ބިމާ ބެހޭ ބަހުސްތައް މީސް މީޑިޔާގައި ހިނގަމުންދާ ދަނޑިވަޅެއްގައި މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގިނަ އަދަދެއްގެ ގޯތި މި ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ހުޅުވާލުމާއެކު ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް އޮތް ގޯތި ގެދޮރުގެ މައްސަލައަކީ މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމެއް ކަމަށެވެ.
ރައީސް ފާހަގަ ކުރެއްވި ގޮތުގައި ހުޅުމާލޭގައި މިހާރު ވެސް 5,000 ފްލެޓް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި މާލޭ ރައްޔިތުންނަށް ހާއްސަކޮށް ގޯތި ދިނުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަން ވަނީ ރާވާފަ އެވެ.
“އަޅުގަނޑުމެން ގޯތި ދޭނީ ގުޅީފަޅުން އެކަންޏެއް ނޫން, ހުޅުމާލޭން ވެސް ގޯތި ލިބޭނެ, އަދި އެހެން ފަޅުތަކުން ވެސް ލިބޭނެ,” ރައީސް މިއަދު ވިދާޅުވި އެވެ.
“އަޅުގަނޑުމެން މި ދައްކަނީ އެއްހާސް ގޯތީގެ ވާހަކައެއް ނޫން, އޭގެ ދެގުނަ ތިންގުނަ ހަތަރު ގުނަ, މާލޭގެ ރައްވެހިންނަށް ހާއްސަކޮށްގެން އަޅުގަނޑުމެން ކޮށް ދޭނަން,”
މީގެކުރިން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވާ ގޮތުގައި, ހުޅުމާލެ އާއި ގުޅީފަޅުން 4,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް, މިހާތަނަށް އެ މަޝްރޫއުތައް އިއުލާންކޮށްފައެއް ނުވެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިންތައް ބީލަމުގައި ވިއްކަން އިއުލާންކޮށްފައިވާއިރު އެ ސިޔާސަތު ބަދަލުކޮށް ކަޑަ ޖަހާފައި މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގޮވާލައްވާފަ އެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ގުޅީފަޅު ހިއްކީ ވެސް ފްލެޓް އެޅުމަށެވެ. ނަމަވެސް, މި ސަރުކާރުން ނިންމާފައިވަނީ ގުޅީފަޅު އިތުރަށް ހިއްކައި އެތަނުގައި ބަނދަރު އެޅުމަށެވެ. އެކަމާ މާލޭ ސިޓީ މޭޔަރު މުހައްމަދު މުއިއްޒު ފާޑުވިދާޅުވެ އެވެ. މުއިއްޒު ވަނީ ގުޅީފަޅު މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހާއްސަކުރުމަށް ގޮވާލައްވާފަ އެވެ.
ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މާލޭ ކައިރީގެ އިތުރު ފަޅެއް ހިއްކައިގެން އެތަނުން ގޯތި ދޫކުރުމުގެ މަޝްރޫއުއެއް އިއުލާންކުރި އެވެ. ނަމަވެސް, ވެރިކަން ނިމުމުން އެ މަޝްރޫއު ހުއްޓުނީ އެވެ. މިފަހުން ވެސް ޔާމީން ވަނީ ދެން ވެރިކަމަށް ވަޑައިގެންފިނަމަވެސް އެ މަޝްރޫއު ހިންގަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ބިމާގުޅޭ މައްސަލަތަކަކީ ރާއްޖޭގައި އަބަދުވެސް ބޮޑުވެފައި އޮތް ހައްލު ނުކުރެވި އޮތް މައްސަލައެކެވެ. އެއްވެސް ދައުރެއްގައި ދާއިމީ ބިމުގެ ހައްލެއް ރާއްޖެއަށް ގެންނަން މަސައްކަތް ކުރެވިފައި ނެތެވެ. އަދި ހަމަ އެކަނި މާލޭގެ ރައްޔިތުންނަށް ބިން ދެއްވާނެ ވާހަކަ ދެއްކެވުމަކީ މިކަމާ ބެހޭ ގޮތުން ސަރުކާރުގެ ލެވެލްގައި ނިންމުން ތަކެއް ނިންމިފައި ނެތް ކަމުގެ ހެއްކެކެވެ.