ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވި މައްސަލަ ސުޕްރީމް ކޯޓަށް


ކުރިން މީހުން ދިރިއުޅުނު ނ. ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓާލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފައިވާ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ. އެ އަމުރު ދައުލަތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް އެއްބަސްވެފައެވެ.
ހައިކޯޓުގެ ހުކުމުގައި ވަނީ، ތޮޅެންދޫ ކުއްޔަށް ދިނުން ހުއްޓުވުމަކީ މައްސަލަ ނިމޭ ގޮތަކުން ތިން ވަނަ ފަރާތެއްގެ ހައްގު އުފަންވެގެން ލިބިދާނެ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅެއް ކަމަށާއި ބީލަމުގެ އުސޫލުން އެހެން ބަޔަކަށް އެތަން ދީފައި ވަނިކޮށް މައްސަލަ ނިމޭގޮތަކުން ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ވެސް އެ ހުކުމުގައިވެއެވެ.
ސުޕްރީމް ކޯޓުގައި އޮތް މި މައްސަލައިގެ އަޑުއެހުމުގައި، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން ދައުލަުގެ ވަކީލު ވިދާޅުވީ، ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.
ތޮޅެންދޫ އަކީ އެ އަތޮޅު އެއްވެސް ރަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނިފައިވާ ރަށަކަށް ނުވާތީ އެރަށް ކުއްޔަށް ދިނުމަށް ދައުލަތުން ކުރި އިއުލާނާ ގުޅިގެން އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. މީގެ ކުރިން 1990 ވަނަ އަހަރާ ހަމައަށް މީހުން ދިރިއުޅުނު ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން މިދިޔަ އަހަރު ސިވިލް ކޯޓުން އެންގީ އެރަށް، 21 އަހަރަށް ބަޔަކަށް ކުއްޔަށް ދޭން ފިޝަރީޒް މިނިސްޓްރީން ނިންމި ނިންމުމާ ދެކޮޅަށް ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓުގައި ދައުވާކުރި މައްސަލަ ނިމެންދެންނެވެ.
