ފަޒްނާ – އަޅުގަނޑަކީ ދީނަށް ޖޯކުޖަހާ މީހެއް ނޫންކަން ދަންނަ މީހަކަށް ވިއްޔާ އެނގޭނެ


ކެމްޕޭނަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް ހުޅުމާލޭ ފޭޒް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުން ހިނގާދިޔަ ކަންތައްތަކަށްފަހު ސޯޝަލް މީޑިއާގައި ފަޒްނާ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، އެކަމަނާއަކީ އިސްލާމް ދީނަށް ޖޯކުޖަހާ މީހެއް ނޫންކަން ދަންނަ މީހެއް ވިއްޔާ އެނގޭނެ ކަމަށެވެ.
މި ތަޖުރިބާ ހިއްސާކުރައްވަމުން ފަޒްނާ ވިދާޅުވެފައިވަނީ ފޭޒް ދޭއްގައި ދޮރުން ދޮރަށް ހިނގިއިރު ބޮޑު ދެ ފިރިހެނަކު ފުރައްސާރަކުރަމުން ފަހަތުން ހިނގި ކަމަށާއި އެއީ އިދިކޮޅު ކެނޑިޑޭޓަށް ތާއީދުކުރާ ދެމީހެއް ކަމަށެވެ.
“މި ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގިނަމަ އަޅުގަނޑު އެތަނަށް ދިޔަކަންވެސް ގިނަ މީހުންނަށް ނޭނގޭނެ، މި ހުތުރު އަމަލުގެ ސަބަބުން ވީ ފައިދާ” ފަޒްނާ ފޭސްބުކް ސްޓޭޓަސްއެއްގައި ލިޔުއްވާފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ ކުރި ފުރައްސާރައިގެ ސަބަބުން ވީ ފައިދާ ކަމަށާއި މީހުން އައިސް ސަލާންކޮށް ގައިގާ ފިރުމާ އެކުގައި ފޮޓޯނަގަން އެދުނު ކަމަށެވެ. ދާން ޝެޑިއުލްކޮށްފައިނުވާ ފްލެޓްތަކަށްވެސް ދާން ދައުވަތު ލިބުނު ކަމަށެވެ.
ފަޒްނާ އިތުރަށް ވިދާޅުވެފައިވަނީ މިއަދު ނިންމާލީ އެހެން މީޓިން އެއް އޮތުމުން ކަމަށާއި އަދި ހިޔާ ފްލެޓް ސަހައްދަށް ޒިޔާރަތްކުރައްވާނެކަމަށެވެ.
