ތިލަފުށްޓާއި ގުޅީފަޅުތެރެއަށް ދޫކޮށްލާފައިވާ 80 އުޅަނދެއްގެ ވެރިން ހޯދަނީ

Spread the love

ތިލަފުށްޓާއި ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައި އޮތް 80 އުޅަނދެއް ނެގުމަށް ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން އަންގައިފިއެވެ. އެޗްޑީސީން ވަނީ މި އުޅަނދުތަކުގެ މަޢުލޫމާތު ފޮޓޯއާއެކު ގެޒެޓްކޮށްފައެވެ.

ތިލަފުށްޓާއި ގުޅީފަޅުތެރެއަށް ދޫކޮށްލާފައި އޮތް އުޅަނދުތައް ނެގުމަށް އަންގަވާފައިވަނީ “ކ.ތިލަފުށްޓާއި ކ.ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު ޢަމަލުކުރުމުގެ އުޞޫލު”ގެ ދަށުންނެވެ. އެގޮތުން އެ ސަރަޙައްދުގައި ހުރި އުޅަނދުގެ ތެރެއިން އެ ސަރަޙައްދަށް ދޫކޮށްލާފައިވާ އަދި އެ ސަރަޙައްދަށް އަޑިއަށް ގޮސްފައިވާ އުޅަނދުތައް، އެ އުޅަނދުތަކުގެ ވެރިފަރާތުން ނެގުމަށް ވަނީ އަންގައިފައެވެ. އަދި އެއުޅަނދުތަކުގެ ވެރިފަރާތެއްވާނަމަ އެކަން އެޗްޑީސީއަށް އެންގުމަށް ވަނީ އެދިފައެވެ.

ތިލަފުށްޓާއި ގުޅީފަޅުތެރެއަށް ދޫކޮށްފައި ހުރި އުޅަނދުތަކާއި ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާ އުޅަނދުތައް ހިމެނޭހެން 80 އުޅަނދެއްގެ މަޢުލޫމާތު ވަނީ އާއްމުކޮށްފައެވެ. އަދި އިނގޭ މިންވަރަކުން އުޅަނދުތަކުގެ މަޢުލޫމާތުވެސް ވަނީ ޙިއްޞާކޮށްފައެވެ. އެގޮތުން އުޅަނދުގެ ނަމާ، ރެޖިސްޓްރޭޝަން ނަންބަރު އަދި އުޅަނދު ދޫކޮށްލާފައި އޮތް ސަރަޙައްދުގެ މަޢުލޫމާތު ވަނީ އާއްމުކޮށްފައެވެ. މިއުޅަނދުތަކުގެ ތެރޭގައި ބާޖު، ބޯޓު، ލޯންޗު، ސަފާރީ، މަސްދޯނި އަދި މުދާ އުފުލާ ދޯނިފަދަ އުޅަނދުތައް ހިމެނެއެވެ. މި އުޅަނދުތަކުގެ ފޮޓޯވެސް ވަނީ ގެޒެޓުގައި އިޢުލާނާއެކު ހިމަނާފައެވެ.

އެޗްޑީސީން ވަނީ ލިސްޓުގައި ހިމެނޭ އުޅަނދުތަކުގެ ތެރެއިން އެއްވެސް އުޅަނދެއްގެ ވެރިފަރާތެއް ވާނަމަ އެޗްޑީސީގެ ކޯލް ސެންޓަރ 1516 އަށް ގުޅާ މަޢުލޫމާތުސާފުކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި އުޅަނދު ނެގުމަށް އަންގައިފައެވެ. އުޅަނދުތައް ނެގުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

30 ދުވަހުގެ މުއްދަތުގެތެރޭގައި އުޅަނދުތައް ނުނަގާނަމަ، “ކ.ތިލަފުށްޓާއި ކ.ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާމެދު ޢަމަލުކުރުމުގެ އުޞޫލު”ގެ ދަށުން އުޅަނދުތަކާމެދު ޢަމަލުކުރާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ތިލަފުށްޓާއި ގުޅީފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމާއި ގުޅޭ އުސޫލު އެކުލަވާލާ އެޗްޑީސީން އާއްމުކުރީ މިދިޔަ މަހުއެވެ. އުސޫލުގައިވާގޮތުން އެއުޅަނދަކީ އޭގެ ވެރިފަރާތް ނޭނގޭ އެއްޗެއްނަމަ ހޯދަން މަސައްކަތްކުރުމާއި، ވެރިޔަކު ނެތް ތަކެއްޗާމެދު ޢަމަލުކުރުމަށް އެޗް.ޑީ.ސީއަށް ބާރުލިބިފައިވާ ގޮތްވެސް މި އުޞޫލުގައި ތަފްސީލްކޮށްދީފައިވެއެވެ.

މިގޮތަށް ދޫކޮށްލާފައިވާ އުޅަނދުތަކުގެ ސަބަބުން މިހާރުވެސް ތިމާވެށްޓަށް ބޮޑެތި ނޭދެވޭ އަސަރުކުރަމުން އަންނައިރު، އުޅަނދުތައް ހުރިގޮތުގެ ސަބަބުން އެތަކެއްޗަށް ވެސް އެކިވަރުގެ ގެއްލުންވުމުގެ ފުރުޞަތު އޮތްކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ. އަދި އެފަދަ ގެއްލުންތަކަކަށް އެކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށްވެސް އެޗް.ޑީ.ސީން ބުނެއެވެ.

އަދި ކަނޑައަޅާ ވަކި މުއްދަތަކަށްފަހު އެތަކެތި ނީލަންކިއުމާއި ނައްތާލުމުގެ ބާރުވެސް އެޗްޑީސީއަށް ލިބިގެންދެއެވެ.

ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުގެ ބޭނުމަށް، ތިލަފުށްޓާއި ގުޅީފަޅުގެ ސަރަޙައްދުގައި ހުރި މިފަދަ އުޅަނދުތައް ނެގުމަށް މީގެކުރިންވެސް އެކި ފަހަރުމަތިން އެޗްޑީސީން މަސައްކަތް ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com