އިންޑޮނޭޝިޔާގެ ހައިސްޕީޑް ރޭލުގެ ފުރަތަމަދަތުރު ލީ އާއި އެކު

Spread the love

ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫޢުގެދަށުން އިންޑޮނޭޝިޔާގެ ބޮޑު ދެ ސިޓީ އެއް ގުޅާލަދޭ ހައި ސްޕީޑް ރޭލުގެ ޓެސްޓް ދަތުރުގައި ޗައިނާގެ ޕްރިމިއަރ ލީ ގިއާންގް ބައިވެރިވެ ވަޑައިގެންވިކަމަށް ޖަކާޓާއިން އެސޯޝިއޭޓެޑް ޕްރެސް އިން ޚަބަރުދީފިއެވެ. 

ޕްރިމިއަރ ލީ އިންޑޮނޭޝިޔާއަށް ވަޑައިގެން މި އުޅުއްވަނީ  އާސިއާން އާއި އަދި ބައެއް އެހެން ގައުމުތަކުގެ ވެރިންނާއިއެކު ދެ ދުވަހުގެ މަޝްވަރާ އަކަށެވެ. އޭގެ ތެރޭގައި ހުޅަނގުގެ ބައެއް ލީޑަރުންނާއި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހަރިސް އަދި ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާއާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އާއި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރޖީ ލަވްރޯވް ހިމެނި ވަޑައިގަންނަވައެވެ.                                                        

މައިގަނޑުގޮތެއްގައި ޗައިނާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވާ 7.3 ބިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއުގެ ދަށުން އިފްތިތާޙު ކުރެވުނު މި ރޭލުގެ ދަތުރުތަކުން އިންޑޮނޭޝިއާގެ ހުޅަނގު ޖާވާގެ ބައިގިނަ ބަޑުންގް ސިޓީއާއި ވެރިރަށް ޖަކާރޓާ ގުޅާލެވޭނެއެވެ. އަދި އަލަށް ތަޢާރުފް ކުރެވޭ މި ހައިސްޕީޑް ރޭލުގެ ސަބަބުން އެ ދަތުރަށް ހޭދަކުރަންޖެހޭ ތިންގަޑިއިރުގެ ވަގުތު ހަމައެކަނި ސާޅީހަކަށް މިނިޓުގެ ކުރުކޮށްލެވޭނެއެވެ. ރޭލުގެ ދަތުރުތައް އާންމުކޮށް ފަށާނީ އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުއެވެ.                                

ރޭލުގެ ޓެސްޓް ދަތުރުގައި ޕްރިމިއަރ ލީ ވަޑައިގަތީ އިރުމަތީ ޖަކާރްޓާގެ ހަލީމް ސްޓޭޝަނުން ހުޅަނގު ޖާވާގެ ކަރަވާންގް ސިޓީ އާ ހަމަޔަށެވެ. 40 ކިލޯމީޓަރުގެ މި ދަތުރަށް ހޭދަވީ އެންމެ އެގާރަ މިނިޓެވެ. އަދި އެއަށްފަހު ހަމަ އެ ރޭލުގައި އެނބުރި ޖަކާރޓާއަށް ވަޑައިގަތީއެވެ. 

އެމަނިކުފާނުގެ އަރިހުގައި އިންޑޮނޭޝިއާގެ ބައެއް އިސް ބޭފުޅުންނާއި އަދި މި މަޝްރޫއުގެ ފޯކަލް ޕޮއިންޓް މެރިޓައިމް އިންވެސްޓްމެންޓް އާއި ބެހޭ ވަޒީރު ލުހޫތު ބިންސާރް ޕަންޖައިޓާން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރު ފުޅަށްފަހު މިނިސްޓަރ ޕަންޖައިޓާން ވިދާޅުވީ މިއީ ދެގައުމުގެ ގުޅުމުގެ ފުރިހަމަކަން ހާމަކޮށްެެދިން ޙަގީގަތެކެވެ.                       

142 ކިލޯމީޓަރުގެ ދިގު ރެއިލްވޭ ލައިންގެ މަސައްކަތް ފަށައިގަތީ 2015 ވަނައަހަރު އެވެ. އެހެންނަމަވެސް ކުރިމަތިވި ތިމާވެށީގެ މައްސަލަތަކާއި އަދި ކޯވިޑް 19 ގެ ބަލިމަޑުކަމުން ހިޔަނި އެޅިގެން މަސައްކަތް ލަސްވެގެން ދިޔައީއެވެ. 

މި މަޝްރޫއުގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ އިންޑޮނޭޝިޔާގެ ހަތަރު ސްޓޭޓެއްގެ ރަސްމީ ކޮންސޯރޓީއަމް އަކާއި ޗައިނާގެ ރެއިލްވޭ އިންޓަރނޭޝަލް ގުޅިގެންނެވެ.

މި ރެއިލްވޭ ގައި ދަތުރުކުރާނެ ބާރުމިނަކީ ގަޑިއަކު 350 ކިލޯމީޓަރ ކަމަށާއި އަދި އެއީ މިސަރަޙައްދުގައި އެންމެ ބާރަށް ދުއްވާ ރޭލު ކަމަށްވެސް އެކުންފުނިތަކުން ވަނީ ހާމަކޮށްފައެވެ. 

ފުރަތަމަ އަންދާޒާކުރެވިފާ އޮތީ މި މަޝްރޫއަށް ހޭދަވާނީ 4.3 ބިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. އެހެންނަމަވެސް ދިމާހުރަސްތަކާ ހުރެ މަޝްރޫއުގެ އަގު 7.3 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެގެން ދިޔައީއެވެ. މި ރޭލު ދަތުރުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އިންޑޯނޭޝިއާގެ މޫސުމާއި އަދި މެދުވެރިވެދާނެ ބިންހެލުމަކާއި އަދި ފެންބޮޑުވުމުގެ ހާދިސާތަކާއި އެހެނިހެން އިމަރޖެންސީތަކަށްވެސް ހުންނާނީ ފުރިހަމައަށް ރިއާޔަތް ކުރެވިފައެވެ.        

Leave a Reply

Your email address will not be published. Required fields are marked *