ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތް ހަދާނަން: މުއިއްޒު

Spread the love

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އެކި ބޭނުންތަކަށް ނެގޭނެ ގޮތް ހެދުމަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އދ މަހިބަދޫގައި ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ޕެންޝަން ފަންޑަށް އަހަރަކު 100 މިލިއަން ޖަމާވަމުން ގޮސް، މިހާރު އެ ފަންޑުގައި 20 ބިލިއަން ރުފިޔާ ހުރި ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

ނަމަވެސް އެ ފަންޑުގައި ކިތަންމެ ގިނަ ފައިސާއެއް ހުރި ނަމަވެސް ފަންޑުގެ ހައްގުވެރިންނަށް ޕެންޝަން ފައިސާ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ އެއްވެސް ގޮތެއް މިވަގުތު ނެތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއެކު ޕެންޝަން ގާނޫނު އިސްލާހުކޮށް ޕެންޝަން ފައިސާ ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާަޅުވިއެވެ.

“ އަޅުގަނޑުގެ ވިސްނުން ހުރީ ތައުލީމު ހާސިލްކުރުމަށާއި، އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި، އަލަށް ވިޔަފާރިއެއް ފެށުން ފަދަ ކަންކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ކޮންމެވެސް ވަރެއް ނެގޭ ގޮތް ހެދުން. “ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މަދުވެގެން 10 އަހަރުވުމުން ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

“ގާނޫނަށް ބަދަލު ގެންނަނަށް ސަރުކާރުން ހުށަހަޅާނަން. ގާނޫނަށް ބަދަލު ގެނެސްގެން މި ފަންޑުން ގެދޮރު ބިނާކުރުމަށްޓަކާ ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމާއި ދަރިން ކިޔަވަން ބޭރަށް ފޮނުވަން ބޭނުންވާ މީހުންނަށް އެގޮތަށް އޭގެން ފައިދާ ކުރާނެ ގޮތަށް ހުށަހަޅާނަން. އަދި އަމިއްލަ ވިޔަފާރިއެއް ފެށުމަށްޓަކައި އިންވެސްޓްމެންޓެއްގެ ގޮތުގައި އެ މީހާ ޖަމާކުރި ފައިސާއިން ކޮންމެ ވެސް ވަރެއްގެ އަދަދެއް ނެގުމުގެ ފުރުސަތު ދިނުމަށް ހުށަހަޅާނަން.” މުއިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *