މިއަހަރުގެ މިހާތަނަށް ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އިތުރު

Spread the love

މިދިޔަ އަހަރާއި އަޅާބަލާއިރު، މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ޓޫރިސްޓް ވިސާގައި ސްރީލަންކާއަށް ދަތުރުކުރި ދިވެހިންގެ ނިސްބަތް 115 އިންސައްތަ އިތުރުވެއްޖެއެވެ.

ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީން ނެރެފައިވާ އޮގަސްޓްމަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެގައުމަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 10 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ޓޫރިސްޓް ވިސާގައި ލަންކާއަށް 22،791 ދިވެހިން ޒިޔާރަތްކުރިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު އުޅެނީ 10،553 ގައެވެ.

ޓޫރިސްޓް ވިސާގައި އާއްމުގޮތެއްގައި ގިނަ ދިވެހިން ލަންކާއަށް ދަތުރުކުރަނީ ޗުއްޓީ ހޭދަ ކުރުމުގެ އިތުރުން ރައްޓެހިންގެ ގާތަށް ޒިޔާރަތް ކުރުމަށެވެ. މި ތަފާސްހިސާބު ރިޕޯޓުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މާކެޓަކީ މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް މާކެޓް ކަމަށެވެ. މިގޮތުން ޗުއްޓީ ހޭދަކުރުމަށާއި، އެނޫންވެސް އެކިއެކި ބޭނުންތަކަށް ލަންކާއަށް ޒިޔާރަތްކުރާ ދިވެހިްނގެ އަދަދު މަހަކަށް ވުރެ މަހެއް، އިތުރުވަމުން އަންނަކަަން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ލަންކާއަށް ޓޫރިސްޓް ވިސާގައި ދަތުރުކުރި ދިވެހިންގެ އަދަދު 22،791 ގައި އުޅުނު ނަމަވެސް، ޗުއްޓީ ހޭދަކުރުމަށް ލަންކާއިން ރާއްޖެ އަންނަ މީހުންގެ އަދަދު ވަރަށް މަދެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ލަންކާއިން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އުޅެނީ 6،811 ގައެވެ.

ސްރީލަންކާއަކީ ބޭރު ގައުމުތަކުގެ ތެރެއިން ދިވެހިން އެކި ބޭނުންތަކުގައި އެންމެގިނައިން ގޮސް އުޅޭ ގައުމެވެ. ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ސިއްހީ ފަރުވާގެ ކަންކަމަށާއި، ވިޔަފާރީގެ އެކި ބޭނުންތަކަށްވެސް ދިވެހިން ލަންކާއަށް ވަރަށްގިނައިން ދަތުރުކުރެއެވެ.

ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު ވައިގެ މަގުން މީހުން އުފުލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ސްރީލަންކަން އެއާލައިނެވެ. ސްރީލަންކަން އެއާލައިނަކީ ރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަތާ އެންމެ ދުވަސްވީ އެއާލައިނެވެ.

Leave a Reply

Your email address will not be published. Required fields are marked *