mahaajarraaf Maldives big dredger MTCC
އެމްޓީސީސީން ގެންގުޅޭ އެންމެ ބޮޑު ޑްރެޖަރު “މަހާޖައްރާފު”. މިއަށް ވުރެ ބޮޑު ޑްރެޖަރެއް ގައުމަށް އަންނަނީ މަސައްކަތް ކުރަމުން–ފޮޓޯ:އެމްޓީސީސީ

ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ސްޕީޑު އަވަސް ކުރަން އެމްޓީސީސީން ގެންގުޅޭ “މަހާޖައްރާފު” އަށް ވުރެ ބޮޑު ޑްރެޖާއެއް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީގެ މެނޭޖިންޑިރެކްޓާ އާދަމް އާޒިމް ވިދާޅުވީ، ދެ ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކައްޗަކީ އާންމުކޮށް ރަށްރަށުގައި ހިންގާ ބަނދަރު ހެދުމާއި އެފަދަ ޕްރޮޖެކްޓްތަކަށް ބޭނުން ކުރަން ހާއްސަ ޑްރެޖަރެއް ކަމަށާއި، ދެން ހޯދަނީ ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވާ ޑްރެޖަރެއް ކްމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން މިވަގުތު ގެންގުޅޭ މަހާޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ބޯޓެކެވެ. ކޮންނަ ބޯޓުން އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެ އެވެ.

“މިއަހަރުގެ ތެރޭގައި މިދެ ޑްރެޖާ ވެސް ގެންނާނަން. އެކަމުގެ މަސައްކަތްތައް ވަރަށް ބާރަށް އެބަ ކުރިއަށްދޭ،” އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްތަކުގެ އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ އެއް ކުންފުންޏަކީ އެމްޓީސީސީ އެވެ. އެކުންފުނިން މިދިޔަ އަހަރު 27 މަޝްރޫއެއްގެ މަސައްކަތް ނިންމި އިރު 64 މަޝްރޫއެއްގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ ތެރޭގައި ބަނދަރާއި ޕޯޓު ހެދުން، މަގު ހެދުމާއި އެއާޕޯޓް އެޅުން، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނެ އެވެ.

މިދިޔަ އަހަރަކީ އެކުންފުނީގެ ދިގު ތާރީހުގައި ވެސް އެންމެ ބޮޑު ފައިދާއެއް ކުންފުންޏަށް ލިބުނު އަހަރެވެ. ކުންފުންޏަށް 264 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

މަހާޖައްރާފަކީ ކުރީ ދައުރުގައ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ރާއްޖޭގެ ރަށްތައް ހިއްކަން ކުޑަ ޙަރަދަކުން އެކަން ކުރަނ ޗައިނާގައި ބަނދެވި ރާއްޖެ ގެނެވުނު އަގުބޮޑު އެސެޓެކެވެ. އަދި މަހާޖައްރާފު ބަނުމުގެ މަސައްކަތް ވަކި ހިސާބަކަށް ދިޔަފަހުން ޗައިނާ އިން ގައުމީ ސަލާމަތާ ގުޅުން ހުރި އެސެޓެއް ކަމަށް ނިންމާ މަހާޖައްރާފު ނުވިއްކަންވެސް ނިންމިއެވެ. ނަމަވެސް ދެ ސަރުކާރުގެ ދެމެދުގެ ކުރެވުނު މުއާމަލާތްތަކަށް ފަހު ޗައިނާ އިން ވަނީ ރާއްޖެއަށް އެ ބޯޓު ވިއްކަން ނިންމާފައެވެ. އަދި މި ބޯޓަކީ މިސަރަހައްދުގެ މިބާވަތުގެ މަސައްކަތް ކުރާ އެންމެ ބޮޑު ބޯޓު ކަމަށްވެއެވެ.

މަހާޖައްރާފު ރާއްޖެ ގެނެވުމުން މިދައުރުގެ ކުރީ ކޮޅުގައި މިބޯޓަކީ ބާދަގަނޑަށް ވިއްކާލަންޖެހޭ ބޭކާރު ޙަރަދެއް ކަމަށްވެސް މިހާރުގެ ސަރުކާރުގެ ވެރިން ވާހަކަ ދެއްކެވިއެވެ. ނަމަވެސް މަހާޖައްރާފުގެ ބޭނުންތެރިކަން ސަރުކާރުގެ ވެރިންނަށް ވިސްނި މިހާރު އޮތް ޖައްރާފަށްވުރެ ބޮޑު ޖައްރާފެއް ގަންނަން މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *