ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމް ދިރާސާކުރުމަށް ބަޔަކާއި ހަވާލުކޮށްފި

Spread the love

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމާއި ގުޅޭ ދިރާސާއެއް “ފަސްޓް ޑިގްރީ ގްރާންޓް ސްކީމް އިމްޕެކްޓް އެސެސްމެންޓު” ގެނަމުގައި ހެދުމަށް ކޮންސަލްޓެންޓަކާއި ހަވާލުކޮށް އެގްރީމެންޓުގައި ސޮއިކޮށްފިއެވެ.

މި ދިރާސާ ހެދުމުގެ މައިގަނޑު މަޤްސަދަކީ ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފް ކުރުމުން ކޯސްތަކުގައި ބައިވެރިވާ، ކޯސް ނިންމާ އަދި ކޯސް ފުރިހަމަނުކޮށް ކޯހުންވަކިވާ ދަރިވަރުންގެ އުމުރު އަދި ޖިންސު އެނގޭނެހެން ތަފާސް ހިސާބު މުރާޖައާ ކުރުމާއި، ފަސްޓް ޑިގްރީ ގްރާންޓް ސްކީމް ތަޢާރަފުކުރި ފަހުން މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ކިޔަވައިދޭ ފަސްޓް ޑިގްރީ ކޯސްތަކަށް އައި ބަދަލުތައް މުރާޖައާ ކުރުމެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނުމާއި ގުޅިގެން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ފެއްޓެވި، “ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުން” ސްކީމް، 14 ފެބްރުއަރީ 2019 ވަނަ ދުވަހު އެ މަނިކުފާނު ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައި ދިނުމުގެ ސްކީމްގެ ދަށުން މިހާތަނަށް 13,911 ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތު މިހާތަނަށް ވަނީ ދެވިފައެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ދަރިވަރުންނަށް ހިލޭ ޑިގްރީ ފުރުޞަތުތައް ފަހިކުރަމުން ގޮސް 2023ގެ ނިޔަލަށް 5000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށެވެ. އަދި އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެކަން ރައީސް ވިދާޅުވިއެވެ

Content retrieved from: https://raajje.mv/115817.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com