ފްލެޓުތަކުގެ ފިނިޝިން މަސައްކަތް އިތުރު ނުކުރާތީ އިހުތިޖާޖުކޮށްފި


މިއަދު ހަވީރު ހިޔާ ފްލެޓުތައް ކައިރީގައި ކުރިޔަށްދިޔަ ސުލްހަވެރި އިހުތިޖާޖަކީ އާންމުންގެ ޖަމިއްޔާ އާއި ހިޔާ ޔުނިއަން ގުޅިގެން ބޭއްވި އިހުތިޖާޖެކެވެ. އެ އިހުތިޖާޖުގައި ފްލެޓުތަކުގެ ފިނިޝިން މަސައްކަތް އެއްކޮށް ނުނިމޭ ފަރާތްތަކާއި އަދި މިހާރު ފްލެޓުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބައިވެރިވެ، އެމީހުންގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފައެވެ.
އެގޮތުން ފްލެޓުތައް ނުނިމި އެތަނުގައި ދިރިއުޅެންވެސް ނުފެށެނީސް އަންނަ މަހުން ފެށިގެން ކުލި ދައްކަން ޖެހުމަކީ އެ މީހުން އެންމެ ބޮޑަށް ފާޅުކުރަމުން ދިޔަ ކަންބޮޑުމެވެ.
ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ފްލެޓުތައް ނިންމުމަށް ހަތަރު މަސް ދުވަސް ދީފައެވެ. އަދި މިމަހުގެ ނިޔަލަށް ހަތަރުވަނަ މަސް ހަމަވާއިރު އަންނަ މަހުން ފެށިގެން ފްލެޓުތަކަށް ކުލި ދައްކަން ޖެހެއެވެ.
ނަމަވެސް އެޗްޑީސީން އަންނަނީ ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ސަރުކާރާ އެކު މަޝްވަރާކުރަމުންނެެވެ. އެ ކޯޕަރޭޝަނުން ބުނީ މިހާތަނަށް އެކަމުގައި އަދި ގޮތެއް ނިންމާފައިނުވާ ކަމަށާއި އެހެންކަމުން އަދި އޮތް ގޮތުން އަންނަ މަހުން ފެށިގެން ކުލި ދައްކަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް ގްރޭސް ޕީރިއަޑް އިތުރު ކޮށްދީފި ނަމަ ކުލި ދެއްކުން ފަސް ކުރާނެ ކަމަށް އެ ކޯޕަރޭޝަން އިން ބުންޏެވެ.
https://hathaavees.com/33554/.
