އޭސީސީ މެމްބަރުން ވަކި ކުރީ ވަކި ބަޔަކު ބޭނުންވާ ގޮތަށް މައްސަލަތައް ނުނިންމޭތީ

Spread the love

ތަހުގީގުތަކުގައި ނުފޫޒު ފޯރުވިޔަ ނުދޭން ކޮމިޝަނުން ސާބިތުވެތިބުމުން ފާޑުކިއުން އަމާޒުކޮށް ފެއިލްކޮށްލަން މަސައްކަތް ކުރި ކަމަށާއި އިތުބާރު ނެތް ކަމުގެ ވޯޓެއް ތަކުރާރުކޮށް ނަގަން މަސައްކަތް ކުރީ ވެސް އެ ސަބަބާ ހެދި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން މިގޮތަށް ބުނީ އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ޕަފޯމަންސް އޮޑިޓުގައި ހުރި ވާހަކަތަކަށް ރައްދު ދޭން ނެރުނު ބަޔާނުގަ އެވެ. އޮޑިޓް އޮފީހުން އެ ކޮމިޝަނަށް ދިމާވި ގޮންޖެހުންތައް ނުބަލާ ކަމަށާއި މަސައްކަތް ކުރަން ކޮމިޝަނަށް ލިބުނީ 10 މަސް ކަން ވެސް ފާހަގަނުކޮށް، އެއްފަރާތަށް ބުރަވެފައިވާ ރިޕޯޓެއް ނެރުނު ކަމަށް އޭސީސީގެ ބަޔާނުގައި ހުރި ވާހަކަތަކުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

މި ބަޔާން ނެރެފައި ވަނިކޮށް، އަދި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމުގައި ވެސް ތަފްސީލްކޮށް ކޮމިޝަނަށް ކުރިމަތިވި ގޮންޖެހުންތައް ބަޔާންކޮށްފައި ވަނިކޮށް ކޮމިޓީގެ މިއަދުގެ ނިންމުމަކަށް ވީ މެމްބަރުން ވަކިކުރަން ތަޅުމަށް ފޮނުވުމެވެ.

ސިޔާސީގޮތުން ވަކި ފަރާތަކަށް ބުރަ ނުވާކަމާއި ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެކަން ވާނީ ސާބިތުކޮށްދީފަ އެވެ. — އޭސީސީ

އޭސީސީގެ ބަޔާނުގައި ކޮމިޝަނަށް ކުރިމަތިވި ހުރަސްތަކާ ގުޅޭ ގޮތުން ބުނެފައި ވަނީ، މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެ އިސް ވާޖިބަކަށް ވީ ވަކި ފަރާތަކަށް ބުރަނުވެ ޖެހިލުންވުމެއް ނެތި މަސްއޫލިއްޔަތު އަދާކުރުން ކަމަށެވެ. މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ވަޒަން ކުރުމުން ވެސް އެކަން ފެންނާނެ ކަމަށެވެ.

“ސިޔާސީގޮތުން ވަކި ފަރާތަކަށް ބުރަ ނުވާކަމާއި ކޮމިޝަނަށް ނުފޫޒު ނުފޯރުވޭނެކަން ވާނީ ސާބިތުކޮށްދީފަ އެވެ.” ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނިގޮތުުގައި ވަކި ސިޔާސީ ފިކުރަކަށް ނުވަތަ ވަކި ފަރާތަކަށް ބެލުމެއް ނެތި ތަހުގީގުތައް ކުރިއަށް ގެންގޮސް ނިންމުންތައް ނިންމާތީ އެކަމުގެ މަސްލަހަތު ހިމެނޭ ފަރާތްތަކުގެ ފާޑުކިއުން ކޮމިޝަނަށް ތަކުރާރުކޮށް އަމާޒުވެ އެވެ. އެފަދަ މީހުންގެ ސިޔާސީ މަސައްކަތްތައް ވަކި ޓާގެޓްތަކެއް ކަނޑައަޅައި ކޮމިޝަނާ ދެކޮޅަށް އަމާޒުކުރާ ކަމަށް ވެސް ބުންޏެވެ.

“ނިޒާމުގެ އެތެރެއިންނާއި ބޭރުން އެކި ސިފަސިފައިގައި ކޮމިޝަނުގެ މަސައްކަތްތައް ފެއިލްކޮށްލުމަށް މަސައްކަތްކުރިތަން ފެނިގެންދިޔަ އެވެ. ނަތީޖާއަކަށް ވެގެންދިޔައީ މި ކޮމިޝަނުގެ ދައުރުގައި ވޭތުވެ މިދިޔަ 2 އަހަރު ތެރޭގައި ކޮމިޝަނުގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް ތަކުރާރުކޮށް މަސައްކަތް ކުރުމެވެ،” އޭސީސީގެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި މިހާތަނަށް މަސައްކަތް ބައްޓަންކޮށް، ކުރަމުން އަންނަނީ ރަނގަޅަށް ކަމަށް މެމްބަރުން ދެކެ އެވެ. ކޮމިޝަނުގެ މަސައްކަތް ވަޒަންކުރާ ނަމަ ބަލަން ޖެހޭނީ މަސައްކަތް ކުރެވުނު މުއްދަތަށް ކަމަށާއި އޮޑިޓުުގައި ބުނެފައިވާ ގިނަ މައްސަލަތަކަކީ އެ ކޮމިޝަނުގެ މެމްބަރުން ހަވާލުވުމުގެ މާ ކުރިން ވެސް ނުބެލި ފުނިޖެހިފައި ހުރި މައްސަލަތަކެއް ކަމަށް ބަޔާނުގައި އެވެ.

ތަހުގީގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށާއި އެ މައްސަލަތައް އަވަހަށް ނިންމަން ވެސް ކޮމިޝަނުން މުހިއްމު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

“އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ސްޓްރަކްޗާއަށް ގެނެވުނު ބަދަލެވެ. މިގޮތުން، އިންވެސްޓިގޭޝަން ޑިޕާޓުމަންޓުގެ ތެރޭގައި އިންވެސްޓިގޭޝަން 3 ޔުނިޓް އުފައްދައި، އެ ޔުނިޓްތައް ހިންގައި މެނޭޖްކުރުމަށް ވަކިން މުވައްޒަފުން ކަނޑައެޅުނެވެ،” ބަޔާނުގައިވެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކީ ކޮމިޝަނުން ތަހުގީގުކުރާ އެންމެ ބޮޑު މައްސަލަަކަން ފާހަގަކޮށް އޭސީސީން ބުނިގޮތުގައި އެ ތަހުގީގަށް ހަތް އިންވެސްޓިގޭޓަރަކު ހާއްސަކޮށްފައިވާނެ އެވެ. މިއީ، އިންވެސްޓިގޭޓަރުން މަދު އެތަނުގެ އެހެން މައްސަލަތައް ބެލުމުގައި ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.

“ކޮރަޕްޝަނުގެ އަމަލުތައް މަދުކުރުމަށް އޮތް އެންމެ މުހިންމު އެއް ފިޔަވަޅަކީ ކޮރަޕްޝަން ޕްރިވެންޝަން ހަރުދަނާކުރުމެވެ. މީގެ އަހަރުތަކެއް ކުރިން ކޮރަޕްޝަނުގެ އަމަލުތައް ވިޔަނުދިނުމަށްޓަކައި ދުރާލާ ސިޔާސަތުތަކެއް އެކުލަވާލައި ތަންފީޒު ކުރެވިފައިނުވުމަކީ ގައުމު މިއަދު މިއޮތް ހާލަތަށް އައުމަށް މެދުވެރިވި މައިގަނޑު ސަބަބުކަމުގައި ބެލެވިދާނެ އެވެ. ނަމަވެސް ކޮމިޝަނުގެ މިހާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖޭގައި ޕްރިވެންޝަން އެޖެންޑާއެއް ތަންފީޒުކުރުމެވެ،” އޭސީސީގެ ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނީ ހުށަހެޅޭ މައްސަލަތަކުގެ އަދަދާ ގާތްކުރާ މިންވަރަށް ވެސް މުވައްޒަފުން ނެތް ކަމަށެވެ. މިކަމަށް ހައްލު ހޯދުމަށް 2020 ގައި 25 މުވައްޒަފުން އަދި 2021 ގައި އަށް މުވައްޒަފުން ހޯދަން އެދިފައި ވިޔަސް ހައްލެއް ލިބިފައެއް ނުވެ އެވެ.

“ނަމަވެސް ކޮމިޝަނަށް މުވައްޒަފުން ހޯދުމަށް މިދެންނެވި އަހަރުތަކުގައި ބަޖެޓު ހަމަޖައްސައިދީފައިނުވާއިރު، އޮޑިޓުގައި އެކަމަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކޮށްފައިނުވެ އެވެ. އަދި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް ރިކަމަންޑޭޝަންސް ދިނުމުގެ ބަދަލުގައި، ރިކަމަންޑޭޝަންސް ދީފައިވަނީ ވަނީ ކޮމިޝަނަށެވެ،” އޭސީސީގެ ބަޔާނުގައިވެ

އެވެ.

އިތުރު ތަފްސީލު https://mihaaru.com/news/102394.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com