HDC rebrand koh bodethi badhalu thakeh gennanee

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީ ބްރޭންޑްކޮށް ބޮޑެތި ބަދަލުތަކެެއް ގެންނަން ނިންމާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު  ވިދާޅުވެއްޖެ އެވެ.

ސުހައިލް ވިދާޅުވީ އެޗްޑީސީގެ މަސައްކަތް މިހާރު ހައުސިންއަށް ވުރެ ފުޅާވެފައިވާތީ އެ ކުންފުނި ރީ ބްރޭންޑް ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރީ ބްރޭންޑްކުރުމަށްފަހު ކުންފުނީގެ ނަމާއި ކުންފުނީގެ މަސައްކަތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އަޅުގަނޑުމެން މިބަލަނީ މިއަހަރުގެ ތެރޭގައި ރީބްރޭންޑިން ކަންތައްތައް ނިންމަން. ކުންފުނީގެ ވަރަށް ގިނަ ކަންތައްތައް ބަދަލުވެގެންދާނެ،” ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުންފުނީގެ އެސެޓްތަކުގެ ތެރެއަށް ގުޅިފަޅާއި ތިލަފުށި ހިމެނުމުން ކުންފުނީގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެފައިވާ ކަަމަށެވެ. އަދި އެއާއެކު ކުންފުނީގެ ރައުސުލްމާލު ވެސް ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

ތިލަފުށީ ފަޅުން 130 ހެކްޓަރު ހިއްކަން ބަޔަކު އަލުން ހޯދަނީ

އެޗްޑީސީގެ އެމްޑީ ވިދާޅުވީ ކ. ތިލަފުށީ ފަޅުގެ ބާކީ އޮތް ސަރަހައްދުން 139.4 ހެކްޓަރުގެ ބިން ހިއްކަން ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ އިތުރުން ތިލަފުށީގައި ބޮޑު މަގެއް ހަދަން ވެސް ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އެންމެ އަވަހަށް އަޅުގަނޑުމެން ފަށާނީ ތިލަފުށީގެ ބިން ހިއްކުމާއި އެތަނުގައި ބޮޑު މަގެއް ހެދުން. ތިލަފުށި ފަޅު ހިއްކުމުން އިންޑަސްޓްރިއަލް ބޭނުންތަކަށް ގިނަ އަދަދެއްގެ ބިންތަކެއް އެތަނުން ދޫކުރެވޭނެ،” ސުހައިލް ވިދާޅުވި އެވެ.

ތިލަފުށި ފަޅު ހިއްކަން ބަޔަކު ހޯދަން މިދިޔަ އަހަރުގެ ކުރީކޮޅު އެ ކުންފުނިން އިއުލާންކުރި އެވެ. ނަމަވެސް އޭރު އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ.

އެޗްޑީސީން މިދިޔަ އަހަރު އާއްމުކުރި ޑޮކިއުމަންޓެއްގައިވާ ގޮތުން ތިލަފުށީ ފަޅު މިފަހަރު ހިއްކަން ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. މީގެތެރޭގައި ހިމެނެނީ 75.9 ހެކްޓަރުގެ ސަރަޙައްދަކާއި 33.6 ހެކްޓަރުގެ ސަރަޙައްދަކާއި 28.5 ހެކްޓްރުގެ ސަރަހައްދެކެވެ. ތިލަފުށީ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގައި ޖުމްލަ 139.4 ހެކްޓަރު އަދި 1.4 ހެކްޓަރު ހިމެނެ އެވެ.

ތިލަފުށީ ދެވަނަ ފިޔަވަހީ ހިއްކާއިރު، 2016ވަނަ އަހަރު ތިލަފުށީ އިންޑަސްޓްރިއަލް ޒޯންގެ ނަމުގައި 22 ހެކްޓަރުގެ ސަރަޙައްދެއް ހިއްކާފައިވެ އެވެ. މި ސަރަޙައްދާ ތިލަފުށިން ފުރަތަމަ ހިއްކި ސަރަޙާއްދާ ގުޅާލާފައި ވަނީ ކޯޒްވޭއަކުންނެވެ. އިންޑަސްޓްރިއަލް ޒޯން ބޭނުންކުރަނީ ވިޔަފާރިތަކުން ގުދަންކުރުމުގެ މަސައްކަތަށެވެ.

މާލެ ކައިރީ އޮންނަ ކުރީގެ ތިލަފަޅު، ފުރަތަމަ ފަހަރަށް ހިއްކާފައިވަނީ 1991ގަ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *