މިހާތަނަށް ހުޅުމާލެއިން 80 ގޯތި ކަނޑާ، ރަޖިސްޓްރީ ހަވާލުކޮށްފި

Spread the love

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބުނު މީހުންނަށް މިހާތަނަށް 80 ގޯތި ކަނޑާ ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗާއިން ވިދާޅުވެއްޖެއެވެ. މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ކަނޑަށް ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ. ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހުޅުމާލޭން ގޯތި ކެނޑުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް 80 ވަރަކަށް ގޯތި ކަނޑާފައިވާކަމަށް އަކްރަމް ވިދާޅުވިއެވެ. އަކްރަމް ވިދާޅުވީ ގިރާވަޅު ފަޅު ހިއްކުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރަމުން އަންނަކަމަށާއި، ވަރަށް އަވަހަށް ގުޅީފަޅުންވެސް ގޯތި ދޫކޮށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވީ 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9001 ގޯއްޗެވެ.

އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ. ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަނީ ނޮވެމްބަރު 5ގެ ކުރިން ގޯތި ލިބޭ މީހުންނަށް ގޯތިތައް ހަވާލުކުރުމަށެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުނަށް ގޯތި ދޫކުރުމަށް ހުޅުމާލެ ފަޅު ހިއްކުމުގެ މަސައްކަތް ވެސް ފަށަން ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com