ކައިވެންޏާ ބެހޭގޮތުން ސުވާލު ކުރުމުން ކިއާރާ ދިން ޖަވާބަށް އެތައް ބައެއްގެ ތަރުހީބު!

Spread the love

ބޮލީވުޑްގެ ޚަބަރުތަކަށް ބަލާއިރު މިދުވަސްކޮޅު އެންމެ ގަދަޔަށް ވިދަމުންދާ ތަރިއަކީ ކިއާރާ އަދްވާނީއެވެ.

މިދިޔަ ހުކުރު ދުވަހު ސިނަމާތަކަށް ރިލީސްވި “ބޫލް ބުލައްޔާ 2” އަށް ލިބެމުން އަންނަ ތަރުހީބާއެކު ކިއާރާ މިހާރު ވަރުން ދާވަންއާ އެކު ތައްޔާރުވަމުން ދަނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ކަރަން ޖޯހަރް އުފެއްދި “ޖުގް ޖުގް ޖިޔޯ” ރިލީސް ކުރާނެ ދުވަހަކަށެވެ.

އެ ފިލްމުގެ ޓްރެއިލާ ރިލީސް ކުރުމުގެ ހަފްލާގައި އިއްޔެ މީޑިއާތަކުން ވަނީ ކިއާރާއާއި ވަރަށް ގިނަ ސުވާލުތަކެއް ކޮށްފައެވެ. އެގޮތުން އޭގެ ތެރެއިން އެއް ނޫސްވެރިއަކު ސުވާލު ކުރީ ކިއާރާ ކައިވެންޏެއް ކޮށްގެން ދިރިއުޅުމުގައި ހަމަޖެހޭނީ ކޮންއިރަކުންތޯއެވެ.

އެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި ކިއާރާ ބުނީ، ކައިވެންޏެއް ނުކޮށް ވެސް އޭނާ ހުރީ ވަރަށް ހަމަޖެހިގެން، އުފަލުގައި ކަމަށެވެ. އަދި އޭނާ ދަނީ އާމްދަނީ ހޯދަން މަސައްކަތް ވެސް ކުރަމުން ކަމަށާއި އެހެންކަމުން ދިރިއުޅުން އުފާވެރި ކަމަށް ވެސް ބުންޏެވެ.

ކިއާރާގެ މި ޖަވާބަށް އެތައް ބައެއްގެ ހޫނު ތަރުހީބު ވަނީ ލިބިފައެވެ.

ދާދި ފަހުން މީޑިއާތަކުގައި ފެތުރެމުން ދިޔައީ ކިއާރާއާއި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ ބޮލީވުޑްގެ ތަރި ސިދާތު މަލޯތުރާއާ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކެނޑިއްޖެ ކަމުގެ ވާހަކައެވެ. ނަމަވެސް ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާން ބޭއްވި ޢީދު ޕާޓީގައި މި ދެތަރިން އަނެއްކާ ވެސް އެއްކޮށް ފެނުމުން، އެއީ ދޮގު ޚަބަރެއް ކަމަށް މިހާރު ގިނަ މީހުން ޤަބޫލު ކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *