މާލެއަށް ކުރި ވިއްސާރައިގައި ފެމިލީކޯޓުގެ ފުރާޅުން ފެން ލީކުވެ، ކޯޓު އިމާރާތުގެ ތެރޭގައި ހުރި އެއްޗިއްސަށް ފެންވަދެ، ލިބުނު ގެއްލުމުގެ އަގު މިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ވިއްސާރައިގައި ފެމިލީ ކޯޓުގެ ފުރާޅުން ފެން ލީކުވެ، އެ ކޯޓު ތެރޭގައި ހުރި ފަރުނީޗަރުތަކަށާއި، އައިޓީ ސާމާނުތަކަށް ފެނުގެ އަސަރު ކުރުމާއި ގުޅިގެން ކޯޓުގެ މަސައްކަތްތައް ވަނީ މިދިޔަ އާދިއްތަ ދުވަހު ޖަސްޓިސް އިމާރާތައް ބަދަލުކޮށްފައެވެ.

މިނިވަންއަށް ވަރަށް މުއުތަބަރުގޮތެއްގައި މައުލޫމާތު ލިބިފައިވާގޮތުގައި ފެނުގެ އަސަރުކޮށްގެން ވަރަށްގިނަ އަދި މުހިއްމު އިލެކްޓްރޯނިކް އާލާތްތަކެއް ވަނީ ހަލާކުވެފައެވެ. މީގެ ތެރޭގައި ސާވާ ރޫމުގައި ހުރި ބައެއް ސިސްޓަމްތަކުގެ އިތުރުން ކޯޓުގެ އިދާރީ ބައެއް މަސައްކަތްތަކުގައި ބޭނުންކުރާ ލެޕްޓޮޕްތައް ހިމެނެއެވެ.

ވިއްސާރަވެ، ފެން ލީކުވުމުގެ ސަބަބުން ފެމިލީކޯޓުގެ ތަކެއްޗަށް މި ލިބުނު ގެއްލުމުގެ ސަބަބުން ކޯޓުގެ ހިދުމަތްތަކަށްވެސް ވަނީ ބުރޫއަރާފައެވެ. ނަން ހާމަ ކުރުމަށް ނޭދެމުން ފެމިލީ ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، ކޯޓުގެ މަސައްކަތް މިހާރު ކުރަންޖެހެނީ ވަރަށް ބޮޑު ތަކްލީފްތަކާއި އެކު ކަމަށާއި، މިހާރު ދެވެނީ ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް އެކަނި ކަމަށެވެ.

ފެމިލީ ކޯޓުގެ އިމާރާތައް ފެނުގެ ސަބަބުން ލިބުނު ގެއްލުންތައް ބައްލަވާ ލެއްވުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އިއްޔެ އެ ކޯޓަށް ޒިޔާރަތްކުރެއްވުމަށްފަހު ވަނީ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނޭ ކަމަށް ވިދާޅުވެފައެވެ.

ސެނަހިޔާ ކައިރި ހުންނަ ފެމިލީ ކޯޓުން މައިގަނޑު ގޮތެއްގައި ދޭ ހިދުމަތަކީ ކައިވެންޏާއި ގުޅުންހުރި ކަންކަމެވެ. އެ އިމާރާތަކީ ވިއްސާރަ ވެއްޖެނަމަ އަބަދުވެސް ފެން ލީކުވުމުގެ މައްސަލަތައް ބޮޑު އިމާރާތެކެވެ. މީގެ ކުރިން އެތަން ފަހަރަކު އެތަނުގެ ފުރާޅުން ފެން ފައިބާތީވެ އެ މައްސަލަ ހައްލުކުރުމަށް ކަމާއި ބެހޭ އިދާރާ، ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް އެތައް ފަހަރަކު ހުށަހަޅާފައިވާ ކަމަށްވެސް މިނިވަންއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކޯޓު އިމާރާތްތައް ފާހަގަކުރެވެނީ އެންމެ ދުވަސްވީ އިމާރާތްތަކުގެ ގޮތުގައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *