ރީ-ރަޖިސްޓްރޭޝަންގެ 11،000 ފޯމު ބާތިލު


ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލީ ތަން ނޫން އެހެން ތަނެއްގައި ދެވަނަ ބުރުގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތު ހުށަހެޅި 11،000 އަށް ވުރެ ގިނަ ފޯމު ބާތިލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅީ 50،047 ފޯމު ކަމަށާއި އެއީ އޮންލައިންކޮށް ހުށައެޅި 26،011 ފޯމާއި ފޯމް ލައިގެން ހުށައެޅި 24،036 ހުށައެޅުން ކަމަށެވެ. އޭގެ ތެރެއިން ސައްހަވީ އޮންލައިން ހުށައެޅި 20،902 ފޯމާއި ފޯމުން ހުށައެޅި 17،861 ހުށައެޅުމާއެކު ޖުމްލަ 38،763 ފޯމް ކަަމަށް އޭނަ ވިދާޅުވި އެވެ.
ހަބީބު ވިދާޅުވި ގޮތުގައި ސައްހަކަން ކަށަވަރު ނުވީ އޮންލައިން ހުށައެޅި 5،109 ފޯމާއި ފޯމު ލައިގެން ހުށައެޅި 6،175 ފޯމާއެކު ޖުމްލަ 11،284 ފޯމެވެ.
އޮންލައިންކޮށް ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ ފޮޓޯ އިން މީހާ ކަށަވަރު ނުވުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި ދެ ނިޒާމުން ތަކުރާރުކޮށް ހުށަހެޅުން ފަދަ ކަންކަމާއި ގުޅިގެންނެވެ. އަދި ފޯމުގެ ސައްހަކަން ކަށަވަރު ނުވި ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ފިންގާ ޕްރިންޓް ނެތުމާއި ހެކިންގެ މައުލޫމާތު ދިމާ ނުވުމާއި ގުޅާނެ ފޯނު ނަންބަރެއް ނެތުމާއި މުއްދަތު ހަމަވެފައިވާ ޑޮކިއުމަންޓް ހުށަހެޅުމާއި ދެ ނިޒާމުން ތަކުރާރުކޮށް ފޯމު ހުށަހެޅުން ފަދަ ކަންކަމާއި ގުޅިގެންނެވެ.
ސައްހަކަން ކަށަވަރު ނުވި ހުށަހެޅުންތަކަށް ވެސް ސައްހަކަން ކަށަވަރު ކުރުމަށް ކޮމިޝަނުން ކޮށްދެވެން އޮތް ހުރިހާ ފުރުސަތެއް ފަހިކޮށް ދެވުނު ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.
ރީ ރަޖިސްޓްރޭޝަން ލިސްޓަށް ޝަކުވާ ހުށަހަޅަން އީސީން ހުޅުވާލާފައިވާ އިރު އެ ފުރުސަތު މާދަމާ ރޭގެ 9:00 ޖެހުމާ ހަމައަށް އޮންނާނެ އެވެ.
