މަޖިލިސް މެމްބަރުންގެ ހެލްތު އިންޝުއަރަންސްއަށް 8.3 މިލިއަން ރުފިޔާ


ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންގެ ހެލްތު އިންޝުއަރަންސް 8.3 މިލިއަން ރުފިޔާއަށް އައުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ނެރެފައިވާ ޖުލައިމަހުގެ ޕްރޮކިއުމަންޓް ލިސްޓަށް ބަލާއިރު، މެމްބަރުންގެ ހެލްތު އިންޝުއަރަންސް 8.3 މިލިއަން ރުފިޔާއަށް އައުކޮށްފައިވަނީ، އެއް އަހަރުދުވަހުގެ މުއްދަތަކަށެވެ.
މަޖިލީހުގައި ހިމެނޭ 87 މެމްބަރުންގެ އިންޝުއަރަންސްގެ ކަންތައް ބަލަހައްޓަނީ އެލައިޑު އިންޝުއަރަންސުންނެވެ.
ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ މެމްބަރުންގެ މާލީ އިނާޔަތްތަކާއި ބެހޭ ބާބުގެ 7 ވަނަ މާއްދާގެ ހ. ގައި ބުނެފައިވަނީ މަޖިލީހުގެ ކޮންމެ މެމްބަރަކާއި، އެ މެމްބަރެއްގެ އަނބި ނުވަތަ ފިރިމީހާ އާއި 18 އަހަރުނުވާ ކުދިން ތިބިނަމަ، އެމީހުނަށް ރާއްޖެއާއި، ސާކް ގައުމުތަކާއި، އާސިއާން ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނޭ ފަދަ މެޑިކަލް އިންޝުއަރަންސް ސްކީމެއްގައި ބައިވެރިކޮށްދޭން ޖެހޭނޭ ކަމަށެވެ.
މިއީ އިއްޒަތްތެރި މެމްބަރުން އަމިއްލައަށް ލިޔެ، ވޯޓުދީގެން ފާސްކޮށްފައިވާ ގާނޫނެކެވެ.
މަޖިލީހުގެ މެންބަރުކަން ކުރި މީހުންނާއި އެމީހުންގެ އަނބިދަރިންނަށް ހެލްތު އިންޝްއަރެންސް ދޭން ފާސްކުރުމަށް މިދިޔަ އަހަރު ވަނީ މަޖިލީހުގެ ތަޅުމަށް ބިލެއް ހުށަހަޅައި ފާސްކުރުމަށްވެސް މަސައްކަތްކޮށްފައެވެ. ނަމަވެސް އާއްމު ރައްޔިތުންނާއި މީޑިއާތަކުން ފާޑުކިޔުންތަކުގެ ސަބަބުން އެ ބިލް ފާސްވާވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.
