އެމްޓީސީސީއަށް 4.75 ލައްކަ ރުފިޔާ ދައްކަން މަކުނުދޫ ކައުންސިލަށް އަންގައިފި

Spread the love

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް 475,000 ރުފިޔާ ދައްކަން ހދ.މަކުނުދޫ ކައުންސިލުގެ އިދާރާގެ މައްޗަށް އަންގައި މަކުނުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މަކުނުދޫ ކައުންސިލުގެ މައްޗަށް މި ހުކުމް އިއްވީ އެ ރަށު ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށްޓަކައި 28 އޮގަސްޓު 2014 ގައި އެ ކައުންސިލުން އެމްޓީސީސީއާއެކު ގާއިމުކުރި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 425,000 ރ. ދައްކާފައިނުވާތީ އެމްޓީސީސީން ދައުވާ ކުރުމުންނެވެ.

މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށްޓަކައި ގާއިމުކުރި އެއްބަސްވުމުގައިވާ ގޮތުން, އެ އެއްބަސްވުމުގެ ޖުމްލަ އަގަކީ ޖީއެސްޓީއާއެކު ޖުމްލަ 500,000 ރ. އެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އެމްޓީސީސީން އިންވޮއިސް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި މަކުނުދޫ ކައުންސިލުން ފައިސާ ދައްކައި ޚަލާަސްކުރަން ޖެހޭނެއެވެ. އެ މުއްދަތަށްވުރެ ލަސްވާނަމަ, ލަސްވާ ކޮންމެ ދުވަހަކަށް %0.05 ގެ މަގުން މަސައްކަތުގެ އަގުގެ %10 އާ ހަމައަށް ޖޫރިމަނާކުރެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.

އެމްޓީސީސީން މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ނިންމީ 11 އޮގަސްޓް 2015 ގައެވެ.

މި ޕްރޮޖެކްޓަށްވާ ފައިސާ ޔޫތު މިނިސްޓްރީން 2016 ގެ ނިޔަލަށް މަކުނުދޫ ކައުންސިލަށް ޖަމާކޮށްފައިވާއިރު, އެ  ފައިސާގެ ތެރެއިން 425,000 ރ. ދައްކާފައިނުވާތީ އެމްޓީސީސީން ކުރި ދައުވާގައި އެދުނީ އެ ފައިސާގެ އިތުރުން ޖޫރިމަނާ ފައިސާ އެކީ އެއްފަހަރާ ހޯދުމަށެވެ.

މަކުނުދޫ ކޯޓުން މި މަހުގެ 24 ވަނަ ދުވަހު ކުރެއްވި ހުކުމުގައިވާ ގޮތުން ދައުވާއަށް ރައްދު ދިނުމަށް ދިން 14 ދުވަހުގެތެރޭގައި ވެސް މަކުނުދޫ ކައުންސިލުން ދިފާއު ހުށަހަޅާފައި ނުވެއެވެ. އެ ގޮތުން މި މައްސަލައިގައި މަކުނުދޫ ކައުންސިލުގެ ޣައިރުހާޟިރުގައި ހުކުމްކޮށްދިނުމަށް އެމްޓީސީސީން ހުށަހެޅިއެވެ.

މަކުނުދޫ ކޯޓުން ކުރެއްވި ހުކުމުގައިވަނީ މަކުނުދޫ ކައުންސިލުން އެމްޓީސީސީއަށް ދައްކަންޖެހި ނުދައްކައި ވާ 425,000 ރ. އަކީ ސާބިތު ދަރަންޏެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތުގެ ޖުމްލަ އަގުގެ %10 ގެ ޖޫރިމަނާއަށްވާ 50,000 ރ. އެމްޓީސީސީއަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެކު ޖުމްލަ 475,000 އެމްޓީސީސީއަށް ދައްކަން މަކުނުދޫ ކައުންސިލުގެ މައްޗަށް އަންގައި އެ ކައުންސިލުގެ ޣައިރުހާޟިރުގައި ހުކުމްކުރާ ކަމަށް އިސް މެޖިސްޓްރޭޓް މުޙައްމަދު އިޙްސާން ކުރެއްވި ހުކުމުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com