ރާއްޖޭގެ ގިނަ ރަށްރަށުގައި ލެޕްރަސީއަށް ސްކްރީން ކުރަން ފަށައިފި

Spread the love

ރާއްޖޭގައި މަދުވެގެން 100 ރަށެއްގައި ލެޕްރަސީ ނެތްކަން ކަނޑައެޅުމަށް ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެއެވެ.

އެޗް.ޕީ.އޭއިން ބުނީ ރާއްޖޭގެ 100 ރަށެއްގައި ޖުޒާމް ބަލި ނެތްކަން ޔަގީންކުރުމަށްޓަކައި ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއީ “ޒީރޯ ލެޕްރަސީ” ލަނޑުދަނޑި ޙާސިލުކުރުމަށް ކުރެވޭ ބޮޑު މަސައްކަތެއްކަމަށެވެ.

ޖުޒާމް ބަލި ނެތްކަން ކަނޑައެޅުމަށް ކުރަމުންދާ މި މަސައްކަތަކީ މުޅި ދުނިޔެއިން އެންމެ ފުރަތަމަ ޖުޒާމު ބަލި ނައްތާލަ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތެއްކަންވެސް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެޗްޕީއޭއިން ރަށްރަށުގައި ކުރިއަށްގެންދާ ޕްރޮގްރާމްގައި ސްކްރީންކުރުމާއި، މީހުން ހޭލުންތެރިކުރުމާއި، އެސެސްމަންޓްތަށް ހެދުން ހިމެނެއެވެ. އަދި މި މަސައްކަތުގައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިވާނެކަމަށާއި މި މަސައްކަތް އޮކްޓޯބަރުގެ ނިޔަލަށް ނިންމުމަށް އެޗް.ޕީ.އޭއިން ދަނީ މަސައްކަތް ކުރަމުންކަމަށް އެ އިދާރާއިްނ ބުނެއެވެ.

އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ. ފާޠިމަތު ނަޒްލާ ވިދާޅުވީ ޖުޒާމް ބަލިޖެހޭ މީހުންގެ އަދަދު ރާއްޖޭގައި މިހާރު އުޅެނީ އަހަރަކު 7 އާއި 10އާ ދެމެދުގައިކަމަށްވާއިރު ލެޕްރަސީ ނެތް ރަށްތަކުގެ ގޮތުގައި ކަނޑައަޅުމަށްޓަކައި ފުރަތަމަ ސިއްހީ އެހީތެރިން ތަމްރީންކުރުން މިހާރު ކުރިއަށް ގެންދާކަމަށެވެ. އަދި އެގޮތުން ރަށްތަކުން ސިއްޙީ އެހީތެރިން މާލެ ގެނެސް ތަމްރީން ކުރަނީ އޮގަސްޓް މަހުގެ ނިޔަލަށް ކަމަށާއި ރަށްރަށުގައިވެސް މިތަމްރީންތައް ކުރިއަށް ގެންދާކަމަށެވެ. އަދި އެއަށް ފަހު އަންގާފަ ވާނީ ރަށު ފެންވަރުގައި ޓާސްކްފޯސް އެކުލަވާލާ ރަށުގެ ރައްޔިތުންނަށް ލެޕްރަސިއާއި ޒީރޯ ލެޕްރަސީގެ މަޢުލޫމާތުދިނުމަށް ނަޒްލާ ވިދާޅުވިއެވެ.

ރާއްޖޭގައި ކުރިން މިއީ ގިނަ ބަޔަކަށް ޖެހޭ ބައްޔެއް ނަމަވެސް 1982 ވަނަ އަހަރު ލެޕްރަސީ ބައްޔަށް ބޭސް ދޭން ފެށުމާއެކު، މި ބަލި ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވިއެވެެ. އަދި ލެޕްރަސީއަކީ ދިވެހިރާއްޖޭގައި އާއްމު ޞިިއްޙަތަށް ނުރައްކާވާ ބައްޔެއް ނޫންކަމަށް 1997 ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com