ވޯޓުލާން 48ގަޑި އިރަށް ވެފައި ވަނިކޮށް ހިތަދޫގައި 200 ހައުސިން ޔުނިޓު އަޅަން 214 މިލިއަނަށް ހަވާލުކޮށްފި


ރިޔާސީ އިންތިޙާބުގައި ވޯޓު ލާން އެންމެ 48ގަޑި އިރަށްވެފަ އޮއްވާ އައްޑޫ އަތޮޅު ހިތަދޫގައި 200 ހައުސިން ޔުނިޓު އަޅަން، 214 މިލިއަން ރުފިޔާއަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.
މިމަސައްކަތް ހަވާލު ކުރީ އިންޑޮނޭޝިއާ ގެ ޕީޓީ ސޮޓްރަމަސް ހެވީ އިންޑަސްޓްރީސް އާއި ބީވާ ބިލްޑާސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ (ޖޭވީ) ކުންފުންޏެކެވެ.
އައްޑޫގައި 200 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާނު ކުރީ މިދިޔަ މާޗު މަހު އެވެ.
ރިޔާސީ އިންތިޙާބަށް ވަގުތު ކުޑަތަންވެފައި އޮއްވާ މިގޮތަށް ބޮޑެތި އަދަދުތަކުގެ ކޮންޓްރެކްޓްތައް ކުންފުނިތަކާ ހަވާލު ކުރުމުން މިކަމުގައި ދައުލަތުގެ އިޙްލާސްތެރިކަން ނެތްކަމަށާ އަދި ގެއްލުމެއް ލިބި މަސައްކަތް ހުއްޓޭ ހާލަތުގައި އެތަކެއް މިލިޔަން ޑޮލަރެއްގެ ބަދަލު ދޭން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
