ޗާގޯސް މައްސަލައިގައި ސަރުކާރުގެ ނިންމުން ބަދަލުކުރަން އެމްއެންޕީ އިން ގޮވާލައިފި


ޗާގޯސް މައްސަލައިގައި އދގެ ކޯޓުން ގޮތެއް ނިންމެވުމުގެ ކުރިން އެކަމުގައި ސަރުކާރުން ކޯޓުގައި ނަގާފައިވާ ސްޓޭންޑް ބަދަލުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީން ގޮވާލައިފިއެވެ.
ޗާގޮސް މައްސަލައިގާ ބައިނަލްއަޤުވާމީ ޓްރައިބިއުނަލު ނުވަތަ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯޒް އޮފް ދަ ސީޒްއަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ކޯޓުން އަންނަ ހުކުރު ދުވަހު ގޮތެއް ނިންމާނެއެވެ.
އެމްއެންޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން 20 އޮކްޓޯބަރ 2022ގައި ނަގާފައިވާ ސްޓޭންޑްގެ ސަބަބުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް ގެއްލުމުގެ ފުރުޞަތު ބޮޑުކަމަށް ރާއްޖޭގެ ޤާނޫނީ ހުރިހާ ވަކީލުންހެން، ޚާއްޞަގޮތެއްގައި ދައުލަތުގެ ބަންޑާރަނާއިބުކަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންހެންވެސް، ވިދާޅުވަމުން ގެންދަވާކަމަށެވެ. އެހެންކަމުން މިމައްސަލައިގައި ޓްރައިބިޔުނަލްގައި ދިވެހި ސަރުކާރުން ނަންގަވާފައިވާ ސްޓޭންޑް 28 އޭޕްރީލް 2023 ވާ ހުކުރުދުވަހުގެ ކުރިން ބަދަލުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙަށް އެންޕީން ވަނީ ގޮވާލާފައެވެ.
އެމްއެންޕީގެ ބަޔާނުގައި ބުނީ ޤާނޫނީ އަދި އިޖުރާއީ ކަންކަން ބައިނަލްއަޤްވާމީ، ޤައުމީ އަދި ޤާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފައިވާއިރު، މޮރިޝަސްއިން ދައުވާކުރާ ސަރަޙައްދުތަކަކީ މިހާރު ދިވެހި ދައުލަތުގެ ސިޔާދަތީ އަދި ޤާނޫނީ ބާރު ހިނގާ ސަރަޙައްދުތަކެއް ކަމަށެވެ. އަދި މިހާރު ބައިނަލްއަޤުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި، ދިވެހި ސަރުކާރުން ނަގާފައިވާ ސްޓޭންޑަކީ، ދިވެހިރާއްޖެއިން އ.ދ ގައި ޗާޓުތައް ޑިޕޮސިޓްކޮށް ދިވެހިރާއްޖެއިން ލިބިގަނެފައިވާ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް އުނިވާނެ ސްޓޭންޑެއްކަމަށް އެމްއެންޕީން ބުނެއެވެ. އަދި އެ ސްޓޭންޑަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ފުރިހަމަ 200 ނޯޓިކަލް މޭލު ލިބިގަތުމުގެ ސިޔާސަތު ދޫކޮށްލައި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާ ސަރަޙައްދު ދެ ޤައުމުގެ މެދުގައި ހަމަހަމައަށް ބެހުމުގެ އުޞޫލަށް އެއްބަސްވި އެއްބަސްވުމަކަށް ވާނެކަމަށްވެސް އެމްއެންޕީން ބުނެއެވެ.
މިމައްސަލާގައި ދިވެހި ދައުލަތުން ނަގާފައިވާ ސްޓޭންޑަކީ، ދިވެހި ޤައުމާއި، ދިވެހި ދައުލަތާއި، ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތަކަށް ނުހަނު ގެއްލުންވާނޭ ސްޓޭންޑެއް ކަމަށާއި އަދި މިއީ އެއްވެސް ގޮތަކުން ޤައުމުދެކެ ލޯބިވާ އެއްވެސް ދަރިއަކު އެއްބަސްވާނޭ އަދި ރުހޭނޭ ސްޓޭންޑެއްވެސް ނޫންކަމަށް އެމްއެންޕީން ބުނެއެވެ.
އެހެންކަމުން މި މައްސަލާގައި ޓްރައިބިއުނަލްއިން ނިންމުމެއް ނެރުމުގެ ކުރިން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށް ދިވެހި ސަރުކާރަށް ތަކުރާރުކޮށް އެމްއެންޕީން ނެރުނު ބަޔާނުގައި ގޮވާލާފައި ވެއެވެ.
އެމްއެންޕިން މިހެން ބުނި ނަމަވެސް ސަރުކާރާއި މިމައްސަލައިގައި ރާއްޖެ ތަމްސީލުކުރާ ވަކީލުންގެ ޓީމުން ކުރިން ބުނެފައި ވަނީ މިމައްސަލަ ނިމޭއިރު ރާއްޖޭގެ ސަރަހައްދުން އެއްވެސް މިންވަރެއް ނުގެއްލޭނެ ކަމަށެވެ. އަދި ރާއްޖެއިން ވަކާލާތު ކުރަނީވެސް އެ މަފްހޫމްގެ މަތީގައި ކަމަށް ވެސް ވަކީލުންގެ ޓީމުން ބުނެފައި ވެއެވެ.
