ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ޙަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން މާލެ ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް ސަލާމަތީ ސަބަބުތަކަށްޓަކައި މާދަމާ މާލޭގެ ބައެއް ސަރަޙައްދުތަކުގެ މަގުތަކާއި ޕާކިންގ ޒޯންތައް ބަންދުކުރުމަށް ނިންމައިފިއެވެ.

އެގޮތުން މާދަމާ ހެނދުނު 07:00 އިން ފެށިގެން ރޭގަނޑު 21:00އާ ހަމައަށް އެކި ވަގުތުތަކުގައި ފައިމަގުގައި އުޅޭ މީހުންނާއި ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ބަންދުކުރަން ހަމަޖެހިފައިވާ މަގުތަކުގެ ތެރޭގައި ބޮޑު ތަކުރުފާނު މަގު ޗާންދަނީ މަގާ ގުޅުނު ހިސާބުން ފެށިގެން އިރަށް ލޮޓަސް ގޯޅިއާ ހަމައަށް، އަމީރު އަހުމަދު މަގު ޗާންދަނީ މަގާ ގުޅުނު ހިސާބުން ފެށިގެން އިރަށް ފިނިހިޔާ ގޯޅިއާ ހަމައަށް، މެދުޒިޔާރަތްމަގު ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމާއި ގުޅުނު ހިސާބުން ފެށިގެން ސޯސަން މަގާއި ހަމައަށް އެވަގުތުތަކުގައި ބަންދުވާނެއެވެ. މީގެ އިތުރުން މިމަގުތަކާއި ގުޅިފައިވާ ބައެއް ގޯޅިތައްވެސް ބަންދުކުރުމަށްވަނީ ހަމަޖެހިފައެވެ.

އަދި އެސަރަހައްދުތަކުގެ މަގުތަކުގައި ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ސަރަޙައްދުތަކާއި، ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ސަރަޙައްދުގައި ހަދާފައިވާ ޕާކިންޒޯނާއި، ބޮޑުތަކުރުފާނު މަގު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއާ އިންވެގެން އިރަށް ހުންނަ ޕާކިންގ ޒޯނުގައި ހުރި އުޅަނދުތައް މިރޭ 20:00ގެ ކުރިން، ނަގާ ޒޯންތައް ހުސްކޮށްދެއްވުމަށް ފުލުހުންވަނީ އެދިފައެވެ. މަގުތައް ބަންދުކުރަން ނިންމާފައިވާ ވަގުތުތަކުގައި އެސަރަހައްދަށް އެކި ބޭނުންތަކަށް ވަޑައިގަންނަވާ ފަރާތްތަކުން ފުލުހުން އަންގާ ގޮތެއްގެމަތިން އަމަލުކޮށްދެއްވުމަށް ވަނީ ދަންނަވާފައެވެ.

އަދި އެ ވަގުތުގައި މާލޭގެ މުހިއްމު ސަރަހައްދެއް ބަންދުކުރެވުނު ނަމަވެސް ރައްޔިތުންގެ ފަރާތުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން މިކަމުގައިވެސް ދެއްވުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަރަށް ބޮޑު އެދުމެއްކަމުގައި ފުލުހުން ވިދާޅުވިއެވެ.

Content retrieved from: https://psmnews.mv/96448.

Related Post

Leave a Reply

Your email address will not be published. Required fields are marked *