ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން މުއިއްޒު ވައުދުވެއްޖެ


ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅަން ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ވިލިނގިއްޔާ ދާދިގާތުގައި އޮތް ކޫއްޑޫގައި އެއާޕޯޓެއް އޮވެ އެވެ. އެ އެއާޕޯޓާއި ވިލިނގިއްޔާ ބްރިޖަކުން ގުޅާލުމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ. ނަމަވެސް، މުއިއްޒުގެ ތަސައްވަރު ތަފާތެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގާއިރު އިންޓަނޭޝަނަލް އެއާޕޯޓެއް ބޭނުންވެ އެވެ. އެހެންވެ، އޭނާގެ އަމާޒަކީ އެ އެއާޕޯޓް ވިލިނގިލީގައި އެޅުމެވެ. އަދި ކޫއްޑޫ އެއާޕޯޓް، ޓްރެއިނިން އެއާޕޯޓެއްގެ ގޮތަށް ބޭއްވުމަށެވެ.
“ވިލިނގިލީގައި އެއާޕޯޓް އަޅާނަން. އެ އާއެކު ކޫއްޑޫގެ އެއާޕޯޓް ބާކީވެގެން ދަނީއެއް ނޫން. އެ އެއާޕޯޓްގެ ވެސް ބޭނުން ހިފޭނެ،” މުއިއްޒު ވިދާޅުވި އެވެ.
ގއ. އަތޮޅުގައި ވެރިކަން ކުރާ ރަށް، ވިލިނގިލީގައި އެއާޕޯޓް އަޅާނީ ބިން ހިއްކައިގެން ކަމަށާއި ބިން ހިއްކުމަށް ހިންގާނީ ބޮޑު މަޝްރޫއުއެއް ކަމަށް މުއިއްޒު އިއުލާން ކުރެއްވި އެވެ. ހިއްކާ ބިމުގައި ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫއުއެއް ހިންގަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެއިތުރުން ކޫއްޑޫގެ ކޯލްޑް ސްޓޯރޭޗްގެ ކެޕޭސިޓީ ދެގުނަ ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މި އަތޮޅުގެ މަސްވެރިން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަކޮށްދެއްވާނެ އެވެ.
މުއިއްޒު މިއަދު ގއ. އަތޮޅަށް ކުރެއްވި ދަތުރުގައި ދެ ރަށަކުން އެއާޕޯޓް އެޅުމަށް ނުރަސްމީކޮށް އެދިފައިވެ އެވެ. އެއީ، ދާންދޫ އާއި ނިލަންދޫން އެވެ. އެ ދެ ރަށަކީ ވެސް ވިލިނގިއްޔާ ކައިރީގައި އޮތް ދެ ރަށެވެ.
މުއިއްޒުގެ ތަސައްވަރަކީ ހުވަދު އަތޮޅު ޓޫރިޒަމްގެ ހަބަކަށް ހެދުމެވެ. އެގޮތުން، 10،000 އެނދު އަތޮޅަށް ގެންނާނެ ކަމަށާއި އެކަން ކުރާނީ ލޯކަލް ޓޫރިޒަމް އާއި އިންޓަގްރޭޓެޑް ޓޫރިޒަމް ވެސް ހިމަނައިގެންނެވެ. އިންޓަގްރޭޓެޑް ޓޫރިޒަމް ހިންގަން ކޮލަމާފުށީ ކައިރީގައި އޮތް ދެ ރަށެއް އޭނާ ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ރަށާއި ގެމަނަފުށި ކައިރީގައި ވެސް ރިސޯޓް ހަދަން ވައުދުވެވަޑައިގެންނެވި އެވެ.
ދެކުނުގެ ތަރައްގީގެ އަމާޒުގައި ހުވަދު އަތޮޅަށް އެންމެ މަތީ ފެންވަރުގެ ތަރައްގީ އާއި ކުރިއެރުން ލިބިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

