ކެންޑިޑޭޓުންގެ އަނބިންނާ ދިމާކޮށް ފުރައްސާރަ ކުރުމަކީ އެމްޑީޕީން ތަޢާރަފް ކުރި ކަމެއް ޒަމްޒަމް ފާރިޝް –


ކެންޑިޑޭޓުންގެ އަނބިންނާ ދިމާކޮށް ފުރައްސާރަ ކުރުމަކީ އެމްޑީޕީން ތަޢާރަފް ކުރި ކަމެއް ކަމަށް އައްޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
ޝައިޚް ޒަމްޒަމް މިފަދައިން ވިދާޅުވެ ޓްވީޓެއް ކުރައްވާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން މެޑަމް ފަޒުނާ އަޙުމަދު މިއަދު ހަވީރު ހުޅުމާލޭ ފޭސް2 އަކަށް ކެމްޕޭނުގައި ވަޑައިގެންނެވުމުން ހިޔާ ސަރަޙައްދުގައި ދިރިއުޅޭ ބައެއް ރައްޔިތުން ނިކުމެ އެކަމަނާއާ ދެކޮޅަށް އަޑުއުފުލާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.
ޝައިޚް ޒަމްޒަމް ވިދާޅުވީ ކެންޑިޑޭޓުންގެ އަނބީންނާ ދިމާކޮށް، ފުރައްސާރަކޮށް، ޖެއްސުންކޮށް ހެދުމަކީ އެމްޑީޕީ އިން މިޤައުމަށް ތަޢާރަފު ކުރި ކަމެއް ކަމަށެވެ.
ޝައިޚް ވިދާޅުވީ އެގޮތުން އެމްޑީޕީން އެންމެ ފުރަތަމަ ދިމާކޮށް ފުރައްސާރަ ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫނުގެ އަނބިކަނބަލުންނަށް ކަމަށާ ދެން ރައީސް ވަޙީދުގެ އަނބިކަނބަލުންނަށް ކަމަށެވެ. އަދި ރައީސް ޔާމީނުގެ އަނބިކަނބަލުންނަށް ވެސް ފުރައްސާރަކޮށްފައިވާ އިރު މިހާރު އެމްޑީޕީ މީހުން ދިމާކޮށް ފުރައްސާރަ ކުރަނީ ޕީޕީއެމްގެ ރިޔާސީ ކެންޑީޑޭޓް ޑރ. މުޢިއްޒުގެ އަނބިކަނބަލުންނަށް ކަމަށް ޝައިޚް ވިދާޅުވިއެވެ.
“ދެން ރ.ޔާމީންގެ އަނބިކަނބަލުންނާ، ދެން ޤާސިމްގެ އަނބިކަނބަލުންނާ، ދެން މިހާރު ޑރ.މުޢިއްޒުގެ އަނބިކަނބަލުންނާ.” ޝައިޚް ވިދާޅުވިއެވެ.
ޝައިޚް ޒަމްޒަމް ވަނީ އެމްޑީޕީއިން ފަތުރާ އެފަދަ ކަންކަމާ އަޅުގަނޑުމެން ދުރުހެލިވުމަށް ގޮވާލައްވައިފައެވެ.
ހަމައެއާއެކު ނޮވެންބަރު 3 ގެ ޝަހީދުންގެ ޢާއިލާތަކަށް ޝުޢޫރު ފާޅު ކުރުމުގެ އިސްތިސްނާއީ މިނިވަންކަން އެންމެ ފުޅާމިނުގައި އޮންނަންވާނެ ކަމަށް ވެސް ޝައިޚް ޒަމްޒަމް ވިދާޅުވިއެވެ.
