50 ހާސް މީހުން މިހާރު އީފާސް ބޭނުން ކުރޭ


އީފާސް މޯބައިލްގެ ޕަބްލިކް ޕްރީވިއު 52،432 މީހުން ބޭނުންކުރަމުންދާ ކަމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބުނެފިއެވެ.
އެންއައިސީޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު އާންމު ތަޖުރިބާއަށް ހުޅުވާލި އީފާސް މޯބައިލް އެޕް، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި 198،841 ފަހަރު، 49 ޕޯޓަލް މެދުވެރިކޮށް، ހިދުމަތް ހޯދަން ބޭނުންކޮށްފައިވާ ކަމަށެވެ.
އެންމެ ގިނައިން ބޭނުންކޮށްފައިވާ ޕޯޓަލް ތަކުގެ ތެރޭގައި ގެދޮރުވެރިން ޕޯޓަލް، ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލް، މޯލްޑިވްސް އިސްލާމިކް ބޭންކް، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އާއި އެކްސްޕެޓް އޮންލައިން އަދި އާބަންކޯ، ގަވްއެމްވީ މެސެޖުގެ އިތުރުން އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ކަމަށް އެންސީއައިޓީން ބުންޏެވެ.
މީގެ އިތުރުން އިފާސް މޯބައިލްގައި ހިމަނާފައިވާ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ހުށަހަޅައިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށާއި ސިއްހީ ހިދުމަތްތަކުގައި ބޭނުންކުރަން ފަށާފައިވާ ކަމަށް އެންސީއައިޓީން ބުންޏެވެ.
“މިގޮތުން އެތެރޭގެ އުދުހުމުގައި އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިންއަށް ޗެކިން ކުރުމަށާއި އަދި ސެކިއުރިޓީ ޗެކްޕޮއިންޓުތަކުން، ކާކުކަން ދެނެގަތުމަށްޓަކައި ބޭނުންކުރެވޭނެ އިންތިޒާމް ވަނީ މިހާރު ހަމަޖެހިފައެވެ. އަދި ހޮސްޕިޓަލްތަކާއި ހެލްތް ސެންޓަރުތައްފަދަ އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ އެންމެހައި ތަންތަނުގައި ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ދައްކައިގެން ހިދުމަތް ލިބޭނެ އިންތިޒާމް ވެސް މިހާރު ވަނީ ހަމަޖެހިފައި،” އެންސީއައިޓީން ބުންޏެވެ.
އީފާހަކީ ސަރުކާރާއި ދައުލަތުގެ އޮންލައިން 68 ޕޯޓަލެއް މެދުވެރިކޮށް ފޯރުކޮށްދޭ 500 އަށްވުރެ ގިނަ ހިދުމަތް ލިބިގަތުމަށް 170،000 އަށްވުރެ ގިނަ މީހުން ބޭނުންކުރަމުންދާ ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެކެވެ. 2012 ގައި ތައާރަފުކުރެވުނު އެ ނިޒާމް މެދުވެރިކޮށް މިހާތަނަށް 7.6 މިލިއަން ފަހަރު، އެކިއެކި ހިދުމަތްތައް ހޯދުމަށް ވަނީ ބޭނުންކޮށްފައެވެ. އީފާސް އަކީ އެންސީއައިޓީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެކެވެ.
