ޤުރުއާނުގައިވާ ޢަމުރަށް ގޮންޖައްސަވައި ރައީސް ޞާލިޙް, ރާނީގެ ޖަނާޒާއަށް, އިމްރާނު ހަނު!


މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ގެ ”ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެ ޤައުމަށް ވަޑައިގަންނަވާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
މި މަހުގެ 19 ގައި އޮންނަ ރާނީ އެލިޒަބަތުގެ ”ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް” ރައީސް ޞާލިޙް ފުރާވަޑައިގަންނަވާނީ މާދަމާއެވެ.
ނަމަވެސް ކީރިތި ޤުރުއާނުގެ ތައުބާ ސޫރަތުގައި ވަނީ ޣައިރު މުސްލިމުންގެ ޖަނާޒާގައި ބައިވެރިނުވުމަށް އަންގަވާފައެވެ.
ރައީސް ފުރާވަޑައިގަންނަވަން ވަގުތު ކުޑަތަންވެފައިވާއިރު ޖަމްޢިއްޔަތުއްސަލަފުގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވެސް ވަނީ އެ އާޔަތް ޓުވިޓާގައި ހިއްސާކުރައްވައިފައެވެ. އޭނާގެ ޓުވީޓުގައި އެހެން ވާހަކައެއް ވިދާޅުވެފައިނެތް ނަމަވެސް, އެއީ ރައީސްގެ ދަތުރުފުޅަށް ޢިޝާރަތްކުރައްވައި ކުރެއްވި ޓުވީޓެއްކަމަށް ބެލެވެއެވެ.
”وَلَا تُصَلِّ عَلَىٰٓ أَحَدٍۢ مِّنْهُم مَّاتَ أَبَدًۭا وَلَا تَقُمْ عَلَىٰ قَبْرِهِۦٓ ۖ إِنَّهُمْ كَفَرُوا۟ بِٱللَّهِ وَرَسُولِهِۦ وَمَاتُوا۟ وَهُمْ فَـٰسِقُونَ” (ތައުބާ ސޫރަތުގެ 84 ވަނަ އާޔަތް)
މާނައީ: ”އެއުރެންގެ ތެރެއިން މަރުވި އެއްވެސް މީހެއްގެ މައްޗަށް ކަލޭގެފާނު ދުވަހަކު ވެސް ކަށުނަމާދު ނުކުރައްވާށެވެ! އަދި އެމީހެއްގެ މަހާނަދޮށުގައި ވެސް ކަލޭގެފާނު ހުއްޓިވަޑައިގެން
ނުހުންނަވާށެވެ! ހަމަކަށަވަރުން، އެއުރެން ﷲ އަށާއި, އެކަލާނގެ ރަސޫލާއަށް ކާފިރުވޫއެވެ. އަދި އެއުރެން މަރުވީ، ފާސިޤުން ކަމުގައިވާ ހާލުގައެވެ.”
މި އާޔަތުގައި މިހެން ބަޔާންކުރައްވާފައިވަނިކޮށް, އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2 ގެ ޖަނާޒާގައި ރައީސް ޞާލިޙް ބައިވެރިވެ ވަޑައިގަތުމަކީ ދީނުން ބޭރުވެދާނެފަދަ އަމަލެއްކަމަށް މި ނޫހަށް މަޢުލޫމާތު ދެއްވި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިއަކު ވިދާޅުވިއެވެ. އަދި އެއީ ޤުރުއާނުގައިވާ ގޮތާ ޚިލާފުވުންކަމަށް ވެސް އެ ބޭފުޅާ ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅާ ގުޅިގެން ސަލަފްގެ ރައީސް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމްގެ ކޮއްކޮ އިބްރާހިމް ޖަނާބް ވެސް ވަނީ ފާޑުވިދާޅުވެފައެވެ.
”ކާފަރުންގެ މައްޗަށް ކަށުނަމާދު ނުކުރަން އަދި ހެޔޮދުޢާ ނުކުރަން އަންގަވާފައިވަނީ ވެސް ތައުބާގެ ނަމުން ނަން ދެވިފައިވާ ސޫރަތުގައި. ރަސޫލާވެރިކަން ކުރެއްވި ގޮތައް ވެރިކަން ކުރައްވާ ރައީސް ޤުރުއާނުގައި ނައްސުން މަނާ ކުރައްވާފައިވަނިކޮށް މިއޮށް ފުރަނީ ޝިރުކުގައި ބައިވެރިވާން.” ހޯމް މިނިސްޓަރު ޝައިޚް އިމްރާނަށް ޓެގްކުރައްވައި އޭނާ ވިދާޅުވިއެވެ.
ދާދިފަހުން އިމްރާން ވިދާޅުވަނީ އާލު އިމްރާން ސޫރަތުގެ 159 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ހެޔޮ ވެރިކަމުގެ ސިފަތައް ރައީސް ޞާލިޙްގެ ވެރިކަމުން ފެންނަ ކަމަށެވެ. އަދި އޭގެ ކުރިން އެ ޕާޓީގެ ޢިލުވެރިޔާ ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވި ގޮތުގައި ރައީސް ޞާލިޙަކީ ރަސޫލާ ދުޢާ ދެއްވާފައިވާފަދަ ވެރިއެއް ކަމަށެވެ.
ކީރިތި ޤުރުއާނުގައި ޣައިރު މުސްލިމުންގެ ޖަނާޒާގައި ބައިވެރިނުވުމަށް ސާފުކޮށް އަންގަވާފައިވާއިރު, ރައީސްގެ ދަތުރުފުޅާ ގުޅިގެން އިމްރާނުގެ ދުލުގައި ”ބޮޑު ތަޅު” އެޅުވިފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީން މަސައްކަތް ކުރަނީ އިސްލާމްދީން ކުރިއަރުވާށެވެ.
