ލަންދޫ ކައުންސިލްގެ 2020 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓް އާއްމުކޮށްފައިވާއިރު، ހުއްދަ ނުހޯދާ، ލިޔެކިޔުންތައް ހަމަނުކޮށް 189،549 ރުފިޔާގެ ޚިދުމަތާއި ތަކެތި ހޯދާފައިވާކަން ހާމާވެއްޖެއެވެ.

އެގޮތުން އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، ކައުންސިލް އިދާރާއަށް ބޭނުންވާ ތަކެތި ގަތުމުގައި ތަކެއްޗާއި ޚިދުމަތް ހޯދުމަށް ހުއްދަ ދޭ ފޮތް ނުވަތަ ފޯމު ފުރިހަމަނުކޮށް 2020 ވަނަ އަހަރު ޖުމްލަ 189،549 ރުފިޔާގެ ތަކެއްޗާއި ޚިދުމަތް ހޯދާފައިވާކަން ފާހަގަކޮށްފައިވެއެވެ.

މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާގެ 2020 ވަނަ އަހަރުގެ މާލީ ބަޔާންތައް އޮޑިޓް ކޮށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ރިޕޯޓަށް ބަލާއިރު އެ ކައުންސިލުން 4 އެކައުންޓްގައި ހުންނަން ޖެހޭ ފައިސާ ހަމައަށް ހުރިކަން ކަށަވަރު ކުރެވިފައިނުވާކަންވެސް ވަނީ ހާމަވެފައެވެ.

މާލީ ބަޔާނުގައި ބަޔާންކޮށްފައިވާ އަދަދުތަކާއި އިދާރާގެ ހިސާބުތަކާ ދިމާނުވާ މައްސަލަ ފާހަގަކޮށް އެ ރިޕޯޓްގައި ބުނެފައި ވަނީ، 2020 ވަނަ އަހަރުގެ މާލީ ބަޔާނުގެ “ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާން” ގައި ލިބުނު ފައިސާގެ ގޮތުގައި ހިމަނާފައިވާ ޖުމްލަ އަދަދަކީ 6,305,813 ރުފިޔާ ކަމަށެވެ. ނަމަވެސް އެއާ ގުޅޭ ލިޔެކިޔުންތައް އެކަށީގެންވާ ގޮތެއްގައި ބަލަހައްޓާފައި ނުވުމުގެ ސަބަބުން އެ އަދަދުގެ ސައްހަކަން ކަށަވަރު ނުވާ ކަމަށް ބުނެފައި ވެއެވެ.

ހަމައެއާއެކު އެ އަހަރުގެ މާލީ ބަޔާނުގެ “ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާން” ގައި ކުރި ހަރަދުގެ ގޮތުގައި ހިމާނާފައި ވަނީ 5,292,604 ރުފިޔާ ކަމަށާއި ނަމަވެސް އެ އަހަރު ތެރޭގައި އެ އިދާރާއިން ކުރި ހަރަދުގެ ޖުމްލަ އަދަދުކަމަށް އެ އިދާރާގެ ހިސާބުތަކުން ވިޔަ ޕޯޓަލް އިން ދައްކާ އަދަދަކީ 3,117,258 ރުފިޔާ ކަމަށް އޮޑިޓުން ބުނެއެވެ.

އެ އިދާރާއިން ހަރަދު ކުރި ވަރު ވިޔަ ޕޯޓަލް އިން ދައްކާ އަދަދަށް ވުރެ، ފައިސާ ލިބުނުގޮތާއި ހޭދަ ކުރެވުނު ގޮތުގެ ބަޔާނުގައި ހިމަނާފައިވާ އަދަދުގައި 2،175،346 ރުފިޔާގެ ތަފާތެއް ފާހަގަ ކުރެވެއެވެ. ނަމަވެސް ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ، 2020 ވަނަ އަހަރުގެ ތެރޭގައި އެ އިދާރާއިން ކުރި ޖުމްލަ ހަރަދުގެ ގޮތުގައި މާލީ ބަޔާންތަކުގައި ހިމަނާފައިވާ އަދަދު އެ އިދާރާގެ ހިސާބުތަކުން ދައްކާ އަދަދަށްވުރެ އިތުރު ވަނީ 1,175,346 ރުފިޔާ ކަމަށެވެ. މި އަދަދުން 1 މިލިއަން ރުފިޔާ މަދުވެފައިވާ އިރު، މިއީ އޮޑިޓް ރިޕޯޓުން ފާހަގަވި ކުށެކެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *