ފުލުހަކަށް ހަމަލާދިން ތިން މީހަކު ހައްޔަރުކޮށްފި



ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އަޅައި ފުލުސް މީހަކަށް، ހަމަލާދީ މާރާމާރީ ހިންގައި ބިރުދައްކައި އިންޒާރު ދިން މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ވީނަސްވިލާ، މުޙައްމަދު ވިޢާމް (27އ) އާއި ސ. ހިތަދޫ، ފާނަފިލާގެ، ޙަސަން ޢަލީމް (22އ) އަދި ކ. މާލެ، ދަފްތަރު ނަންބަރު ދރ2841، ޝާން ޢަބްދުﷲ (20އ) އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، 7 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި އެންމެންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ.
ފުލުހުން ވިދާޅުވީ، މާލޭގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ ހަތަރު މީހަކު، 2021 ޑިސެންބަރު 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ނުރައްކާތެރިކޮށް ބާރު ސްޕީޑްގައި މަޖީދީމަގާއި ދިލްބަހާރުމަގު ގުޅުނު ހިސާބުގައި ދެ ސައިކަލެއްގައި ދުއްވަމުން ދަނިކޮށް އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކު އެ މީހުން ހުއްޓުވަން މަސައްކަތް ކުރުމުން، އެ ފުލުސް މީހާއަށް ބިރު ދައްކާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. މިމައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވަނީ 23 ޑިސެންބަރުއެވެ.
ފުލުހުން މިއަދު އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ، މާލޭގެ މަގުތަކުގެ އަމާންކަން ގެއްލުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ގްރޫޕް ހަދައިގެން މިފަދަ އަމަލުތައް ހިންގާ މީހުންނާމެދު ގާނޫނީ ހަރުކަށި ފިޔަވަޅު އަޅައި، މިފަދަ ކުށްތައް ހުއްޓުވުމަށް ގާނޫނީ ގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.
