި މަގުތައް ހުންނަ ސަރަހައްދަށް ވުމުން ކައިރި ކައިރީ ބޮޑު ދެ ސްކޫލް އެތަނުގައި ހިންގުމުގެ ސަބަބުން އެތަކެއް ދަތި ތަކެއް ވާނެ ކަމަށާއި އަރަބިއްޔާ ސްކޫލް އަޅަން މި ސަރަހައްދު ރަނގަޅު ނޫން ކަމަށް ބުނެ ބެލެނި ވެރިން ދަނީ އަޑު އުފުލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com