ރާއްޖޭގެ އުތުރުގެ ރަށްތަކުގައި އާދަޔާ ޚިލާފަށް ގިނައިން މަސް މަރުވާން ފަށައިފިއެވެ.


ރާއްޖޭގެ އުތުރުގެ ރަށްތަކުގައި އާދަޔާ ޚިލާފަށް ގިނައިން މަސް މަރުވާން ފަށައިފިއެވެ.
މިކަމާ ގުޅިގެން ރާއްޖޭގެ އޮންލައިން މީޑޔާއަކަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެފަދަ މައްސަލައެއް އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައި ވާކަމަށެވެ. ނަމަވެސް، އެކަމާ ގުޅިގެން އަދި އެއްވެސް ކަހަލަ ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިމާވެށީގެ ދާއިރާއިން ތައުލީމު ހާސިލް ކުރައްވާފައިވާ ޑރ. އިބްރާހީމް މުހައްމަދު ވެސް ވަނީ މިކަމާ ގުޅިގެން ޓްވިޓާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، މި ހާދިސާ ހިނގާކަމަށް ބޮޑަށް ފާހަގަ ކުރެވެނީ ށ، ނ އަދި ރ. އަތޮޅުގައި ކަމަށެވެ.
“ބައެއް ފަހަރު ބިން ހިއްކުމުގެ މަސައްކަތަށް ތަންތަން ބައްދާލާ ކަންތައްތައް ކުރީމަ އެތަނުން މަސް މަރުވުން ދިމާވޭ. ދެން ހޫނު ގަދަވުމާ އަދި ބައެއް ކަހަލަ ޕްލޭންކްޓަން ކަހަލަ އެއްޗިހި ހުންނަ ވަރަށް ވުރެ އިތުރު ވީމަ ވެސް މަސް މަރުވުމުގެ ކަންތަކާ ކުރިމަތިވޭ،” ނައީމް ވިދާޅުވިއެވެ.
ނަމަވެސް، ބޮޑަށް ބެލެވެނީ މިއީ ގުދުރަތީ ކަމެއް ކަމަށް ނައީމް ވިދާޅުވިއެވެ.
މިފަދަ ހާދިސާތަކުގައި އެންމެ ގިނައިން މަރުވާކަމަށް ފާހަގަ ވަނީ ރޮނޑެވެ. ސަބަބުތަކުގެ ތެރޭގައި، ރޮނޑުގެ އާބާދީ ބައެއް ފަހަރަށް ގިނަވެ އެ މަސްތައް އޮކްސިޖަން ނުވަތަ ކާނާއަށް ޖެހުން ހިމެނެއެވެ.
މަސް މަރުވުމުގެ ހާދިސާތައް ރާއްޖޭގެ އިތުރުން އަވައްޓެރި އިންޑިއާ އާއި ސްރީ ލަންކާގައި ވެސް ދޭތެރެދޭތެރެ އިން ކުރިމަތި ވެއެވެ. ގިނަ ފަހަރަށް މިފަދަ ކަންކަން ކުރިމަތި ވަނީ ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވާ މައްސަލައެއްގެ ސަބަބުންނެވެ.
