6 ވަނަ ކަރަންޓު ޕްރޮޖެކްޓް އަންނަ ޖުލައިމަހު ފަށަނީ


މާލެ ސަރަޙައްދުގެ ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގާ ސިކްސްތު ޕަވަރ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މާލެ ސަރަޙައްދަށް އަންނަމުންދާ އިޤްތިޞާދީ ހަރަކާތްތެރިކަމާއެކު ހަކަތައަށް އޮންނަ ޑިމާންޑް އަންނަނީ އިތުރުވަމުންނެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި އަޅަމުން އަންނަ ކަނެކްޓިވިޓީ ބްރިޖާއެކު މި ނިސްބަތް ބޮޑަށް އިތުރުވެގެންދާނެއެވެ. އެހެންކަމުން މިސަރަޙައްދުގެ ހަކަތައިގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގާ ބިޔަ މަޝްރޫޢު ސިކްސްތު ޕަވަރ ޕްރޮޖެކްޓް ހިންގަނީ ސްޓެލްކޯއިންނެވެ. މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މިކަމަށް ބޭނުންވާ ބިން މިހާރު އެޗްޑީސީން ހަމަޖައްސައިދީފައިވާ ކަމަށެވެ.
“އަޅުގަނޑުމެން މި ދަނީ ޓެންޑަރއަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން. އަންދާޒާ ކުރެވެނީ މީގެ ޢަމަލީ މަސައްކަތް އަންނަ ޖުލައި މަހުގެ ތެރޭގައި ފަށައިގަނެވޭނެކަމަށް.” ޝަރީފް ވިދާޅުވިއެވެ.
