ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016ގައި ފާސްކުރި ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުފައްދައިފަ އެވެ. އެކަމަކު އެމަނިކުފާނުގެ ވެރިކަމުގައި ވެސް އަދި މި ސަރުކާރުގެ ފަސް އަހަރުގެ ފަހު ހަ މަހަށް އެޅުނު އިރު ވެސް، އެއީ އުފެއްދި ގޮތަށް އޮތް ‘ހުސް ކަށިގަނޑެކެ’ވެ. އެޔަކު މަހެއް ނެތެވެ. އެއަށް ދިރުމެއް އައިސްފައެއް ވެސް ނުވެ އެވެ.
ސަރުކާރުން މިހާރު ބޭނުންވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލާށެވެ. އެހެންވެ މަޖިލިހަށް ފޮނުވި ބިލަށް އިއްޔެ ބަހުސްކުރުން އޮތެވެ. އެ ކޯޕަރޭޝަން އުވާލަނީ އެއްވެސް ކަމެއް ނުކޮށްގެންނެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެމްބަރެއް ކަމަށްވާ މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފްގެ ވާހަކަތައް ހުރީ މުޅިން އެހެން ގޮތަކަށެވެ. އޭނާ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަނަކީ ‘ކޮރަޕްޝަންގެ ހާއްޔެއް” ކަމަށެވެ.
ފައިސާ އާއި މުދާ ނެތް ތަނެއްގައި ހިންގާނީ ކޮން ކޮރަޕްޝަނެއް ހެއްޔެވެ؟
ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ކުޅިވަރުގެ އުމުރާނީ ހުރިހާ ކަމެއް ހިންގަން ޖެހެނީ ސްޕޯޓްސް ކޯޕަރޭޝަނުންނެވެ. މާނައަކީ، މިސާލަކަށް، ފުޓްބޯޅަ ދަނޑުތަކާއި ވޮލީ ކޯޓުތައް އެޅުމަކީ ވެސް އެ ކޯޕަރޭޝަންގެ ޒިންމާއެކެވެ. ތަންތަން ބަލަހައްޓަން ޖެހެނީ ވެސް އެ ކޯޕަރޭޝަނަށެވެ. އެތަންތަނުން އާމްދަނީ ނެރެވޭނެ ކަންކަން ކުރުމުގެ ޒިންމާ ވެސް ގާނޫނުން އޮތީ ދީފަ އެވެ.
މިހާރުގެ ކުޅިވަރު މިނިސްޓަރު އަހުމަދު މަހުލޫފްއަށް ސްޕޯޓްސް ކޯޕަރޭޝަން ‘އުނދަގުލަކަށް’ ވެގެން އުޅެނީ އެހެންވެ އެވެ. ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީވަމުން އެތައް ފަހަރަކު އޭނާ ވަނީ އެއީ ބޭކާރު ތަނެއް ކަމަށް ވިދާޅުވެފަ އެވެ. ތަން ހިންގާނެ އޮފީސް އިމާރާތް ވެސް ދޭން މި ޖެހެނީ ޔޫތު މިނިސްޓްރީން ކަމަށް، ދޭހަވާ ގޮތަށް ވެސް ކުރިން ވާހަކަ ދެއްކެވި އެވެ.
އެކަމަކު ހަގީގަތަކީ ސްޕޯޓްސް ކޯޕަރޭޝަންގެ ހުސް ކަށިގަނޑުގައި މަސް ޖަހުވައި، ދިރުވުމުގެ ޒިންމާ އޮތީ ސަރުކާރަށް ކަމެވެ. މިހާރު ޔޫތު މިނިސްޓްރީން ހިންގާ މަޝްރޫއުތައް، ސްޕޯޓްސް ކޯޕަރޭޝަނާ ހަވާލުކުރަންވީ އެވެ. މިނިސްޓްރީ ވާންވީ ކުޅިވަރުގެ ސިޔާސަތު ކަނޑައަޅައި، އެ ތަންފީޒުކުރަން ބާރު އަޅާ ތަނަކަށެވެ. ނަމަވެސް ދަނޑާއި ކޯޓުތަކާއި ކުޅިވަރުގެ ހޯލްތައް އެޅުމަކީ އެތައް މިލިއަން ރުފިޔާއެއްގެ މަޝްރޫއުތަކެވެ. އެ އެނބުރޭ ފައިސާގަނޑު ދޫކޮށްލަން، އެއްވެސް ސަރުކާރެއްގެ ކުޅިވަރާ ބެހޭ މިނިސްޓްރީއަކުން ބޭނުމެއް ނުވެ އެވެ.
ކުޅިވަރާ ބެހޭ ގާނޫނު ހެދީ، ކުރީގެ މަޝްހޫރު ފޯވަޑް އަދި މިހާރު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) 2016ގައި ހުށައެޅުއްވި ބިލަކަށް ބިނާކޮށްފަ އެވެ. މަޖިލިހުގައި އޭނާ އިއްޔެ ވިދާޅުވީ ގޯސްވެގެން މި އުޅެނީ ސްޕޯޓްސް ކޯޕަރޭޝަން ނޫން ކަމަށާއި ކުޅިވަރާ ބެހޭ މިނިސްޓްރީ ކަމަށެވެ.
“ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަކީ އަދި ހައްލެއް ނޫން. އުވާނުލައި، މިނިސްޓަރާއި ކޯޕަރޭޝަނާ ދޭތެރޭ އޮތް މައްސަލަތައް ހައްލުކޮށްގެން ކުރިއަށް ގެންދެވިދާނެ މޮޑެލްއެއް [ހޯދުން] އެންމެ ފައިދާވާނެ ގޮތަކީ،” ތޯރިގު ވިދާޅުވި އެވެ.
ޝަރީފްގެ ވާހަކަ އަންނަނީ އޭނާގެ ވާހަކައަށް ފަހު އެވެ.
“ސްޕޯޓްސް ކޯޕަރޭޝަން [މިދިއަ] ހަތް އަހަރު ޔާމީންގެ ކޮރަޕްޝަން ހާއްޔެއްގެ ގޮތުގައި އޮތީ. އެތަނުން ހާސިލްކުރެވުނު ނަތީޖާއެއް ނެތް،” ޝަރީފް ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކައަށް ނިޒާމީ މައްސަލައެއް ނަންގަވައި، ތޯރިގު ވަނީ ރައްދު ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަންއަކީ ކޮރަޕްޝަންގެ ހާއްޔެކޭ ބުނާ އިރު މިހާރު އެތަން އުވާލަން އުޅެނީ އެއްވެސް ކަމެއް ނުކޮށްގެން ކަމަށެވެ.
“ކޮންމެ ބިލަކަށް ޔާމީން، ޔާމީން، ޔާމީނޭ ކިއެއް ކަމަކު އަދި މިކަމެއް ނުވާނެ،” ތޯރިގު ވިދާޅުވި އެވެ.
ދެން އަނެއްކާވެސް ޝަރީފް ވާހަކަ ފައްޓަވަނީ، އަޑަށް ބާރުލައްވާފައި، އެއީ ކޮރަޕްޝަންގެ ހާއްޔެއް ކމަށް ތަކުރާރުކުރައްވަމުންނެވެ.
ޝަރީފްގެ މަގުސަދަކީ މަހުލޫފް ދިފާއުކުރެއްވުމެވެ. އެކަމަކު އެގޮތަށް ދިފާއުކުރައްވާ އިރު ހަގީގަތާ ހިލާފު ވާހަކަ ދައްކަވާކަށް ނުޖެހެ އެވެ.
ސްޕޯޓްސް ކޯޕަރޭޝަނުން މިހާތަނަށް ހިންގި އެންމެ ބޮޑު ކަމަކީ ރާއްޖޭގެ އެކި ތަންތަނުގައި ހަދަމުން އަންނަ އައުޓްޑޯ ޖިމްއަށް ބޭނުންވާ ސާމާނު އެތެރެކުރުމެވެ. އެކަން ކުރަނީ ސްޕޯޓްސް މިނިސްޓްރީން ދޭ ފައިސާ އިންނެވެ. މިހާތަނަށް 61 ޖިމްއަށް ބޭނުންވާ ސާމާނު ހޯދަން 8.8 މިލިއަން ރުފިޔާ ހޭދަވި އެވެ. މިއީ މިދިއަ ހަތް އަހަރު ސްޕޯޓްސް ކޯޕަރޭޝަން ލައްވާ ސަރުކާރުން ކުރުވި އެންމެ ބޮޑު މަސައްކަތެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ޖެހިގެން އުޅޭ މައްސަލައަކީ ރަށަކަށް ބޯޅައެއް ދޭން ވިޔަސް، ގޯލު ދާގަނޑެއް ދޭން ވިޔަސް، މިނިސްޓްރީ މެދުވެރިކޮށް ފޯރުކޮށްދޭން ހިންގާ ސިޔާސީ ކަންތައްތައް ދޫކޮށްލަން ބޭނުންނުވުމެވެ.
“ވަށައި ޖެހޭ ގޮތަކަށް ކުޅިވަރުގެ ނިޒާމް ތަރައްގީކުރެވޭނެ ސްޕޯޓްސް ކޯޕަރޭޝަން ރަނގަޅަށް އެމްޕަވާކޮށްފި ކަމަށް ވާ ނަމަ،” ތޯރިގު ވިދާޅުވި އެވެ.
އެކަމަކު އެހެން ވާކަށް ނެތެވެ. ސަރުކާރުން ބޭނުންވަނި އެތަން އުވާލާށެވެ.
މަހުލޫފްގެ ‘މަންދޫބެއް’ގެ ގޮތަށް އިއްޔެ ފެނުނު ޝަރީފް ވިދާޅުވީ އެތަނުގެ ތެރޭގައި ‘ކޮރަޕްޝަން ހައްދުފަހަނައަޅާފައި އޮތުމުގެ އިތުރަށް ރާއްޖޭގެ ކުޅިވަރު ހަލާކުވެ، ސުންނާފަތިކޮށްލި ތަނަކީ ސްޕޯޓްސް ކޯޕަރޭޝަން” ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ވަޅުޖެހުމުގެ ސަބަބަކީ ވެސް، އޭނާ ވިދާޅުވި ގޮތުގައި، ސްޕޯޓްސް ކޯޕަރޭޝަނެވެ.
“އަޅުގަނޑު ސެލިއުޓް ނަގަން މިއަދުގެ ސްޕޯޓްސް މިނިސްޓަރަށް. އެމަނިކުފާނަށް ކުރިމަތިވެފައި އޮތް ދަތިއުނދަގޫތަކާއި އަދި ގާނޫނީ ހުރަސްތަކާ އެކު ވެސް ރާއްޖޭގެ ކުޅިވަރަށް އެކަށީގެންވާ ހިދުމަތްތައް ކޮށްދެއްވައިފި،” ޝަރީފް ވިދާޅުވި އެވެ.
“ކުޅިވަރުތައް ތަރައްގީކުރަން ކުރަމުންދާ މަސައްކަތަށް ހުރަސްއަޅާ ތަނަކީ މި ސްޕޯޓްސް ކޯޕަރޭޝަން.”
ޝަރީފުމެން ފަދަ މެމްބަރުން މަޖިލިހުގައި ދައްކަވާ ވާހަކަތައް ގަބޫލުކުރާނީ ކިހިނެއްތޯ، މިހާ ހިސާބުން، ސުވާލު އުފެދެ އެވެ. އެ ދުވަހަކު އޮންނަ ބަހުސަކަށް މިވެނި ގޮތަކަށް ވާހަކަ ދައްކަވާށޭ ބަޔަކު އަންގާލީމާ، ކަމުގެ ހަގީގަތް އެނގިވަޑައިނުގެން ހުންނަވާ ވެސް، ހަމަ ވާހަކަ ދައްކަވަންވީ ހެއްޔެވެ؟
ހަގީގަތަކީ ސްޕޯޓްސް ކޯޕަރޭޝަނަކީ މަހުލޫފަށް ވެސް އަދި ސްޕޯޓްސް މިނިސްޓްރީއަށް ވެސް ހުރަހެއް ނޫން ކަމެވެ.
ކޮރަޕްޝަން ހިންގޭނީ ވެސް އެކަހަލަ ފުރުސަތެއް އޮވެގެންތާ އެވެ. އެ ފުރުސަތެއް ވެސް ނެތެވެ. އަމިއްލައަށް ހިނގައިގަންނާނެ ގޮތެއް ވެސް، އެ ކޯޕަރޭޝަނަށް ސަރުކާރުން ތަނަވަސްކޮށްދީފައެއް ނުވެ އެވެ.
އެއީ ހަމައެކަނި ކަށިގަނޑެކެވެ. ޝަރީފް އަޑަށް ބާރުލައްވާފައި އެ ހުރިހާ ވާހަކައެއް އެ ދެއްކެވީ ‘ކިރުދަތް’ ވެސް އަދި ނުފަޅާ ތަނަކާ ބެހޭ ގޮތުންނެވެ.