ގޯތިތެރޭގައި އޮންނަ ހުސްތަންކޮޅުގައި ނުވަތަ ދިރިއުޅޭ އެޕާޓްމެންޓްގެ ބެލްކަނީގައި ގަސް އިންދައި ހެއްދުމަކީ ދިވެހިންގެ އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ކޯވިޑް ބަލިމަޑުކަމާއި ގުޅިގެން ގޭތެރޭގައި ގިނަވަގުތު ހޭދަކުރަން ޖެހުމާއިއެކު ގޯތިތެރެއާއި ބެލްކަނީގައި ގަސް އިންދައި ހެއްދުމަށް އައިސްފައި ވަނީ އިންގިލާބީ ބަދަލެކެވެ.

މި އިންގިލާބީ ބަދަލުގެ ތެރެއިން އެންމެ ގިނަގެތަކުގެ ބެލްކަނިންނާއި ގޯތިތެރޭގައި ހެދިފައިވާ ބަގީޗާތަކުން ފެނިގެންދާ އެއް ބާވަތަކީ ބޯގަންވިލާއެވެ. ބޯގަންވިލާގެ ކުލަތަކުގެ ނުފޫޒެވެ.

ފާއިތުވި ދެތިން އަހަރަކީ ހދ. ނެއްލައިދޫއަށް ވެސް ބޯގަންވިލާގެ އިންގިލާބެއް އައިސްފައިވާ ދެތިން އަހަރެވެ. އެ ރަށުގެ ގިނަ ގެތަކެއްގެ ގޭޓުމައްޗާއި ފޫޓުފާރުމަތީގައި މިހާރު ރަސްކަން ކުރަމުންދަނީ އެކިކުލަކުލައިގެ މަލުން ފުރިފައިވާ ބޯގަންވިލާ ގަސްތަކެވެ.

ނެއްލައިދޫއަށް ޒިޔާރަތްކުރާ ހަމަކޮންމެ މީހެއްގެ ލޯ މިހާރު އެންމެ ބޮޑަށް އަމާޒުވާ އެކައްޗަކީ މަލުން ފުރިބާރުވެފައިވާ މި ގަސްތަކެވެ. ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި އެ ގަސްތަކުގެ ފޮޓޯތައް މިހާރު ވެސް އަންނަނީ ދައުރުވަމުންނެވެ. މިއަދު މި ގަސްތަކުގެ ރީތިކަން ވެފައިވަނީ އެ ރަށަށް ޒިޔާރަތްކުރާ ހަމަ ކޮންމެ މީހެއްގެ ވެސް ހިތްހަމަ ޖެހުމަށެވެ. އެ ރަށް ޕްރޮމޯޓްކުރެވޭ ވަސީލަތަކަށެވެ.

ނެއްލައިދޫގައި ބޯގަންވިލާ ހެއްދުމަށް އޮތް ޝަޢުޤުވެރިކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުގެ ނައިބް ރައީސް އަޙްމަދު ރަޝީދު ބުނެފައި ވަނީ އެ ރަށުގައި އަބަދުވެސް ބޯގަންވިލާ ހުންނަކަމަށާއި ނަމަވެސް ފާއިތުވި ތިންހަތަރު އަހަރެއްތެރޭ ބޯގަންވިލާ ހައްދާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެ ރަށު ގިނަމަގުތަކަކުން މިހާރު ބޯގަންވިލާގެ ރީތިކަން ފެންނާނެކަމަށާއި، ގޭގޭގެ ގޭޓުމައްޗާއި ފާރުމަތިން ފެންނަ ގަސްތަކުގެ އިތުރުން ޕޮޓްތަކުގައި ވެސް މިހާރު ގިނަބަޔަކު ބޯގަންވިލާ ހައްދަމުން އަންނަކަން އަޙްމަދުވަނީ ފާހަގަ ކޮށްފައެވެ. ބޯގަންވިލާ ހެއްދުމަކީ އެ ރަށަށް ޒީނަތްތެރިކަން ގެނުވާކަމަކަށް ވުމާއިއެކު ކައުންސިލުން ވެސް އަންނަނީ އެކަމަށް ތަރުހީބު ދެމުންނެވެ.

ވީހާވެސް ގިނަ ގެތަކުގައި ބޯގަންވިލާ ހައްދައި ރަށުގެ ފުރިހަމަކަމާއި ހިތްގައިމުކަން މިހާރަށްވުރެ އިތުރު ކުރުމަކީ ކައުންސިލުން ތަރުހީބުދޭކަމެއް ކަން ފާހަގަ ކުރަމުން އަޙްމަދު ބުނެފައި ވަނީ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިނުވާވަރަށް ގަސްތަށް ކޮށައި ރީތިކޮށް ބެލެހެއްޓުމަށް ކައުންސިލުން އެދޭކަމަށެވެ.

ނެއްލައިދޫ އިސްތިހާރު ކުރުމަށް މިހާރު މި ގަސްތަކުގެ ފުރިހަމަކަން އަންނަނީ ބޭނުން ކުރަމުންނެވެ. އެ ރަށަށް ޒިޔާރަތްކުރާ ގިނަބަޔަކު މި ގަސްތަކުން ގޮފި ގެންގޮސް އާލާކުރުމުގެ މަސްކަތް ވެސް އަންނަނީ ކުރަމުންނެވެ. މިއީ ރަށުގެ ޒީނަތްތެރިކަން އިތުރުކުރުމަށް ހަމަ ކޮންމެ ރަށެއްގައި ވެސް ފަސޭހަކަމާއިއެކު ހެއްދިދާނެ، ހައްދަން ފަސޭހަ މައު ގަހެކެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *