ހުޅުމާލޭގައި ހިއްކާ ސަރަހައްދުން އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފި


ހުޅުމާލޭގައި އަލަށް ހިއްކަން ނިންމާފައިވާ ސަރަހައްދުގައި މަސައްކަތްތައް ފެށުމަށްޓަކައި އެ ސަރަހައްދަށް އަޑިއަށް ގޮސްފައިހުރި އުޅަނދުތައް ނަގައި ފަޅު ހުސްކުރުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފި އެވެ.
ހުޅުމާލޭގެ ބިން ހިއްކުމަށް ތައްޔާރުވުމުގެ ގޮތުން އާބަންކޯއިން ވަނީ ދެވަނަ ފިޔަވަހީގެ ފަޅުގައި އަޅާފައިހުރި އުޅަނދު ތަކާއި އެތަނަށް އަޑިއަށް ގޮސްފައިހުރި އުޅަނދުތަކުގެ ވެރިފަރާތުން އެތަކެތި އެތަނުން ނަގައި ހުސްކުރަން ކުރިން އަންގައިފަ އެވެ.
އާބަންކޯއިން އެކަމަށް ދިން މުއްދަތު މިދިޔަ މަހުގެ 24 އަށް ހަމަވިއިރުވެސް އެ ފަޅުގައި އަޅާފައިހުރި ބައެއް ސަފާރީތައް އެތަނުން ނަގާފައި ނުވެ އެވެ.
އެކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުމާލެ ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން ސައިޓް އޭ ގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށް އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް އެކޯޕަރޭޝަނުން މިހާރު ފަށާފައިވާ ކަމަށެވެ.
އާބަންކޯ އިން ވަނީ ސައިޓް އޭގައި އަޅާފައިވާ އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ވެސް ވީހާވެސް އަވަހަކަށް އެ ސަރަހައްދުން ނެގުމަށް ބުނެފަ އެވެ. ސައިޓް އޭ ކަމަށް ކަނޑައަޅާފައިވަނީ ދެވަނަ ފިޔަވަހީގެ ފަޅުގެ އެންމެ ހުޅަނގުން 10 ހެކްޓަރުގެ ސަރަހައްދެކެވެ.
އާބަންކޯ އިން ބުނީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ހުޅުމާލެ ފަޅުގެ އެހެން ސަރަހައްދުތަކުގައި އެޅުމުގު ފުރުސަތުވެސް މިހާރު ފަހިކޮށްދީފައިވާ ކަމަށާއި އޭގެ އިތުރުން އާބަންކޯގައި ރަޖިސްޓްރީކޮށްގެން ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައިވެސް އުޅަނދުތައް އެޅުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ހުޅުމާލޭގެ ބިން ހިއްކަނީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕަނީ (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލެއަށް 62.6 ހެކަޓްރު ބިން އިތުރުކުރުމަށް ހަމަޖެހިފައިވާއިރު ބިން ހިއްކާނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ބިން ހިއްކުމުގެ ފަހު މަރުހަލާގައި ހުޅުމާލެ މެރީބްރައުން ހުންނަ ސަރަހައްދާ ހަމަޔަށް ފަޅުން ބައެއް ހިއްކާނެ އެވެ.
އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަރައްގީއަށް ކުރެވޭ މިފަދަ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންނަށް އޭގެން ލިބޭނެ ގެއްލުންތައް ވީހާވެސް ކުޑަ ކުރުމަށް ކަމަށެވެ.
