ކެޔޮދޫ މިސްކިތަށާއި ޚަތިމުތަކަށް ގެއްލުންދިން މީހާ ހައްޔަރުކޮށްފި


ވ. ކެޔޮދޫ ރައްޔިތުން ނުކުމެ، އެ ރަށު މިސްކިތަށާއި މިސްކިތުގައި ހުރި ޚަތިމުތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހްމަދު ސަނީ އިބްރާހިމް ވިދާޅުވީ ރައްޔިތުން ނުކުމެ، އޭނާ ހައްޔަރުކޮށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ކަން ހިނގިކޮށް ކިޔައިދެއްވަމުން ސަނީ ވިދާޅުވީ މިރޭގެ ވަގުތެއްގައި މިސްކިތް ކައިރީގައި އުޅޭ ޒުވާނަކު ބޭރަށް ނުކުތް ވަގުތު ބިއްލޫރިގަނޑެއް ތަޅައިގެންދިޔަ އަޑު އިވުނުކަމަށެވެ.
“އެ ވަގުތު އޭނާއަށް ފެނުނީ މީހަކު ނުކުމެގެން ދިޔަ ތަން މިސްކިތުން. ދެން އޭނާ ގޮސް މިސްކިތުން ނުކުތް މީހާ ގެނެސް ފުލުހުންނާ ހަވާލުކުރީ،” ސަނީ ވިދާޅުވިއެވެ.

ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑު މިރޭ ވަނީ ތަޅައިލައިފައި –
ފަހުން ގޮސް ބެލިއިރު ފެނުނީ، މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ގޮނޑިއަކުން ޖަހައި ބިއްލޫރިގަނޑު ތަޅައިލައިފައި ވަނިކޮށްނެވެ.
ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ އެ ޒުވާނާއަކީ ކުރިން ވަރަށް ރަނގަޅަށް އުޅެމުން އައި މީހެއް ކަމަށެވެ. އެހެން ނަމަވެސް، މި ފަހުން އޭނާގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ފަހުން ވަރަށް ބޮޑަށް ލޯ ވެސް އަނދިރިވާން ފެށީ. ދައްކަނީ ހަމަޖެހޭ ވާހަކައެއް ނޫން. ދީން ދެކެ ވަރަށް ރުޅި އަންނަ ކަހަލަ ވާހަކަތަކެއް ދައްކަނީ،” ސަނީ ވިދާޅުވިއެވެ.

ކެޔޮދޫ މިސްކިތުގެ ބިއްލޫރިގަނޑު މިރޭ ވަނީ ތަޅައިލައިފައި —
މި ކަން ހިނގުމާއެކު ރައްޔިތު އެންމެން ނުކުމެ ހަމަނުޖެހުމަކަށް މަގުފަހިވާ ހިސާބަށް ކަންތައް ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާއަށް ހަމަލާދޭން ވެސް ބައެއް މީހުން މަސައްކަތްކުރާތީ ފުލުހުންގެ ހިމާޔަތުގައި ވ. ފެލިދުއަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ އެ މިސްކިތުގައި ހުރި ޚަތިމުތަކެއް ވީދައިލައިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހު ވެސް ވަނީ މިސްކިތުގައި ހުރި ޚަތިމުތައް ވީދައިލައިފައެވެ.
